ބޮލީވުޑް

"ބްރަހްމަޝްތުރަ"ގެ ފުރަތަމަ ބައި ޑިސެމްބަރު 4 ގައި

ޑައިރެކްޓަރު އަޔާން މުކަރުޖީގެ "ބްރަހްމަޝްތުރަ" ޓްރައިލޮޖީގެ ފުރަތަމަ ފިލްމު ރިލީޒްކުރާ ދުވަސް އިއުލާން ކޮށްފި އެވެ. އުފެއްދުމުގެ މަސައްކަތުގައި ގިނަ އަހަރުތަކެއް ނަގާފައިވާ މި ފިލްމުގައި މުހިއްމު ރޯލުތައް ކުޅެނީ ރަންބީރު ކަޕޫރާއި އާލިއާ ބަޓް، އަމީތާބު ބައްޗަން، ނާގްއަރުޖުނާ އަދި މޯނީ ރޯއީ އެވެ.

މި ފިލްމު ރިލީޒްކުރާ ދުވަސް އިއުލާން ކޮށްފައިވަނީ އާލިއާ އިންސްޓަގްރާމްގައި ޝެއާކުރި ވަރަށް ހެއްވާ މެސެޖަކާ އެކުގަ އެވެ. މި ވީޑީއޯ އިން ފެންނަނީ ރަންބީރު، ފިލްމު ރިލީޒްކުރާ ދުވަހެއް ހޯދަން ޑައިރެކްޓަރު އަޔާން އާ ސުވާލުކޮށް އުނދަގޫކުރާ ތަނެވެ. މި ވީޑީއޯގައި އަމީތާބު ވެސް ފެނެ އެވެ. ނަމަވެސް އަމީތާބު ހަރަކާތް ކުރަނީ ފިލްމު ރިލީޒްކުރާ ތާރީޚު އަޔާން ބުނީމަ އެވެ. އެއީ އަންނަ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހެވެ.

ފިލްމު ރިލީޒްކުރާ ތާރީޚު އިއުލާން ކުރުމާ ގުޅިގެން އަމީތާބު ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިހާރު ދެން އަޔާންގެ އަނގައިން ފިލްމު ރިލީޒްކުރާނެ ތާރީޚް ބުނެފައިވާތީ ދެން އެ ތާރީޚަށް ބަދަލެއް ގެނައުމުގެ ހުއްދައެއް ނުލިބޭނެ އެވެ.
"ބްރަހްމަޝްތުރަ" ޕްރޮޑިއުސްކުރަނީ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަން އާއި ފޮކްސް ސްޓާ ސްޓޫޑިއޯޒް ގުޅިގެންނެވެ. މި ފިލްމު އިންޑިއާ މީހުން ވާހަކަ ދައްކާ ފަސް ބަހަކުން ނެރުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ހިންދީ، ތަމަޅަ، ތެލުގޫ، މަލަޔާލަމް އަދި ކަންނާޑާ އެވެ.

ފިލްމު ކުރިން ރިލީޒްކުރަން ހަމަޖެހިފައި އޮތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ނަމަވެސް 2020ގެ ހޫނު މޫސުމަށް ފިލްމު ރިލީޒްކުރުން ލަސްކޮށްލީ އަޔާން ބޭނުންވެގެންނެވެ. އޭނާ ބުނެފައިވަނީ ފިލްމުގެ ވީއެފްއެކްސް މަސައްކަތް ރަނގަޅުކުރަން ވަގުތު ބޭނުންވާ ކަމަށެވެ.