(02 ފެބްރުއަރީ 2020 އާ ގުޅޭ)
"ހޭޒަލް... އައި ޑޯންޓް މައިންޑް..." ދާރިއަންއަށް ހޭޒަލްއާ ގާތަށް ކުޑަކޮށް ގުދުވެލެވުނެވެ. އަދި ލޯތްބާއެކު ހޭޒަލްގެ ދަތްދޮޅިގައި ކަނާއަތުން ހިފާލައި އޭނާއާ ދިމާއަށް އަނބުރާލިއެވެ. ދެންފެނުނީ ދެއަތުން ހޭޒަލްގެ ކޯތާފަތް ދާރިއަން ފުހެދިންތަނެވެ. ހޭޒަލް މޫނު އަނބުރާލިއެވެ. ހީވީ ދާރިއަންގެ އަތްތިލަ އެ މޫނާ ދުރުކޮށްލަން ބޭނުންވަނީ ހެނެވެ. އަނގަމަތީ ކަނާއަތްތިލަ ޖައްސާލުމާއެކު އިސް އޮބާލިއެވެ. ޖަޒުބާތުތައް ހިފެހެއްޓުމަށް އޭނާ މަސައްކަތްކުރިއެވެ. އޭނާގެ ހިތަށް ލިބޭވޭނުން ދެ ލޯ ފުރެމުންދާއިރު އެއީ ދާރިއަންއަށް ފެނުމަށް ހޭޒަލް އެދޭ މަންޒަރެއް ނޫނެވެ. މީހުންގެ ކުރިމަތީ ހޭޒަލް ބޭނުންވަނީ ހަމަޖެހިފައި ހުރި މީހެއްގެ ސިފަތައް ދައްކާށެވެ. އެހެންނަމަވެސް ހޭޒަލްއަށް ހުއްޓާލަން އުނދަގޫވިއެވެ.
"ހޭއި!... މާ ބޮޑަށް ތި ވިސްނަނީ، އެމީހުން ކޮންމެ އެއްޗެކޭ ކީ ނަމަވެސް އަހަރެންގެ ހިތަކަށް އެއްވެސް އެއްޗެއް ނާރައޭ، ލިއަމްގެ ރަޙުމަތްތެރީންނޭ ތިބުނަނީ، އެމީހުންނަށް އެކުވެރިޔާ މުހިންމުވާނީ... ހޭޒަލް ޕްލީޒް!... އަހަރެން އެއްޗެއް ހިތައް އަރާފާނޭކަމަށް ދެރަނުވޭ، އަހަންނަށް ހުރިހާކަމެއް ނޭނގުނަސް އަހަރެން ޒެލްއަށް އިތުބާރުކުރަން، އަބަދުވެސް އިތުބާރުކުރާނަން... ޕްލީޒް... ދެން ނުރޮއެ... އަހަރެން ކީއްކޮށްދޭންވީ؟... ކީއްކުރީމަ ޒެލް ރުއިން ހުއްޓާލާނީ... ބައްދާލަންތަ؟ އެންމެ ރަނގަޅުތަ؟.. ޒެލް ރޯތަން ފެނުނީމަ ވަރަށް ދެރަވޭ" ހަނދާނެއްގޮތެއް ނޭނގި ކަންބޮޑުވެފައި އިނދެ ދާރިއަން ވާހަކަދެއްކިއެވެ. ހޭޒަލް ގެނެސް މޭގައި ފޮރުވާލަން ދާރިއަން ނުހަނު ބޭނުންވިއެވެ. އެހެންނަމަވެސް އޭނާއަށް ނުކެރުނީއެވެ. ހޭޒަލްގެ ހުއްދައަކަށް އެދެވުނީ އޭނާގެ ރުހުމުގައި ނޫނީ އެފަދަ ހަރަކާތެއް ނުކުރުމަށް ޟަމީރު ބާރުއެޅި ވަރުންނެވެ.
