ލައިފްސްޓައިލް

ކުކުޅުމަހުގެ ނަމުގައި ކާޅު މަސް ވިއްކާ ބަޔަކު ހައްޔަރުކޮށްފި

"ކާކާ ބިރިޔާނީ" އަކީ އިންޑިއާގެ ޓެމިލް ނާޑޫގެ ސަރަހައްދެއްގެ މަގުމަތީގައި ހުންނަ ކުދިކުދި ސްޓޯލްތަކުގައި ޒަމާނުއްސުރެ ވިއްކަމުން އަންނަ ވަރަށް މަޝްހޫރު ބިރިޔާނީ އެކެވެ.

ތަމަޅަ ފިލްމެއް ކަމަށްވާ "ރަން" ގައި ވެސް އެކްޓަރު މާދަވަން އާއި ތަމަޅަ ކޮމޭޑިއަން ވިވޭކްގެ ވަރަށް މަޝްހޫރު މަންޒަރެއް މި ހިސާބުގައި ނަގާފައި ވެއެވެ. އެ މަންޒަރުގައި ދައްކަނީ މަގުމަތީގައި ހުންނަ ސްޓޯލްއަކުން އެމީހުންނަށް އޮޅިގެން މި ބިރިޔާނީ ކެވިގެން އުޅޭ ތަނެވެ.

ޓެމިލް ނާޑޫގައި ދިރިއުޅޭ މީހުންނަށް ކާޅު މަހުގެ ވިޔަފާރި މާ އާ އެއްޗަކަށް ނުވާތީ ކާޅު މަހުގެ ބިރިޔާނީގެ ވާހަކަ އިވުނަސް އެމީހުންނަކަށް ހައިރާން ކަމެއް ނުލިބޭނެ އެވެ. ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުގައި އުޅޭ މީހުންނަށް މިއީ ވަރަށް އާ އެއްޗެކެވެ.

ކުކުޅު މަހޭ ކިޔާފައި ކާޅު މަސް ވިއްކަނިކޮށް ދާދިފަހުން ރަމޭޝްވަރަން ކިޔާ ރަށަކުން ދެ މީހުން ހައްޔަރު ވެސް ކޮށްފައި ވެއެވެ. މި މީހުން މިގޮތަށް ކަންތައް ކުރާކަން ފަޅާއެރީ އެ ހިސާބުގަނޑުގައި ހުންނަ ފައްޅިއަކަށް ދާ މީހުން ބަތް ކާން ދިނުން ކާޅުތައް މަރުވާތީ ކުރި ތަހުގީގުންނެވެ.

މި ތަހުގީގު ކުރުމުން އެނގުނީ ކާޅުތަކަށް ކާންދޭ ބަތަށް ހުންނަނީ ބަނގުރާ އަޅާފަ ކަމެވެ. މި ބަތް ކައިގެން ކާޅުތައް ޚަބަރު ހުސްވެގެން ވެއްޓުމުން ހުރިހާ ކާޅުތައް ގޯނި ގޯންޏަށް އަޅައިގެން ގެންގޮސް ކަތިލައިގެން މަސްކޮޅު ނަގަނީ އެވެ. އަދި މަގުމަތީގައި ހުންނަ ސްޓޯލްތަކުގައި ކުކުޅުމަހުގެ ނަމުގައި މިމަސް ވިއްކަނީ އެވެ. ކާޅު މަހާ ކުކުޅުމަހާ އެއްކޮށްފައި ހުރުމުގެ ސަބަބުން ކުކުޅުމަހަކީ އެތަނުން ކޮބައިކަމެއް ވަކިކުރާކަށް ވެސް ނޭނގެ އެވެ.

އިންޑިއާގެ ހަމަ މިހިސާބުގައި 2016 ވަނަ އަހަރު ވަނީ ބުޅާ ވަގަށް ނަގައި އެ ސޮރު މަރާލައިގެން އޭގެ މަސް އަޅައިގެން ބިރިޔާނީ ތައްޔާރުކޮށް ވިއްކާފަ އެވެ. ކެޓް ބިރިޔާނީ އަކީ ޓެމިލް ނާޑޫގެ ނަރިކުރާވާ ކޮމިއުނިޓީގައި ދިރިއުޅޭ ޖިޕްސީންގެ މެދުގައި ވަރަށް މަގްބޫލު ބިރިޔާނީ އެކެވެ. މި މީހުންގެ ކައިވެނި ޕާޓީ އަކަށް ބުޅާ ބިރިޔާނި ތައްޔާރުކުރަން 20 ބުޅާ ކަތިލަން ތައްޔާރުކޮށްފައި ވަނިކޮށް އެނިމަލް އެކްޓިވިސްޓުން ތަކެއް އެތަނަށް ވަދެ ވަނީ އެ ސޮރުމެން ސަލާމަތް ކޮށްފަ އެވެ.