ވިޔަފާރި

އެސްއެމްއީ ބޭންކުން 301 ވިޔަފާރި އަށް ލޯނު ދީފި

އެސްއެމްއީ ޑިވްލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން މިހާތަނަށް 301 ވިޔަފާރިއަކަށް ލޯނު ދީފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އާ ދައުރަށް ރައްޔިތުން މަޖިލީސް ހުޅުއްވައި ދެއްވުމުގެ ގޮތުން ރައީސް ސޯލިހު ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް، އުފެއްދި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން މިދިޔަ އަހަރުގެ ނިޔަލަށް 301 ވިޔަފާރި އަކަށް ޖުމްލަ 335 މިލިއަން ރުފިޔާގެ ލޯނު ހަމަޖައްސައިދެވުނު ކަމަށެވެ. އަދި މިއަހަރު ވެސް އިތުރު 450 މިލިއަން ރުފިޔާގެ ލޯނު ދޫކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މީގެ އިތުރުން ފަންޑް މެނޭޖްމަންޓް ކޯރޕަރޭޝަންގެ ފުރަތަމަ ފަންޑެއްގެ ގޮތުގައި އެސް.އެމް.އީ އިނޮވޭޝަން ފަންޑެއް އިފުތިތާހުކޮށްފައިވާ ކަމަށެވެ. މި ފަންޑުގެ ތެރެއިން، ރާއްޖޭގެ ޒުވާނުންގެ އީޖާދީ ޚިޔާލުތަކަށާއި ވިޔަފާރިތަކަށް ފައިސާ ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށާ މިއީ، މިހާތަނަށް، ކުދި ވިޔަފާރިތަކާއެކު ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވެގެން، ވިޔަފާރީގެ ބޭނުން ތަކަށް ފައިސާ ހޯދޭނެގޮތް ހަމަޖެހިގެންދާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަން ޖެހޭ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ މިހާރު މަސައްކަތް ފަށާފައިވާ ނެޝަނަލް ސިންގަލް ވިންޑޯ މަޝްރޫޢުގެ ދަށުން، އޮންލައިން ޕޯޓަލެއްގެ ތެރެއިން އިމްޕޯޓް-އެކްސްޕޯޓާ ގުޅޭ ލިޔެކިޔުންތައް ލުއި ފަސޭހަކޮށް ހުށަހެޅޭނެ އިންތިޒާމު، އަންނަ އޭޕްރިލް މަސް ތެރޭގައި ހަމަޖެހިގެންދާނެ ކަމަށެވެ. އަދި ސަރުކާރުގެ ކަމާގުޅޭ ވުޒާރާތައް މި ޕޯޓަލްއާ ގުޅާލެވި، އިމްޕޯޓް-އެކްސްޕޯޓްގެ ހުއްދަތައް، އަންނަ އަހަރުގެ ތެރޭގައި، އޮންލައިންކޮށް ފޯރުކޮށްދޭން ފެށޭނެ ކަމަށެވެ.

އާ ސަރުކާރުން ފަށަން ނިންމާފައިވާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ވިޔަފާރި ބަނދަރުގެ މަޝްރޫއާ ބެހޭ ގޮތުން ރައީސް ވިދާޅުވީ ގުޅިފަޅުގައި ބައިނަލްއަޤްވާމީ ފެންވަރަށް ހަދާ ވިޔަފާރި ބަނދަރުގެ މާސްޓަރޕްލޭންގެ މަސައްކަތް ނިންމައި، ބަނދަރުގެ ޢަމަލީ މަސައްކަތް މިއަހަރު ފެށޭނެ ކަމަށެވެ.

"މި ބަނދަރު ތަރައްޤީކުރަނީ އަހަރެއްގެ މައްޗަށް އެވްރެޖްކޮށް ހަތަރު ލައްކަ ކޮންޓެއިނަރުގެ މުދާ އަރުވައި ބޭލުމަށް ބޭނުންވާ، ޒަމާނީ ވަސީލަތްތައް ހިމަނައިގެން. އޭގެ އިތުރުން، މާލެ-ތިލަފުށި ގުޅުވައިދޭ ބްރިޖްގެ ޑިޒައިންއާއި ސާވޭގެ މަސައްކަތް މިހާރު ވަނީ ފެށިފައި. އަދި ބްރިޖްގެ ޢަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭ ފެށިގެންދާނެ،" ރައީސް ވިދާޅުވި އެވެ.