ހޭޒަލް ދެފަރާތަށް ބޯހޫރުވާލިއެވެ. ދެފަހަރަކު ކޯތާފަތް ދެއަތުން ފުހެލިއެވެ. ދެ ލޯ ވެސް ފުހުނެވެ. ދާރިއަން ނިކަން އަވަހަށް ކާރުގެ "ގްލޯވް ކޮމްޕާޓްމެންޓް" ހުޅުވާލިއެވެ. އެތަނުގައި ޓިޝޫ އާއި ކުޑަ ފެންފުޅިއެއް އޮތެވެ. ދާރިއަން ޓިޝޫ ޕެކެޓު ނަގައި ކާރުގެ ޑޭޝްބޯޑުމަތީ ބެހެއްޓިއެވެ. ދެތިން ޓިޝޫ ނަގައި ހޭޒަލްއަށް ދިއްކޮށްލިއެވެ. އޭގައި ހޭޒަލް ހިފުމާއެކު މޫނު ސާފު ކުރުމަށް އަވަސްވެލިއެވެ. ފެންފުޅީގެ މަތި ހުޅުވާލުމާއެކު އެ ފުޅި ހޭޒަލްއަށް ދާރިއަން ދިއްކޮށްލިއެވެ. ފެންފޮދެއް ބޯލުމަށް އޭނާ އެދުނެވެ. ހިފަންނުހިފަން އިނދެފައި ދާރިއަން އަތުން ފެންފުޅި ހޭޒަލް ނެގިއެވެ. ފެންކޯވަރެއް ބޯލުމާއެކު ނިކަން އަވަހަށް ފެންފުޅި އޭނާ ދިއްކޮށްލިއެވެ.
"ނައު އޯކޭ..." ދާރިއަން އަހާލިއެވެ. އޭނާއާ ނަޒަރު ސީދާކޮށްލާކަށް ހޭޒަލްއަކަށް ނުކެރުނެވެ. އެހެންވިޔަސް ޖަވާބު ދިނުމުގެ ގޮތުން ބޯޖަހާލިއެވެ.
ދާރިއަން ހުންގާނުގައި ދެއަތުން ހިފަހައްޓާލިއެވެ. ކާރުތެރެއަށް ވެރިވެފައި އޮތީ ހިމޭންކަމެވެ. ލިއަމްގެ ރަޙުމަތްތެރީން ދެއްކި ވާހަކަތައް ހަނދާންނައްތާލަން މަސައްކަތްކުރާ ވަރަކަށް ބަލިމަޑުކަމެއް ފަދައިން ސިކުނޑިއަށް ފެތުރެމުންދިޔައެވެ. އޭނާގެ ހިތްވަނީ ލިއަމްދެކެ ނުރުހުންވެފައެވެ. އެހެންވިޔަސް ލިއަމްދެކެ ވީ ލޯބި އެހިތަކުން ނުފިލައެވެ. އެ އިޙްސާސްތަކުން އުފެދިފައިވާ ފާރުގަނޑު ހިއްކުމަށްޓަކައި އެންޓިބައޮޓިކްއަކަށް އިޝްވާއާއި ރިޒްވާނުގެ އެހީތެރިކަންވިއެވެ. ނަމަވެސް އުންމީދުކުރާހާ އަވަހަށް ނަތީޖާއެއް ނުފެނެއެވެ. މިއަދަކީ ހޭޒަލް އެކަނި ބޭރަށް ނިކުތް ފުރަތަމަ ދުވަހެވެ. އެކަމަކު ކަންތައްވީ ގޮތުން އޭނާ އަނެއްކާވެސް އެކަނި ނުކުމެ އުޅޭން ޖެހިލުންވެއްޖެއެވެ.
"ގެއަށްތަ ދާންވީ" ދާރިއަން އަހާލިއެވެ.
ހޭޒަލް ބޯޖަހާލުމުން ދާރިއަން ކާރު ދުއްވާލިއެވެ. ހޭޒަލްގެ ގެއާ ހަމައަށް އާދެވެންދެން އެ ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ގޭ ދޮރުމައްޗަށް ކާރު މަޑުކޮށްލުމުން ދޮރުފަތް ހުޅުވާލަން ހޭޒަލް އުޅެފައި މަޑުކޮށްލިއެވެ. ދާރިއަންއަށް އޭނާ ބަލާލިއެވެ. މަގަށް ބަލަހައްޓައިގެން ދާރިއަން އިން ކަހަލައެވެ.
