އެމެރިކާގެ އަވަށެއް ކަމަށްވާ ވާމޮންޓްގެ އޮނަރަރީ މޭޔަރުގެ މަގާމަށް މިފަހަރު ވާދަކުރަނީ ލިންކޮން ބަކައްޓާއި ސެމީ ކުއްތާ އެވެ. މިދިޔަ އަހަރު ލިންކޮން ބަކަރި ވަނީ މޭޔަރުގެ މަގާމަށް ހޮވިފަ އެވެ. އަދި މިފަހަރުވެސް އެ ސޮރު ވަނީ ހަމަ އެ މަގާމަށް ކުރިމަތިލާފަ އެވެ. ނަމަވެސް މިދިޔަ އަހަރަށް ވުރެ މި އަހަރު އެ ސޮރަށް ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ. ސަބަބަކީ ސެމީ ކުއްތާ ވެސް މި މަގާމަށް މިއަހަރު ވާދަ ކުރާތީ އެވެ.
ލިންކޮން ބަކައްޓަށް މިދިޔަ އަހަރު އިންތިޚާބުގައި ވާދަ ކުރެވެނީ އެ ސޮރު އެ މަގާމަށް ނެރެން ޓައުން މެނޭޖަރު ބޭނުންވެގެންނެވެ. އެއީ އެ ހިސާބުގަނޑުގެ ކުޑަކުދިންނަށް ކުޅޭ ދަނޑެއް އަޅާދިނުމަށް ފައިސާ އެއްކުރުމަށް ބޭއްވި އިންތިޚާބެކެވެ. ކުރީ އަހަރުގެ އިންތިޚާބަށް ލިބުނު ތަރުހީބުގެ ބޮޑުކަމުން މިއަހަރުވެސް ލިންކޮން ބަކަރި އިންތިޚާބުގައި ބައިވެރިކުރީ އެވެ. ލިންކޮން ބަކައްޓާ ވާދަކުރާ ސެމީ ކުއްތާ އަކީ ޕޮލިސް ޗީފް ނޮމިނޭޓްކޮށްފައިވާ އެއްޗެކެވެ. ސެމީ އަކީ އަވަށުގެ އެންމެން ވެސް ވަރަށް ލޯބިވާ ކުއްތާ އެކެވެ.
ސަބަބަކީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެ ސޮރު އެ އަވަށުގެ ހުރިހާ ސްކޫލަކަށް ޒިޔާރަތްކޮށް އަވަށުގެ އެކި ކަންކޮޅުތަކުގައި ބާއްވާ ވަރަށް ގިނަ ކޮންސެޓްތަކަށް ވެސް ދާތީ އެވެ.
ވޯޓުލުން އޮންނާނީ އަންނަ މާޗް 3 ގައެވެ. ކޮންމެ މީހަކަށް ވެސް ވޯޓު ލެވެނީ އެއް ޑޮލަރު ދީގެންނެވެ. މިއީ ކުޅިވަރު ކުޅޭ ދަނޑު އަޅަން އެއްކުރާ ފައިސާ އެވެ. މިހާތަނަށް މި ފަންޑަށް ލިބިފައިވަނީ 10000 ޑޮލަރެވެ. ދަނޑު އެޅެން އަންނަނީ 80000 ޑޮލަރު ލިބިގެންނެވެ.
އޮނަރަރީ މޭޔަރުގެ ޒިންމާ އަކީ ކޮބައިތޯ ސުވާލު ކުރުމުން ޓައުން މެނޭޖަރު ޖޯ ގަންޓާ ބުނީ އަވަށުގައި އޮންނަ ޕެރޭޑްތަކުގައި މާޗްކުރުމާއި، ކުޅިވަރު ކުޅޭ ދަނޑަށް ފަންޑު ހޯދުން، އަދި ބައެއް ފަހަރު ބޯޓް އޮފް ސެލެކްޓްމޭންގެ ކަންތައް ހިނގާ ގޮތް ދުރުން ބެލުން ހިމެނެ އެވެ.
މި ޚަބަރު ސޯޝަލް މީޑިއާގައި އާއްމުވުމުން ވަރަށް ގިނަ ބަޔަކަށް މިއީ މަޖާކަމަކަށް ވެގެން ވަރަށް ހެއްވާ ކޮމެންޓްތައް ކޮށްފައި ވެއެވެ.
ވޯލްޓާ ކިޔާ މީހަކު ކޮށްފައިވާ ޓުވީޓެއްގައި ވަނީ "އެމެރިކާގެ ވެރިކަން ކުރަން މި ބަކަރި ރަނގަޅުވާނެ" ކަމަށެވެ.
ކޭލިމް ކިޔާ މީހަކުގެ ޓުވީޓުގައި ވަނީ އޭނާ ދުވަހަކުވެސް މިފަދަ ވޯޓެއް ނުލާ ކަމަށާއި މި ދެ ސޮރުން ކުރެ ވޯޓު ލާންވީ ކޯޗަކަށް ކަމެއް ނޭނގޭ ކަމަށެވެ.
އެހެން މީހަކު ކުރި ޓުވީޓެއްގައި ވަނީ ދޭތި ވެސް ކާމިޔާބުވާން ބޭނުންވާތީ ދަށްވާ ސޮރަށް ޑެޕިއުޓީ މޭޔަރުކަން ދޭން ފެންނަ ކަމަށެވެ. ޕެޓްރީޝިއާ ހޯލް ކިޔާ މީހެއްގެ ޓުވީޓްގައި ވަނީ ރިޕަބްލިކަން ކެންޑިޑޭޓުގެ ގޮތުގައި މި ބަކަރި ރިޔާސީ އިންތިޚާބުގައި ވާދަ ކުރުވަން ރަނގަޅުކަމަށެވެ. ހަމަ ގައިމުވެސް މިހާރަށް ވުރެ ކަންކަން ގޯސް ވެގެން ނުދާނެކަމަށް އެމީހާ ބުނެފައި ވެއެވެ.