ހަބަރު

ތިލަ މާލެ ބްރިޖުގެ މަސައްކަތް މި އަހަރު ފަށާނެ: ރައީސް

މާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވައިދޭ ބްރިޖުގެ ސާވޭ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ މާލެ، ތިލަފުށި ގުޅުވައިދޭ ބްރިޖްގެ ޑިޒައިންއާއި ސާވޭގެ މަސައްކަތް މިހާރު ވަނީ ފެށިފައިވާ ކަމަށާއި ބްރިޖްގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭ ފެށިގެން ދާނެ ކަމަށެވެ.

މި އަހަރަށް ފާސްކުރި ބަޖެޓްގައި ގްރޭޓާ މާލެ ސަރަހައްދު ގުޅައިލުމުގެ މަސައްކަތުގެ ތެރެއިން މާލެ-ތިލަފުށި ބްރިޖު އެޅުމަށް 411 މިލިއަން ރުފިޔާ ހަރަދު ކުރަން ވަނީ ހިމަނައިފަ އެވެ. އަދި ގުޅިފަޅު ހިއްކުމާއި ޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް 247 މިލިއަން ރުފިޔާ ހަރަދު ކުރަން ވެސް ވަނީ ބަޖެޓުގައި ހިމަނައިފަ އެވެ.

ރައީސް ސޯލިހު މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި ދެ އަހަރުގެ ތެރޭގައި އެ ބްރިޖުގެ މަސައްކަތް ނިމިގެންދާނެ އެވެ. އެ މަޝްރޫއުއަކީ މި ސަރުކާރުން އިއުލާން ކޮށްފައިވާ އެންމެ ބޮޑު ތަރައްގީގެ މަޝްރޫއު އެވެ.

މާލެ ސަރަހައްދު ހަތަރު ރަށް ގުޅާލުމުގެ ޕްލޭން ފުރަތަމަ އިއުލާން ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރިޔާސީ ކެމްޕެއިން ދުވަސްވަރުގަ އެވެ. އޭރު އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ތިބި މިހާރު ސަރުކާރުގެ ވެރިން އެ މަޝްރޫއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.

މާލެ ސަރަހައްދު ހަތަރު ރަށް ގުޅާލުމުގެ ޕްލޭން ފުރަތަމަ އިއުލާން ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރިޔާސީ ކެމްޕެއިން ދުވަސްވަރުގަ އެވެ. އޭރު އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ތިބި މިހާރު ސަރުކާރުގެ ވެރިން އެ މަޝްރޫއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. މި ބްރިޖު ވެގެން ދާނީ މާލޭ ސަރަހައްދުގައި އަޅާ ދެވަނަ ބްރިޖަށެވެ.

ބްރިޖުގެ ސާވޭ މަސައްކަތް ފަށާފައިވީ ނަމަވެސް ބްރިޖުގެ މަސައްކަތް އަދި ބަޔަކާ ހަވާލެއް ނުކުރެ އެވެ. އަދި އެކަމާ ގުޅޭ ތަފްސީލެއް ވެސް ސަރުކާރުން ނުދެ އެވެ. ހުޅުމާލެ އާއި މާލެ ގުޅުވައިދިން ބްރިޖު މިދިޔަ ސަރުކާރުގައި އެޅީ ޗައިނާގެ އެހީއާއެކު ޗައިނާގެ ކުންފުންޏަކުންނެވެ. ނަމަވެސް މި ސަރުކާރާއި ޗައިނާގެ ގުޅުން އެހާ ރަނގަޅު ނޫންކަން ފާހަގަކޮށްލެވެ އެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިތުރަށް ވިދާޅުވި ގޮތުގައި ގުޅިފަޅުގައި ބައިނަލްއަގްވާމީ ފެންވަރަށް ހަދާ ވިޔަފާރި ބަނދަރުގެ މާސްޓާޕްލޭންގެ މަސައްކަތް ނިންމައި، ބަނދަރުގެ އަމަލީ މަސައްކަތް ވެސް މިއަހަރު ފެށޭނެ އެވެ. މި ބަނދަރު ތަރައްގީކުރަނީ އަހަރެއްގެ މައްޗަށް އެވްރެޖްކޮށް ހަތަރު ލައްކަ ކޮންޓެއިނަރުގެ މުދާ އަރުވައި ބޭލުމަށް ބޭނުންވާ، ޒަމާނީ ވަސީލަތްތައް ހިމަނައިގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.