ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ކަމަށާ އެކަން ނޭނގުމަކީ އިދިކޮޅުގެ މައްސަލައެެއް ނޫން ކަމަށް ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
މީދޫ ދާއިރާގެ މެންބަރު ޝަރީފު މިހެން ވިދާޅުވީ މަޖިލީހުގައި މިހާރު ސިޔާސީ ޕާޓީތައް ތަމްސީލުވާ ގޮތުން، މައިނޯރިޓީ ލީޑަރަކީ ކޮން ބޭފުޅެއްކަން އަދި ކަނޑައެޅިފައި ނުވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވުމާއި ގުޅިގެންނެވެ.
މަޖިލީސް މި ދައުރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްވެވި ރިޔާސީ ބަޔާނަށް ފަހު ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ 14 ދުވަހުގެ ތެރޭގައި އެ ބަޔާނަށް ޖަވާބު ދިނުމުގެ މަސްއޫލިއްޔަތު އާންމު އުސޫލުގެ ދަށުން އޮންނަނީ މަޖިލީހުގެ އިދިކޮޅު ލީޑަރަށް ކަމަށެވެ. ރައީސް ސޯލިހު ނިސްބަތްވާ އެމްޑީޕީ ފިޔަވައި، ޕީޕީއެމްގެ ފަސް މެންބަރުންނާއި ޖޭޕީގެ ފަސް މެންބަރުންނާއި ޕީއެންސީގެ ތިން މެންބަރުން އަދި އެމްޑީއޭގެ ދެ މެންބަރުން މަޖިލިސް ތަމްސީލު ކުރައްވާ ކަމަށެވެ.
"ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާނީ ކޮން ބޭފުޅެއްކަން އަޅުގަނޑުމެންނަށް ސާފު ކުރެވުނީމާ، ޖަވާބު ދިނުމުގެ މަސައްކަތް ކުރާނަން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވީ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް، ޕީޕީއެމާ ގުޅުނުކަން އެ ޕާޓީން އިލެކްޝަންސް ކޮމިޝަނަށާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އަންގާފައިވާ ކަމަށެވެ. އަދި އެކަން އެ މެންބަރު ވެސް މަޖިލީހަށް އަންގާފައިވާ ކަމަށެވެ.
"މިހާރު ޕީޕީއެމްގައި ހަ މެންބަރުން ތިބޭނެ. މައިނޯރިޓީ ލީޑަރަކީ ޕީޕީއެމްގެ ޕީޖީ ލީޑަރު މެންބަރު ސަލީމްކަން ނޭނގުމަކީ އިދިކޮޅުގެ މައްސަލައެއް ނޫން." ރައީސް ނަޝީދަށް އަމާޒު ކުރައްވާ މެންބަރު ޝަރީފު ވިދާޅުވި އެވެ.
ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު އިދިކޮޅު ޕީޕީއެމާއި ގުޅިވަޑައިގެންފައިވަނީ ނޮވެންބަރު 22، 2019 ގައެވެ.
ހުސައިންއަކީ މިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ޕީޕީއެމަށް ނިސްބަތްވެ ވަޑައިގެންނެވި މެންބަރެކެވެ. އަދި ރައީސް ޔާމީންގެ އަރިސް ބޭފުޅެކެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގައި ޕީޕީއެމް ބަލިވެ، އެ ޕާޓީގެ ލީޑާޝިޕަށް ބަދަލު އަންނަން ޖެހޭ ކަމަށް ވިދާޅުވެ ރައީސް ޔާމީނަށް އޭނާ ފާޑުވިދާޅުވެ ވާހަކަފުޅު ދެއްކެވި އެވެ. އޭގެ ފަހުން އޭނާ ޖުމްހޫރީ ޕާޓީއާ ވެސް ގުޅިވަޑައިގެންނެވި އެވެ.
ފަހުން 19 ވަނަ މަޖިލީސް އިންތިޚާބުގައި އޭނާ ވާދަ ކުރެއްވީ އަމިއްލަ މެންބަރެއްގެ ގޮތުގަ އެވެ. އަލުން ޕީޕީއެމާއި ގުޅިވަޑައިގަތުމާއި ހަމައަށް އޭނާ މަޖިލީހުގައި ތަމްސީލް ކުރެއްވީ އަމިއްލަ މެންބަރެއްގެ ގޮތުގަ އެވެ.
މަޖިލީހުގެ މެންބަރުން ނިސްބަތްވާ ޕާޓީތަކުގެ ތެރެއިން އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއަކީ ސަރުކާރުގެ ބައިވެރިންނެވެ. އަދި ޕީޕީއެމްއާއި ޕީއެންސީއަކީ އިދިކޮޅު ދެ ޕާޓީއެވެ. އެމްޑީއޭ މި ދައުރުގައި ވަކި ކޮޅެއް ނަގާފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ވާގޮތުން، ރިޔާސީ ބަޔާނަށް މަޖިލީހުގެ މެންބަރުން ޖަވާބުދާރީވާން ޖެހެ އެވެ. އެގޮތުން އެވަގުތު މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން، ރައީސް ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނައިން މެންބަރުން ތިބި ޕާޓީތަކުގެ ފަރާތުން މެޖޯރިޓީ ނުވަތަ މައިނޯރިޓީ ލީޑަރު ރިޔާސީ ބަޔާނަށް ޖަވާބުދޭން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.
ނަމަވެސް 2012 ވަނަ އަހަރުން ފެށިގެން މަޖިލީހުގެ ގަވާއިދާ އެއްގޮތަށް އެކަން ކޮށްފައެއް ނުވެއެވެ. އެ އަހަރު ރައީސް ވަހީދު އިއްވެވި ރިޔާސީ ބަޔާނަށް ޖަވާބުދާރީވުމަށް އެމްޑީޕީން ދެކޮޅު ހެދިފަހުން މިދިޔަ އަހަރުތަކުގައި މަޖިލީސް ހުޅުވުމަށް ރައީސް އިއްވަވާ ރިޔާސީ ބަޔާނަށް ޖަވާބުދާރީވެފައެއް ނުވެ އެވެ.
މަޖިލީހުގެ ގަވާއިދުގައި ރިޔާސީ ބަޔާނަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް ބުނެފައިވީ ނަމަވެސް އެކަން ނުކުރެވިއްޖެ ހާލަތެއްގައި އަމަލު ކުރާނެ ގޮތެއް ބަޔާން ކޮށްފައެއް ވެސް ނުވެއެވެ.