ހަބަރު

ހިޔާ ފްލެޓު ހައްގުވާ ފަރާތްތަކަށް މިއަހަރު ހަވާލު ކުރާނަން: ރައީސް

Feb 3, 2020
3

ހުޅުމާލޭ ދެވަނަ ފިިޔަވަހީގައި އަޅާފައިވާ 7000 ފްލެޓު ދިނުމަށް ހަމަޖެހިފައިވާ ފަރާތްތަކުގެ ފޯމްތައް ސްކްރީން ކުރުމުގެ މަސައްކަތް ނިމި އިއުލާން ކުރަން ތައްޔާރުވެފައިވާ ކަމަށާއި ފްލެޓު ހައްގުވާ ފަރާތްތަކަށް މި އަހަރު ތެރޭގައި ހަވާލު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަބުރުވެރި ދިރިއުޅުމަކަށް ބޭނުންވާ އަމިއްލަ ބޯހިޔާވަހިކަމެއް ނެތުން ކަމަށާއި އެގޮތުން ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ހުށަހެޅި ފޯމުތަކުގެ މައުލޫމާތުތަކަށް ބަލާއިރު، އަތް ފޯރާފަށުގެ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ، 20،000 އަށްވުރެ ގިނަ އާއިލާ ހަމައެކަނި މާލެ ސަރަހައްދުގައި ވެސް އެބަތިބި ކަމަށެވެ.

ރައީސް ވިދާޅުވީ ހިޔާ މަޝްރޫއުގެ 17،189 ފޯމެއް މިހާތަނަށް ސްކްރީން ކޮށްފައިވާ ކަމަށާއި ޝަރުތު ހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް ޖުމްލަ ފަސް ކެޓަގަރީއެއްގެ މަސައްކަތް ނިމި، ފްލެޓް ހައްގުވާ މީހުންގެ ލިސްޓްތައް އިއުލާންކުރުމަށް ތައްޔާރުވެފައިވާ ކަމަށާއި ހިޔާ މަޝްރޫއުގެ 7000 ފްލެޓް މިއަހަރުގެ ތެރޭގައި ހައްގުވެރިންނާ ހަވާލުކުރެވޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"މާލޭ ރަށްވެހިންނަށް ހުޅުމާލޭގައި ހެދުމަށް މި ސަރުކާރުން ނިންމި ފުރަތަމަ 4000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް، މިއަހަރުގެ ތެރޭގައި ފެށޭނެ. ވެށިފަހި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ބޯހިޔާވަހިކަމެއް ހަމަނުޖެހި ތިބި ހުރިހާ އެންމެނަށް ވެސް، އެމީހުންނާއި ސަރުކާރާ ދެމެދު އެއްބަސްވެފައި އޮތް ގޮތަށް، މިއަހަރުގެ ތެރޭގައި ބޯހިޔާވަހިކަން ހަމަޖެހިގެން ދާނެ," ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ހދ. މާވައިދޫ، ފަރިދޫ އަދި ކުނބުރުދޫ އިން ،2011 ވަނަ އަހަރު އެ އަތޮޅު ނޮޅިވަރަންފަރަށް ބަދަލުކުރި އާއިލާތަކުގެ ތެރެއިން، މިހާތަނަށްވެސް ދާއިމީ ބޯހިޔާވަހިކަން ނުލިބޭ އެތައް އާއިލާއެއް އެބަތިބި ކަމަށާއި އެ އާއިލާތަކަށް ބޭނުންވާ 60 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ނިންމައި މިއަހަރު ތެރޭގައި އެތަންތާގައި ދިރިއުޅެން ފެށޭވަރުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.