"ދާރި..އަ..ން.." ހޭޒަލް ގޮވާލިއެވެ. ދާރިއަން ބަލާލި ނަމަވެސް އަނގައިން ނުބުންޏެވެ. ހޭޒަލްއަށް ވާހަކަދައްކަން އުނދަގޫވެގެން އުޅޭކަން އޭނާ ދެނަހުއްޓެވެ. އެ މޫނުން ފާޅުވާ އަސަރާއި ގެންނަ ކުދިކުދި ހަރަކާތްތަކުން ހިނިތުންވެވުނީ ބޭއިޚްތިޔާރުގައެވެ. ނިތްއަރުވާލުމާއެކު ދާރިއަން ބޮލުން އިޝާރާތްކޮށްލިއެވެ.
"ބަނޑުހައި..." ހޭޒަލް ބުނަން އުޅުނު އެއްޗެއް ދާރިއަން މާކުރިން ދެނެގެންފިއެވެ.
"އިޓްސް އޯކޭ... އަސުރަށް ގޮވަން އެއުޅެނީ" ދާރިއަން ބުންޏެވެ. މަޑުމަޑުން ކާރުން ހޭޒަލް ފޭބިއެވެ. ދޮރުފަތުގައި ހިފަހައްޓާލައިގެން ހުރެފައި އަނެއްކާ ވެސް ދާރިއަންއާ ނަޒަރު ސީދާކޮށްލިއެވެ.
"ގެއަށް ވަންނަންވީނު... ކާން..." ހޭޒަލް ބުނެލިއެވެ.
"ތޭންކްސް... ގެއަށް ދާނީ" ދާރިއަން ދިން ޖަވާބުން ހޭޒަލް ހައިރާންވިއެވެ.
"ސޮރީ... ބަނޑުހައިވެފަ ހުއްޓާ ކާން ވެސް ނުދެވުނީ، ވަގުތު ބޭކާރުވީ... އަހަރެންގެ ސަބަބުން..." ހޭޒަލް ދެރަވިއެވެ.
"ހޭޒަލްގެ އަތުން ދޭ ކޮންމެ އެއްޗެއް ވެސް ކާނަން، އެކަމަކު ވަގުތު ނެތީ... މިހާރު ކައިގެން ގޮސް ނަމާދަށް އަރަން ބޭނުންނޫނީ، މާބޮޑަށް ވަރުބަލިވެ ކަންނެތްވާނެ" ދާރިއަން ހިނިތުންވެލިއެވެ.
"ނަމާދުން ފައިބައިގެން އަންނަންވީނު" ހޭޒަލް ދަޢުވަތު ދިނީ ދާރިއަންގެ ހިތްހަމަޖައްސާލުމަށެވެ. މަގުމަތިން ކުރިމަތިލާން ޖެހުނު ލަދުވެތިކަމުގެ ބަދަލުދޭން ބޭނުންވެފައި ހުރި ފަދައިންނެވެ. ދާރިއަން ކާރު ދުއްވާލީ އޭނާއަށް އިންތިޒާރުކުރަން ހޭޒަލް ގާތު ބުނެފައެވެ.
ނަމާދުން ފައިބައިގެން ރިޒްވާނު ގެއަށް ވަންނަން އައިވަގުތު އެ މަގުން ދާރިއަން އަންނާތީ ފެނުނެވެ. ދޮރޯށި ކުރިމަތީ އޭނާ މަޑުކޮށްލިއެވެ. ދާރިއަން އައިސް ރިޒްވާނާ ކުރިމަތިލަމުން ސަލާމް ގޮވާލިއެވެ. ހޭޒަލް ބުނެގެން އައިސް ހުރިކަން ރިޒްވާނު ގާތު ބުނެލިއެވެ. އޭނާ އެއްޗެކޭ ނުބުނެ ހިނިތުންވެލީއެވެ. ދޮރޯށި ހުޅުވާލައި ދާރިއަން ވަންނަންދެން ދޮރޯށި ހިފަހައްޓާލިއެވެ.
އެޕާޓްމެންޓަށް ވަނީ ރިޒްވާނާއި ދާރިއަން އެކުއެކީއެވެ. ސިޓިންރޫމުގައި މީހަކު ފެންނަން ނެތުމުން ދާރިއަން ގާތު މަޑުކޮށްލަން ރިޒްވާން ބުންޏެވެ. ހޭޒަލްގެ ކޮޓަރީ ދޮރުގައި ރިޒްވާނު ޓަކިދިނުމާއެކު ގޮވާލިއެވެ. ވަނުމަށް ހޭޒަލް ބުނުމުން ރިޒްވާނު ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ހޭޒަލްއަށް ފަރުވާތެރިކަމާއެކު ބަލާލުމަށްފަހު ދާރިއަން އައިސް އިންކަން ރިޒްވާނު ބުންޏެވެ. ހޭޒަލްގެ މޫނުން ރިޒްވާނު ހީކޮށްގެން ހުރި ފަދަ އަސަރެއް ފާޅެއްނުވިއެވެ. ހޭޒަލް ކިޔަން އިން ދުޢާފޮތް ލައްޕާލައި ކޮޓަރިން ނުކުންނަން އަވަސްވެލިއެވެ.
