ކީލިއަން އެމްބާއްޕޭ

އެމްބާޕޭގެ މައްސަލަ އުފައްދަނީ މީޑިއާއިން: ޓޫހުލް

ޕީއެސްޖީގެ ފޯވަޑް ކިލިޔަން އެމްބާޕޭ އާއި އޭނާއާ މެދު މައްސަލަ އުޅޭ ކަމަށް ދައްކަނީ މީޑީއާއިން ކަމަށް ޕީއެސްޖީގެ ކޯޗް ތޯމަސް ޓޫހުލް ބުނެފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު މޮންޓެޕިލާ އާ ދެކޮޅަށް 5-0 ން ޕީއެސްޖީ މޮޅުވި މެޗުގެ 68 ވަނަ މިނެޓްގައި ޓޫހުލް ވަނީ އެމްބާޕޭ ބޭލުމަށް ފަހު މައުރޯ އިކާޑީ ކުޅެން ނެރެފަ އެވެ. އެމްބާޕޭ ބަދަލު ކުރުމުން އޭނާ ވަނީ ހިތްހަމަ ނުޖެހުން އޭނާގެ އިޝާރާތްތަކުން ހާމަކޮށްފަ އެވެ. ބެންޗަށް ގޮސް ޓޫހުލް އާ މުއާމަލާތް ކުރުމަށް ވެސް އެމްބާޕޭ ވަނީ ދެކޮޅު ހަދާފަ އެވެ.

އެ މެޗަށް ފަހު މީޑިއާގައި ފެތުރިގެން ދިޔައީ، ޕީއެސްޖީއާ މެދު ހިތްހަމަ ނުޖެހި އެމްބާޕޭ ކުލަބު ދޫކޮށްލަން ބޭނުންވާ ކަމަށެވެ. އެމްބާޕޭ ގެންދިއުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ ރެއާލް މެޑްރިޑާއި ލިވަޕޫލެވެ. އެހެން ނަމަވެސް ޓޫހުލް ބުނީ ކޯޗް ނިންމާ ނިންމުމެއްގެ ސަބަބުން އެމްބާޕޭ ޕެރިސް ދޫކޮށްލާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

"އަހަރެން ގަބޫލެއް ނުކުރަން އެ ހާލަތު އެއީ ސަބަބެއް ކަމަށް ދައްކައިގެން އެމްބާޕޭ ކުލަބު ދޫކޮށްލަން ބޭނުންވާނެ ކަމަކަށް،" މޮންޓެޕިލާ މެޗުގައި އެމްބާޕޭ ބަދަލު ކުރަން ނިންމި ނިންމުމަށް އިޝާރާތްކޮށް ޓޫހުލް ވާހަކަ ދެއްކި އެވެ. "އެނިންމުން ނިންމީ އަހަރެން، އެއީ ކޯޗްގެ ވަޒީފާ، އެއީ އަހަރެމެން ދެމީހުންގެ ދެމެދުގައި އޮންނަ ޕާސަނަލް ކަމަކުން ނިންމި ނިންމުމެއް ނޫން، އެއީ ބަދަލު ކުރަން ބޭނުން ނުވާ ކުޅުންތެރިޔަކާ ބަދަލު ކުރަން ޖެހޭ ކަމަށް ސަބަބުތަކެއް ހުރި ކޯޗެއްގެ ދެމެދުގައި ވާ ކަމެއް، ސަބަބަކީ އެ ކޯޗް ހުރި ބެންޗުގައި މެޗުން ފުރުސަތު ދޭން ޖެހޭވަރުގެ ކުޅުންތެރިޔެއް ހުރުމުން."

"މައްސަލަ އުޅޭ ކަމަށް ފެންނަނީ، ކެމެރާތަކަށް، ސަޕޯޓަރުންނަށް ނޫސްވެރިންނަށް، ވަރަށް ގިނަ ބަޔަކު ބެނުންވޭ އެކަމާ ބެހޭގޮތުން ވާހަކަ ދައްކަން، އެހެންނަމަވެސް އަހަރެނ ބުނަން ދަނޑުމަތީގައި ހިނގިއޭ ވަރަށް ޕޮޒެޓިވް ކަންކަން އެކަމާ ބެހޭގޮތުން މާބޮޑަށް ވާހަކަ ދައްކަން ޖެހޭ."

ޕީއެސްޖީ މިރޭ ނުކުންނާނީ ނޭންޓްސް އާ ދެކޮޅަށެވެ.