ވެރިކަމުގެ ފުރަތަމަ ދުވަހު އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަންގެ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އެސެޓް ރިކަވަރީ ކޮމިޝަނަކީ މިދިޔަ ސަރުކާރުގެ ތެރޭގައި ހިނގައިދިޔަ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމަށް އުފެއްދެވި ކޮމިޝަނެކެވެ. މި ކޮމިޝަންގެ އެންމެ ބޮޑު މަސައްކަތަކަށް ވެފައި އޮތީ އެމްއެމްޕީއާރްސީގެ ބޮޑު ކޮރަޕްޝަން ތަހުގީގު ކުރުމެވެ.
އެ ކޮމިޝަންގެ މަސައްކަތްތައް ލަސްވެ، ފިޔަވަޅުތަކެއް އެޅިގެން ނުދާތީ މީގެކުރިން ފާޑުކިޔުންތައް ވެސް އަމާޒުވި އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ ދައުލަތުން ގެއްލިފައިވާ މުދަލާއި ފައިސާތައް ހޯދުމަށް އެކުލަވައިލި އެސެޓް ރިކަވަރީ ކޮމިޝަންގެ މަސައްކަތްތައް ނިންމައިވާ ކަމަށާއި ފައިނަލް ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އެ މައްސަލަތަކުގެ ރިޕޯޓްތައް ލިބުމުން، އެކަންކަމާ ގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑު އަޅަމުން ގެންދާނަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގަށް ރިއާޔަތްކޮށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ހިޔާނަތާއި މަނީ ލޯންޑްރިންގެ ދައުވާތަކެއް ވެސް މިހާރު ވަނީ އުފުލާފަ އެވެ.
ދެން ރައީސް ސޯލިހު އުފެއްދެވި ކޮމިޝަނަކީ ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކާ ގުޅޭ ކޮމިޝަނެވެ. އެ ކޮމިޝަންގެ އެންމެ ފަހުގެ އަޕްޑޭޓް ވެސް ރައީސް ދެއްވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ބެލި މައްސަލަތަކުގެ ތެރެއިން ބްލޮގާ ޔާމީން ރަޝީދާއި ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މައްސަލައިގެ ރިޕޯޓް ފުރިހަމަކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެކޮމިޝަނުން ބެލި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައާއި ޖަލުގައި މަރުވި ހަސަން ޒަރީރުގެ މަރުގެ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، ދައުވާކުރަންޖެހޭ މީހުންނާ މެދު ދައުވާކުރުމުގެ ކަންކަން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.
މީގެކުރިން ރިލްވާން އާއި އަފްރާޝީމް މައްސަލާގެ ރިޕޯޓްތައް އާންމުކުރި އެވެ. ނަމަވެސް އެއީ ފައިނަލް ރިޕޯޓެއް ނޫނެވެ. އެ ރިޕޯޓާ ގުޅިގެން މީހަކަށް ދައުވާކޮށްފައެއް ނުވެ އެވެ. ނަމަވެސް ރިލްވާންއަށް ވީގޮތް އެ ރިޕޯޓް ބުނެދީފައިވެ އެވެ. މި މައްސަލަތަކަށް އިންސާފު ނުލިބި ގިނަ ދުވަސްވެގެން ދާތީ އާއިލާތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.