"ދާރިއަންއަށް ކާންދޭނަމޭ އަޅުގަނޑު ބުނިން" ސިޓިންރޫމުގައި ހޭޒަލްއާއެކު ހުރި ރިޒްވާނަށް ބަލާލަމުން ބުނެލިއެވެ.
"އެހެންތަ، އަވަހަށް ދޭ ގޮވައިގެން... މަންމަ ގާތު ބުނިންތަ، އެއްވެސް އެއްޗެއް ބޭނުންތަ؟" ރިޒްވާނު ބުންޏެވެ. ދާރިއަން އިނީ ރިޒްވާނުގެ ހަރަކާތްތަކަށް ފާރަވެރިވެއެވެ. އޭނާ އެގެއަށް އައުމަކީ ރިޒްވާނު ރުހޭކަމެއްތޯ ނޫނީ ނޫންތޯ އެނގެން އޭނާ ބޭނުންވަނީއެވެ. ހޭޒަލްއާ ގުޅުން ބަދަހި ކުރެވޭނީ އޭނާގެ މައިންބަފައިން ވެސް ދާރިއަންއާ މެދު ރުހޭނަމައޭ ހިތާއެވެ.
"މަންމައަށް އެނގޭނެ، އަޅުގަނޑު ރެޑީކޮށްފަ ހުންނަނީ، ބައްޕައަށް ސައިހަދައިދެންތަ... އެނގޭ ސައިބޯ ގަޑި ނޫންކަން... އެހެންވިޔަސް..." ހޭޒަލް ބުނެލިއެވެ. އަދި ދާރިއަންއަށް އަތުން އިޝާރާތްކޮށްލީ އޭނާއާއެކު އައުމަށެވެ.
"އަދި އަވަސް... ހޭޒަލް ދޭ ދާރިއަން ގޮވައިގެން" ރިޒްވާނު ބުނެލިއެވެ.
ކާމޭޒު ދޮށުގައި ދާރިއަން އިށީނުމާއެކު އޭނާގެ ކައިރިއަށް ހޭޒަލް ތަށިތައް ޖެއްސިއެވެ. ލުއި ހިނިތުންވުމެއް ދާރިއަންގެ ތުންފަތުގައިވި ހިނިތުންވުން އޭނާގެ ހިތުގެ އުންމީދާ ގުޅިފައިވިއެވެ.
"މިއަދު ހޭޒަލްގެ އަތުން ވިހައެއް ދިން ނަމަވެސް ދާނީ ކައިގެން، ހޭޒަލް އެނގޭތަ!... މިވަގުތު އަހަންނަށް އިޙްސާސްވަނީ ކިހިނެއްކަން އެނގޭތަ؟... މީ އަހަރެން ދުށުން އެދޭ މުސްތަޤުބަލުން ބައެއް، އެ މުސްތަޤުބަލުގައި ތީ އަހަރެންގެ މީހެއް، ދެދުނިޔޭގައި ވުމަށް އެދޭ ބައިވެރިޔާ... އަހަރެންގެ އަނތްބެއްގެ ގޮތުގައި ހުރެ އަހަންނަށް ޚިދުމަތްކޮށްދިނުން، މީ އެފަދަ އުފާވެރިކަމެއްވާ ވަގުތުކޮޅެއް... މިވަގުތު ހޭޒަލްގެ ހުރިހާ ސަމާލުކަމެއް އަހަންނަށް ދޭއިރު އަހަރެން އުފާވެފައި އިންވަރު އެނގޭތަ؟... ހޭޒަލް!، އަހަރެންގެ ހިތް ސާފު، އެކަމަކު... އެހިތުގައި ލާނެތްކަންވޭ... ހޭޒަލްއާ ސަމާސާކުރަން އެހިތް އެދޭ... އަހަރެން ކިހިނެއް ހަދަންވީ، ހިތް އެދޭ ގޮތަށް ޢަމަލުކޮށްފިނަމަ ހޭޒަލް އަހަންނާ ރުހޭނަންތަ؟، އަހަރެން ދިއްކުރާ އަތުގައި ހިފާނަންތަ؟... އަހަރެންގެ މި ކެތްތެރިކަމަށް ނިމުން ގެނެސްދީފާނަންތަ؟"
"ދާރިއަން... ކީއްވެ ކާންނުފަށާ ތީނީ، ހުރި އެއްޗެހި ކަމުނުދަނީ... ސޮރީ... ދާރިއަންއަށް ކަމުދަނީ ކޮންކަހަލަ އެއްޗެއްކަމެއް އަހާނުލެވުނީ، އަނެއްކާ ބަތްނުކާ މީހެއްތަ ތީ" ހޭޒަލްއަށް ނުތަނަވަސްކަން ލިބުނެވެ. އޭނާ ހަދާނޭ ގޮތެއް ނޭނގި އެނބުރިލަން އުޅުނު ވަގުތު އޭނާގެ އަތުގައި ދާރިއަން ހިފިއެވެ. ގާތަށް ދަމާލިއެވެ.
