ބޮލީވުޑް

ހާލު ސީރިއަސްވެ ރިޝީ ހޮސްޕިޓަލުގައި

ކެންސަރު ބައްޔަށް ފަރުވާ ކުރަން އަހަރެއްހާ ދުވަހު އެމެރިކާގައި ހުރެފައި މިދިޔަ ސެޕްޓެމްބަރު މަހު އެނބުރި އިންޑިޔާ އަށް އައިސްފައިވާ އެކްޓަރު ރިޝީ ކަޕޫރުގެ ސިއްހީ ހާލު ގޯސްވެ ދިއްލީގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކޮށްފި އެވެ.

ރިޝީގެ ގާތް މީހަކު ބުނި ގޮތުގައި އާއިލީ ފަންކްޝަނެއްގައި ބައިވެރި ވާން ދިއްލީއަށް ގޮސް އުޅެނިކޮށް ކުއްލިއަކަށް ރިޝީ ބަލިވެގެން ހޮސްޕިޓަލަށް ގެންދިއުމުން އެޑްމިޓް ކުރީ އެވެ. ރިޝީ އާއެކު އޭނާގެ އަންހެނުން ނީތޫ ސިންގް މި ދަތުރުގައި ދިއްލީއަށް ދިޔަ އެވެ. އަދި ރިޝީ އެޑްމިޓް ކުރި ޚަބަރު ލިބުމާއެކު ރިޝީގެ ފިރިހެން ދަރިފުޅު އަދި މަޝްހޫރު ފިލްމު އެކްޓަރު ރަންބީރު ކަޕޫރާއި އޭނާގެ ލޯބިވެރިޔާ އާލިއާ ބަޓް ވެސް މިހާރު ވަނީ ކުރަން ހުރި ހުރިހާ މަސައްކަތެއް ދޫކޮށްލާފައި ދިއްލީ އަށް ގޮސްފަ އެވެ.

ރިޝީގެ އެކުވެރިން ބުނާ ގޮތުގައި ބޮޑަށް ހީވަނީ ރަނގަޅުވެފައި ހުރެފައި އަނެއްކާވެސް ކެންސަރު އެނބުރި އައީ ކަމަށެވެ. ނަމަވެސް އޭނާ ބަލާ އެއްވެސް ޑޮކްޓަރެއް އަދި ރިޝީ އަށް ވެގެން އުޅޭ ގޮތެއް މީޑިއާ އަށް ކިޔައިދީފައެއް ނުވެ އެވެ.
ކެންސަރު އެނބުރި އަތުވެއްޖެނަމަ އެއީ ވަރަށް ނުރައްކާތެރި ހާލަތަކަށް ރިޝީގެ ސިއްހަތު ދިއުމުގެ ކޮޅުމަތި ކަމަށް ގިނަ މީހުން ގަބޫލުކުރެ އެވެ.

ރިޝީ އެންމެ ފުރަތަމަ ބަލިވީ 2018 އިގެ އޮކްޓޯބަރުގަ އެވެ. ވަގުތުން އޭނާ ފުރައިގެން ނިއުޔޯކަށް ގޮސް ފަރުވާ ފަށައިގެން އަހަރެއްހާ ދުވަސްވީއިރު އެނބުރި އިންޑިއާއަށް ދެވޭ ވަރަށް ރަނގަޅުވި އެވެ. ފުރަތަމަ ރިޝީ އަށް ވެގެން އުޅޭ ގޮތެއް އެކަކުވެސް މީޑީއާ އަކަށް ކިޔައެއް ނުދެ އެވެ. އޭނާއަށް ކެންސަރު ޖެހުނުކަން އެނގުނީ އެ ބަލިން އޭނާ ރަނގަޅު ވެގެން އެނބުރި އައުމަށް ތައްޔާރުވަމުން ދަނިކޮށެވެ.

ރިޝީ ނިއުޔޯކްގައި ހޭދަކުރި ދުވަސްތަކުގައި އޭނާއާއެކު އަބަދުވެސް އަންހެނުން ނީތޫ ހުއްޓެވެ. އަދި ރަންބީރު އާއި އާލިއާ ވެސް ވަރަށް ގިނައިން ޗުއްޓީ ހޯދައިގެން ރިޝީ އަށް ޒިޔާރަތް ކުރަމުން ދިޔައެވެ.

ރިޝީގެ އެއްބަނޑު އެއްބަފާ ދައްތަ ރީތޫ ނަންދާ އަށް ވެސް ކެންސަރު ޖެހިގެން ނުވަ އަހަރު ދުވަހު އެ ބައްޔާ ހަނގުރާމަ ކުރުމަށްފަހު މިދިޔަ މަހު ވަނީ މި ދުނިޔެއަށް އަލްވަދާއު ކިޔާފަ އެވެ. ރިޝީ އަނެއްކާވެސް ބަލިވިއިރު އޭނާ އާއި ދީޕިކާ ޕަދުކޯން ކުޅޭ ފިލްމެއް ވެސް ވަނީ އިއުލާން ކޮށްފަ އެވެ.