ކާތިކް އާރްޔާން

"ތާނާޖީ"ގެ ޑައިރެކްޓަރުގެ އާ ފިލްމުގައި ކާރްތިކް

އަޖޭ ދޭވްގަން އާއި ކާޖޮލްގެ "ތާނާޖީ: ދި އަންސަންގް ހީރޯ" ގެ ޑައިރެކްޓަރު އޯމް ރާއުތު އަލަށް ފަށާ ފިލްމުގެ ބަތަލުގެ ބައި ކުޅެން ކާރްތިކް އާރްޔަން ސޮއި ކޮށްފި އެވެ.

ކުޅުނު ހުރިހާ ފިލްމެއް ހިޓްވުމުގެ ސަބަބުން ކުރު މުއްދަތެއްގެ ތެރޭގައި ކާމިޔާބު އެކްޓަރެއްގެ މަގާމު ހޯދާފައިވާ ކާރްތިކް މި ފިލްމުގައި ކުޅެނީ ވަރަށް އެކްޝަން ރޯލެކެވެ. މިއީ މިފަދަ ރޯލެއް އޭނާ ކުޅޭ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އޭނާ ކުޅުނު ހުރިހާ ފިލްމެއްގައި ވެސް ކާރްތިކް ފެނިފައިވަނީ ލޯބީގެ ރޯލުތަކުންނެވެ.

ސާރާ އަލީ ޚާނާއެކު ކާރްތިކް ކުޅެފައިވާ "ލަވް އާޖް ކަލް" ރިލީޒް ކުރަން ކައިރިވެފައިވާތީ ވަރަށް ބުރަކޮށް އެ ފިލްމު ޕްރޮމޯޓް ކުރުމުގައި އުޅެމުން ކާރްތިކް ބުނީ ކާމިޔާބީގެ ސަބަބުން ބޭނުން ކަހަލަ ރޯލުތައް ޚިޔާރު ކުރުމުގެ ފުރުސަތު ލިބޭ ކަމަށެވެ. މީގެ ކުރިން އެފަދަ ފުރުސަތުތައް އޭނާއަށް ނުލިބޭ ކަމަށާއި ލިބޭ ކޮންމެ ފިލްމެއް ގަބޫލުކުރަން މަޖްބޫރުވާ ކަމަށް ވެސް ކާރްތިކް ބުންޏެވެ.

ފެބްރުއަރީ 14 ގައި ރިލީޒްކުރާ "ލަވް އާޖް ކަލް" ޑައިރެކްޓް ކުރަނީ އިމްތިޔާޒު އަލީ އެވެ.

މި ފިލްމު ނޫނަސް ވަރަށް ޝައުގުވެރިވާ ފިލްމުތަކެއް ކާރްތިކް މިހާރު ވެސް ދަނީ ކުޅެމުންނެވެ. އޭގެ ތެރޭގައި ޖާންވީ ކަޕޫރާއެކު ކުޅޭ "ދޯސްތާނާ 2" އާއި "ބޫލް ބުލައްޔާ" ސީކުއަލް ހިމެނެ އެވެ.