"މިތާ އިށީނދެ ބަލަ، އަހަރެން ނުކާއެއްޗެއް މިތާކުން ނުފެނޭ... ހަމަޖެހޭ..." ދާރިއަން ބުންޏެވެ. އޭނާ ހޭޒަލްގެ އަތުން ދޫކޮށްލާކަށް ބޭނުމެއްނޫނެވެ. އެހެންވިޔަސް ހޭޒަލް އަމިއްލައަށް އަތްނައްޓުވާލީއެވެ. ދާރިއަން ފާޅުނުކުރި ނަމަވެސް ހިތަށް އުނދަގޫވިއެވެ. ހޭޒަލްގެ ގައިގާ ދާރިއަންގެ އިނގިލިކުރި ޖެހެން ވެސް ހޭޒަލް ނޭދޭހެން ދާރިއަންއަށް ހީވަނީއެވެ.
"މިހެން މާގިނައިން މިގެއަށް އަންނަންވެއްޖެނަމަ ދުރުގައެއްނުހުރެވޭނެ" ހިނިއައިސްފަ އިނދެ ދާރިއަން ބުނެލިއެވެ. ހިނިތުންވުމަކުން ހޭޒަލް ޖަވާބު އަދާކުރިއެވެ.
* * * * *
ޓެލެގްރާމުން އައި މެސެޖު ލިއަމް ހައިރާންކޮށްލިއެވެ. އޭނާ ވަގުތުން ރަމީޒަށް ގުޅިއެވެ. އޮފީސް އިމާރާތުގެ އެންމެ މަތީ ހާމައަށް އޮންނަ ބައިގަ ލިއަމް މަޑުކޮށްލައިގެން ހުއްޓެވެ. އޭނާގެ ވޭޕު އިރުއިރުކޮޅުން ތުނބުގައި ޖަހާލައި އެތެރެއަށް ދަމާލުމަށްފަހު ދުންތައް ދޫކޮށްލައެވެ. ކަމަކާ އޭނާ ހާސްވެފައި ހުރި ކަހަލައެވެ. ރަމީޒުގެ އިންތިޒާރުގައި އެތަނުގައި ހުރެ އެތައް ފަހަރަކު ފޯނުގައިވި ފޮޓޯއަށް އޭނާ ބަލައިފިއެވެ.
"ދެޓްސް ނޮޓް ހާ..." ޤަބޫލުކުރަން ލިއަމް ބޭނުންނުވާ ކަހަލައެވެ. އެހެންވިޔަސް އޭނާގެ ޟަމީރު އެގޮތް ޤަބޫލެއްނުކުރިއެވެ. އޭނާގެ ލޯ ވެސް ހެކިވަނީ ފޮޓޯގައި ވަނީ ހޭޒަލްކަމެވެ. ފަސްއެނބުރި ބަލާލި ވަގުތު ނަގާފައި ހުރި ފޮޓޯއެކެވެ. މޫނު އެއްކޮށް ނާރާ ހުރީ ގާތުގައި ހުރި ޒުވާނާގެ ސަބަބުންނެވެ.
