ހަބަރު

"މަޖިލިސް ސަރުކާރަށް ވާގިވެރިވެ ފާރަވެރިވެސް ވާނެ"

Feb 3, 2020

ސަރުކާރުން ގައުމުގެ ތަރައްގީއަށްޓަކައި ކުރާ މަސައްކަތްތަކަށް ރައްޔިތުންގެ މަޖިލީހުން ވާގިވެރިވެ އެއްބާރުލުން ދޭނެ ކަމަށާއި އެއާއެކު ފާރަވެރިވެ ޖަވާބު ދާރީ ވެސް ކުރުވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ޖަލްސާތައް ފެއްޓެވުމުގެ ގޮތުން މިއަދު ބޭއްވި ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ބައްޓަންވާނީ ގާނޫނުއަސާސީ އާއި ދައުލަތުގެ ބާރުތައް ރައްކާތެރިކޮށް ތަރައްގީއާއި ކުރިއެރުމަށްޓަކައި މަސައްކަތްތައް ކުރުން ކަމަށާއި އެކަމުގައި ސަރުކާރަށް ވާގިވެރިވަމުން އަދި ސަރުކާރު ޖަވާބުދާރި ކުރުވަމުން ގެންދަވާނެ ކަމަށެވެ. އަދި ސަރުކާރު ސިޔާސަތުތައް ތަންފީޒު ކުރުމުގައި އެހީތެރިވާނެ ކަމަށާއި އެ ސިޔާސަތުތައް ތަންފީޒު ކުރުމަމުންދާއިރު ވާގިވެރިކަމާއެކު ފާރަވެރިވާނެ ކަމަށް ރައީސް ނަޝީދު ތަކުރާރު ކުރެއްވި އެވެ.

"އަޅުގަނޑު މިއަދު ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވައި ޔަގީންކޮށް މި އަރުވަނީ ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ކުރިއެރުމާއި ލަބަޔާއި ތަރައްގީއަށްޓަކައި ސަރުކާރުން ކުރައްވަވާ އެންމެހާ ކަންކަމުގައި ފަސް ޖެހުމެއް ނެތި ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ދިވެހި ސަރުކާރަށް ލިބިވަޑައިގަންނަވާނެ. ހަމައެއާއެކު ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއްބާރުގެ ގޮތުގައި އޮވެ ސަރުކާރުން ކުރާ ކަންތައްތަކުގައި ފާރަވެރިވެ ސަރުކާރު ޖަވާބު ދާރީ ކުރުވުމުގެ މުހިންމު މައްސޫލިއްޔަތު އަދާ ކުރުމުގެ ބޮޑު ޒިންމާ ގާނޫނު އަސާސީން ވަނީ މި މަޖިލީހަށް އަރުވައިފަ," ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީއަކީ ރައީސް ސޯލިހު ވެސް ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ކަމަށްވާއިރު މަޖިލީހުގެ 75 ޕަސަންޓު މެންބަރުންނަކީ އެމަނިކުފާނުގެ މެންބަރުން ކަމަށެވެ. އަދި މިހާތަނަށް ވެސް މަޖިލީހުން ސަރުކާރު ޖަވާބު ދާރީ ކުރުމުގެ މަސައްކަތް ފުރިހަމައަށް ކުރައްވާ ކަމަށް ރައީސް ސޯލިހު ވެސް ފާހަގަ ކުރައްވާތީ އުފާ ކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.