ރައްޔިތުންގެ މަޖިލިސް

ކޮމަންވެލްތުގެ ޕާލިމެންޓާ ރާއްޖޭގެ މަޖިލީހުން ގުޅެނީ

ރާއްޖެ އަލުން ކޮމަންވެލްތުގެ މެންބަރަކަށް ވެފައިވާއިރު، އެ ޖަމިއްޔާގެ މެންބަރު ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީސްތައް ބައިވެރިވާ ކޮމަންވެލްތުގެ ޕާލިމެންޓްރީ އެސޯސިއޭޝަންގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީސް އަލުން ގުޅުމަށް ހުށަހަޅައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގުޅުން ކަނޑާލި ކޮމަންވެލްތާ އަލުން ގުޅުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުން، ކޮމަލްވެލްތުގައި ބައިވެރިވާން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުށަހެޅުއްވި އެވެ. އަދި މި މަހުގެ ފުރަތަމަ ދުވަހު ވަނީ އެ ޖަމިއްޔާގެ މެންބަރު ގައުމެއްގެ ގޮތުގައި ރާއްޖެ ބަލައިގެންފައިވާ ކަން ކޮމަންވެލްތުން އަންގާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ މައްސަލައެއްގެ ގޮތުގައި ވަނީ ކޮމަންވެލްތުގެ ޕާލިމެންޓްރީ އެސޯސިއޭޝަންއާ ރާއްޖޭގެ މަޖިލިސް އަލުން ގުޅުމާ ބެހޭ މައްސަލައެއްގެ ބަހުސަށް ހުޅުވާލާފަ އެވެ. އެ ބަހުސްގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވަނީ ކޮމަންވެލްތުގެ ޕާލިމެންޓާ ގުޅެން މަޖިލީހުން ކަނޑައަޅަން ގޮވާލާ ގަރާރެއް ހުށަހަޅުއްވާފަ އެވެ.

އާޒިމް ވިދާޅުވީ، ކޮމަންވެލްތު ޖަމިއްޔާގެ މެންބަރަކަށް ރާއްޖެ އަލުން ވެފައިވާއިރު، އެ ޖަމިއްޔާގެ ޕާލިމެންޓްރީ އެސޯސިއޭޝަންގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ބައިވެރިވުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. އެހެން ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކާ ރާއްޖޭގެ މަޖިލީހުން ގުޅުން ބަދަހި ކުރުމުން ލިބޭނެ ފުރުސަތުތައް ވެސް އިތުރުވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މައްސަލައަށް ބަހުސް ކުރެއްވި އެމްޑީޕީގެ މެންބަރުން ވަނީ އާޒިމްގެ ގަރާރަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވާފަ އެވެ. މައްސަލައަށް ބަހުސް ކުރެއްވި އެމްޑީޕީގެ މެންބަރުން ވިދާޅުވީ، ކޮމަންވެލްތުގެ ޕާލިމެންޓްރީ އެސޯސިއޭޝަނާ އަލުން ގުޅުން ބަދަހި ކުރުމަށް މަޖިލީހުން ވީ އެންމެ އަވަހަކަށް ފާސް ކުރަން ޖެހޭ ކަމަށެވެ.

އެ މައްސަލައަށް މެންބަރުން ބަހުސް ކުރަން ހުޅުވާލި ވަގުތު ހަމަވުމުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މިއަދުގެ ޖަލްސާގައި އެ މައްސަލާގައި މަޖިލީހުން ގޮތެއް ނިންމުމަށް ޖަލްސާގެ ވޯޓު ގަޑީގައި ވޯޓަށް އަހާނެ ކަމަށެވެ.

ރާއްޖެ އެންމެ ފުރަތަމަ ކޮމަންވެލްތްގެ މެންބަރަކަށްވީ ޖުލައި 9، 1982 ގަ އެވެ. ކޮމަންވެލްތުން ރާއްޖެ ވަކިވާން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމައި، މަޖިލީހުން އޭރު ފާސްކުރީ، އޮކްޓޯބަރު، 13، 2013 ގަ އެވެ. އޭރުގެ ސަރުކާރުން އެ ގޮތަށް ނިންމީ ސަރުކާރުގެ އޭރުގެ އަމަލުތަކާ ގުޅިގެން އެ ޖަމާއަތުން ރާއްޖެ ސަސްޕެންޑް ކުރަން އުޅުމުން ކަމަށް ބުނެ އެވެ.

ރާއްޖޭން އަލުން ކޮމަންވެލްތުގައި ބައިވެރިވާން ހުށަހެޅީ ޑިސެމްބަރު 7، 2018 ގަ އެވެ. އެއީ ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ 20 ދުވަސް ފަހުންނެވެ. ކޮމަންވެލްތު ހިމެނޭ ގޮތަށް ކުރީގެ ސަރުކާރުން ގުޅުން ކަނޑާލާފައިވާ ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި ގައުމުތަކާ އަލުން ގުޅުން ބަދަހި ކުރުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.

ކޮމަންވެލްތުން ރާއްޖެ ވަކިވުމުން އެ ޖަމިއްޔާގެ ޕާލިމެންޓްރީ އެސޯސިއޭޝަނުން ވެސް ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ވަކިވެގެން ދިޔައީ އެވެ. މީގެ ކުރިން ކޮމަންވެލްތުގެ ޕާލިމެންޓްރީ އެސޯސިއޭޝަން އިިން ހިންގި ތަމްރީންތަކެއްގައި ވެސް ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ބައިވެރިވެފައިވެ އެވެ.