"އެ ދެމެދުގައި އޮންނަނީ ރައްޓެހިކަން، ޒެއްލު އޭނާއަށް ފޯލެއްނުވާނެ، ޒެއްލު އަދިވެސް ލޯބިވަނީ އަހަރެންދެކެ، ޒެއްލުއަށް އަހަރެންގެ މަތިން ދުވަހަކުވެސް ހަނދާންނައްތައެއްނުލެވޭނެ.... އަހަރެން އުޅެފިއްޔާ އަދިވެސް ޒެއްލު އަހަރެން ކައިރިއަށް އަންނާނެ، ޒެއްލު އަހަރެންނޫން މީހެއްދެކެ ލޯތްބެއްނުވާނެ... ޝީ ވޯންޓް..." ލިއަމްގެ ހިތުގެ ވާހަކަތަކުން އޭނާގެ މިޒާޖަށް އަސަރުކުރަމުންދިޔައެވެ. ހިތް ކޮންމެ އެއްޗެއް ބުންޏަސް މީހާގެ މޫނުން ފާޅުވަނީ ނުތަނަވަސްކަމެވެ.
"ހޭ މޭން..." ރަމީޒުގެ އަޑުއިވުނެވެ. އޭނާ އައިސް ލިއަމް ގާތު މަޑުކޮށްލިއެވެ. އެމޫނުން ފެންނަނީ ލިއަމްއާ މެދު ހަމްދަރުވާ ފަދަ އަސަރެކެވެ.
"ސޮރީ ބްރޯ، ފިއްޓެ މާބޮޑުވަރުކޮށްލީ" ރަމީޒު ކަންތައްވީގޮތް ކިޔައިދޭން އުޅުނެވެ.
"ޒެއްލުކަން ޔަގީންތަ؟" ލިއަމް އަހާލިއެވެ.
"އާން، އަހަރެންނަށް ވެސް ފުރަތަމަ ނޭނގުނު، ވަރަށް ޗޭންޖުވެފަ ހުރީ... އެއީ ހަމަ ޒެއްލު، އަހަރެން ގޮވިން، ބަލާލި... އެކަމަކު މަޑުނުކޮށް ދިޔައީ، އެ ފިރިހެން ގޮލަޔާއެކު، އަހަރެން ދުށީން އެ ދެމީހުން އެއްކޮށް ކާރަކަށް އެރިތަން، ޕްރައިވެޓް ކާރެއް... އަހަންނަށް ވެސް ޤަބޫލެއްނުކުރެވުނު ޒެއްލު މޫވްއޮން ކުރީކަން، އެނީވޭޒް... އެ ދެމީހުން ވަރަށް ކްލޯޒް، އަހަންނަށް އެނގޭ ކަލޭ ކަނޑަވާނެކަން، އޭނާ ދެން ނާންނާނެ، ފިއްޓެ ބުނިހެން އެ އުޅެނީ އިށީންނާނެ ގަލެއް ހޯދައިގެން، މީހުންގެ ލޮލަށް އަދުން އަޅުވަން ހެދުން ވެސް ބަދަލުކޮށްލީ ކަންނޭނގެ، އޭރުން ތިމާގެ ރަނގަޅުކަން ދެއްކޭނެއެއްނު... ފޮގެޓްހާ ބްރޯ، ކަލޭ ވެސް ދެން މޫވްއޮން ކުރަންވީ... އަމިއްލައަށް ވަރިވެގެން ދިޔަ މީހަކު އަލުން ހޯދަން އުޅޭނެކަމެއްނެތް" ރަމީޒު މަޑުމަޑުން ލިއަމްގެ ކޮނޑުގައި ޖަހާލިއެވެ. އޭނާގެ ބަސް ޤަބޫލުކުރާށޭ ބުނެ ކޮށްލި އިޝާރާތެއް ކަހަލައެވެ.
"ދާރިއަން... އެކުވެރިކަމަކީ ދެއްކި ބަހަނާއެއް، އޭނާގެ ހަޤީޤީ މަޤްސަދަކީ ޒެއްލު، ޝީ އިޒް މައިން، ޔޫ ކާންޓް ހޭވް ހާ، އަހަރެން އެހެންވިޔަ ނުދޭނަން" ލިއަމް ދަތްކުނޑިވިކާލިއެވެ. ލިއަމްގެ ހިތުގައި ރުޅިވެރިކަމުގެ ބާންޏެއް އުފެދިއްޖެއެވެ.
