ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މަޖިލީހާއި ސަރުކާރުން މި ދެއްކީ ބާރުތައް ވަކިން ހިންގުމުގެ މިސާލެއް: ރައީސް

ސަރުކާރަށް ވެގެން މި ދިޔަ އަހަރު ދުވަހުގެ ތެރޭގައި ދައްކާފައި ވަނީ ދައުލަތުގެ ތިން ބާރު ވަކިވެ، މިނިވަން ކަމާ އެކު މަސައްކަތް ކުރާނެ ނިޒާމެއްގެ ރީތި މިސާލެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާގައި ރައީސްގެ ރިޔާސީ ބަޔާން އިއްވަވަމުން އެމަނިކުފާނު މިއަދު ވިދާޅުވީ ސަރުކާރަށް އަހަރެއްހާ ދުވަހާއި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހަށް އަށް މަސް ވެގެން ގޮސްފައިވާ ކަމަށެވެ. މި މުއްދަތުގައި ފެނިގެން ދިޔައީ ދައުލަތުގެ ތިން ބާރު މިނިވަން ކަމާ އެކު މަސައްކަތް ކުރުމުގެ ރީތި މިސާލެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ރައްޔިތުންނަށް ފެނިގެން މި ދިޔައީ، ދައުލަތުގެ ތިން ބާރު މިނިވަންކަމާއެކު މަސައްކަތްކޮށް، އެއް ބާރުން އަނެއް ބާރަށް އެހީތެރިވެ، ފާރަވެރިވުމާއި ޒިންމާދާރު ކުރުވުމުގެ ވަރަށް ރީތި މިސާލެއް،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޑިމޮކްރަސީގެ އެ އުސޫލު ނެގެއްޓުމުން އެ ކަމުގެ ހުރިހާ ލާބައާއި މަންފާއެއް ލިބޭނީ އާންމު ރައްޔިތުންނަށް ކަމަށެވެ. ދައުލަތުގެ ދުސްތޫރީ އިމުގެ ތެރޭގައި ދައުލަތުގެ ކޮންމެ ބާރެއް ވެސް މަސައްކަތް ކޮށްފިނަމަ އަދި އެ ބައެއްގެ މަސައްކަތަށް އެ ބަޔަކު ސަމާލު ކަން ދޭނަމަ ރައްޔިތުންނަށް ލިބޭ ލާބަ އާއި މަންފާ އިތުރުވާނެ ކަމަށް ވިދާޅުވި އެވެ.

ފުރަތަމަ ދައުރު 56 ބިލެއް ފޮނުވަނީ

ރައީސް ސޯލިހް ވިދާޅުވީ، މި އަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި ސަރުކާރުގެ ފަރާތުން 56 ބިލެއް ފޮނުވަން ގަސްދުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 32 ބިލަކީ މިހާރު އަމަލު ކުރަމުން އަންނަ ބައެއް ގާނޫނުތަކަސް އިސްލާހު ގެނައުމުގެ ބިލުތަކެއް ކަމަށާއި މުޅިން އަލަށް އުފައްދާ ގާނޫނުތަކާ ބެހޭ 24 ބިލެއް ވެސް ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެ ބިލްތައް ފާސްކުރުމުގައި ވެސް، މި ޢިއްޒަތްތެރި މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން އަޅުގަނޑަށް ޔަގީން." ރައީސް ވިދާޅުވި އެވެ.

މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހަށް މިދިޔަ އަހަރު ސަރުކާރުން 49 ބިލެއް ފޮނުވި އެވެ. އޭގެ ތެރެއިން 27 ބިލެއް މަޖިލީހުން ފާސްކުރި އެވެ.

ރައީސް ވިދާޅުވީ، މަޖިލީހުގެ ފަރާތުން ސަރުކާރުގެ ވައުދުތައް ފުއްދުމުގައި އެއްބާރުލުން ލިބޭ ކަމަށާއި ސަރުކާރުން ކުރާ ކަންކަމަށް މަޖިލީހުން ފާރަވެރިވަމުން ވެސް ދާ ކަަށެވެ. އެހެންކަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ، އަދި މަޖިލީހުގެ މެންބަރުންނަށް ރައީސް ސޯލިހް ޝުކުރު އަދާ ކުރެއްވި އެވެ.