ވިޔަފާރި

ދެ އަހަރުން ވައުދުތައް ފުއްދައި، ދަރަނި ކުޑަ ބަޖެޓަކަށް އަމާޒު ހިފާނަން

ސަރުކާރުގެ އަމާޒަކީ ފުރަތަމަ ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގެ އަމަލީ މަސައްކަތް ފެށުމަށް ކަމަށާއި އޭގެ ފަހުން ސަރުކާރުން އަމާޒު ހިފާނީ ދަރަނި ކުޑަ ބަޖެޓްތަކަށް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާގައި ރައީސްގެ ރިޔާސީ ބަޔާން އިއްވަވަމުން އެމަނިކުފާނު ވިދާޅުވީ މި އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރެކޯޑް މިންވަރަކަށް ބޮޑު ބަޖެޓެއް ކަމަށެވެ. އަދި ވިދާޅުވީ އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާ ބަޖެޓަކީ ވެސް ބޮޑު ބަޖެޓަކަށް ވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މި އަހަރާއި އަންނަ އަހަރުގައި ބޮޑު ބަޖެޓެއް ހުށަހަޅަން ނިންމީ ސަރުކާރުގެ ތަރައްގީގެ ވައުދުތައް ފުއްދުމުގެ އަމަލީ މަސައްކަތް ފެށުމަށް ކަމަށެވެ. ސަރުކާރުން ރާވާފައި ވަނީ، އެމަނިކުފާނުގެ ދައުރުގެ ފަހު އަހަރުތަކުގައި ދަރަނި ކުޑަ ބަޖެޓަކާއެކު މަސައްކަތްކޮށް، ބަޖެޓް އަރަނި ކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"މި އަހަރާއި އަންނަ އަހަރަކީ އަޅުގަނޑުމެންގެ ތަރައްގީގެ ވައުދުތައް ފުއްދުމުގެ އަމަލީ މަސައްކަތް ފަށަން ރާވާފައިވާ ދެ އަހަރަށް ވާތީ. އެއަށް ފަހު އަޅުގަނޑުމެން އަމާޒު ހިފާނީ، ދަރަނި ކުޑަ ބަޖެޓަކަށް. މިއީ ރަނގަޅު ރޭވުމެއްގެ މަތިން، އަމާޒެއް އޮވެގެން ކުރަމުން އަންނަ މަސައްކަތެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ގައުމީ ތަރައްގީގެ ދުވެލި ހަލުވި ކުރުމުގެ ސިޔާސަތުގެ ދަށުން ޓެކްސް ނިޒާމު ވަރުގަދަކޮށް، އާމްދަނީ އިން ޓެކްސް ނަގައި، ހުރިހާ ޓެކުހެއް އެއް ގާނޫނެއްގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

"މި ބަދަލާއެކު އަލަށް ތައާރަފްވި، އުޖޫރައިގެ އާމްދަނީން ޓެކްސް ނެގުމުގެ ކަންކަން، މިއަހަރުގެ އެޕްރީލް މަހުން ފެށިގެން ކުރިއަށް ދާނެ. އަދި ވަޒީފާ އަދާކުރާ މީހުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ބިލް، ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް ހުށަހެޅުމަށް އަޅުގަނޑު ގަސްތުކުރަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިދިޔަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 23.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި އަންނަ އަހަރަށް 29.9 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިދިޔަ އަހަރު ދައުލަތުގެ ޖުމްލަ ހަރަދަކީ 28.3 ބިލިއަން ރުފިޔާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި އަހަރުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވެނީ 24.7 ބިލިއަން ރުފިޔާ. މިއީ 2019 ވަނަ އަހަރާ އަޅައިބަލާއިރު 12 އިންސައްތަ އިތުރު މިންވަރެއް. އަދި މިއަހަރުގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި 5.2 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެވްރެޖު އިންފްލޭޝަން ހުންނާނީ 1.0 ޕަސެންޓުގައި

ރައީސް ރާއްޖޭގެ އިގްތިސާދީ ދުވެލި ހުރި މިސްރާބާއި ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތަކަށް ބަލާއިރު، މިއަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި ހުންނާނެކަމަށް ބެލެވެނީ 7.5 ޕަސެންޓުގައި ކަމަށެވެ. އަދި މިއަހަރު ރާއްޖޭގެ އެވްރެޖް އިންފްލޭޝަން ހުންނާނެކަމަށް ބެލެވެނީ 1.0 ޕަސެންޓުގައި ކަމަށެވެ.

"މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރީ 753 މިލިއަން ޔޫއެސް ޑޮލަރު. އަދި މިހާރުގެ އަންދާޒާ ތަކަށް ބަލާއިރު، މިއަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި، 818 މިލިއަން ޔޫއެސް ޑޮލަރު ހުންނާނެކަމަށް ބެލެވޭ. މިދިޔަ އަހަރު ނިމުނުއިރު، ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި ހުރީ 315 މިލިއަން ޔޫއެސް ޑޮލަރު،" ރައީސް ސޯލިހު ވިދާޅުވި އެވެ.