އޮފީހުން ނުކުމެ ސައިކަލަށް އަރާ ލިއަމް ދުއްވާލިއެވެ. އަވަހަށް ދާން ބޭނުންވެފައި ހުރިވަރުން އެހެން ސައިކަލަކާ މުޑިނޭރީ ކިރިޔާއެވެ. އެމީހާ ސައިކަލުގެ މިސްރާބު ބަދަލުކޮށް ބުރެކި ޖެއްސުމުންނެވެ. ލިއަމް މަޑު ވެސް ކޮށްލުމެއްނެތެވެ. ބުރެކި ޖެއްސުމުން ކަހާލާ ގޮތްވީ ނަމަވެސް އޭނާ އަނެއްކާ ވެސް ސައިކަލު ދުއްވާލީއެވެ. އޭގެ ދުވެލި މަޑުވީ މ. ސްނޯލޭންޑް ހުންނަ މަގަށް ވަދެފައެވެ. އޭނާގެ ނަޒަރު އެގެއަށް ހުއްޓުނެވެ. އުސްކޮށް ހަދާފައި ހުރި އެ ގޭގެ އިމާރާތުގެ އެންމެ މަތިން ތިރިއަށް ލިއަމް ނަޒަރު ހިންގާލިއެވެ. އެ ގޭގެ ދޮރޯށި ހުޅުވުނީ އެވަގުތެވެ. ގޭތެރެއިން ނިކުތީ ދާރިއަންއެވެ. އޭނާ ނިކުމެ ދޮރޯށި ކައިރީ ގޭތެރޭގައި ހުރި މީހަކާ ވާހަކަދެއްކުމަށް އެނބުރިލިއެވެ. ލިއަމްއަށް ސައިކަލު ކުރިއަށް ޖައްސާލެވުނެވެ. ދާރިއަންއާ ވާހަކަދައްކަން ހުރި ހޭޒަލް އޭނާއަށް ފެނުނީ ދެނެވެ. މީހާ ހުއްޓުން އެރުމާއެކު ލިއަމްގެ މުޅި ނަފްސަށް ނުބައި ގޮތެއް ވެގެން ދިޔައެވެ. އޭނާގެ ރޫހު ވެސް ތުރުތުރު އަޅާލި ކަހަލައެވެ. މޭގަނޑު އައިސް އަރުގައި ތާށިވެ ޒާތެއްގެ ކޮށްޓެއް އޭނާ އެރިއެވެ. އަނގަމަތީ ވައަތްތިލަ އަޅާލައި މޭގައި ކަނާއަތުން ލިއަމް ފިރުމަން ފެށިއެވެ. ހިކި ކެއްސުމެއް އޭނާ ކެއްސިއެވެ. މީހާ ހަމައަކަށް އެޅި އިސްއުފުލާލިއިރު ދާރިއަން ހިނގައިގަންނަނީއެވެ. ދޮރޯށިން ބޯދިއްކޮށްލި ހޭޒަލްގެ ތުންފަތުގައިވި ހިނިތުންވުން ގަދަ އައްޔެއް ފާޅުވެލި ފަދައިން ލިއަމްއަށް ފެނުނެވެ. ސައިކަލުގެ ހަރުޖައްސާލުމާއެކު ލިއަމް ފޭބިއެވެ. ނަމަވެސް ހޭޒަލްގެ ސަމާލުކަމެއް ނުލިބުނެވެ. އޭނާ ދޮރޯށި ލެއްޕީއެވެ. އެތަނުގައި ލިއަމް ހުރިކަމުގެ ހިލަމެއް ވެސް ނުވެއެވެ.
* * * * *
އިރުއޮއްސުނު ފަހުން ލިއަމް ގެއަށް އައިސް ވަންއިރު މުޅި ގޭތެރެއަށް އޮތީ ހަމަހިމޭންކަން ވެރިވެފައެވެ. އޭނާ އައިގޮތަށް ވަނީ ކޮޓަރިއަށެވެ. ލައްޕާލި ދޮރުފަތުގެ ތަޅުގައި ހިފާލި ގޮތަށް ލެނގިލިއެވެ. އިރުކޮޅަކު އެގޮތުގައި އޭނާ ހުއްޓެވެ. ދެން މަޑުމަޑުން ކުރިއަށް ފިޔަވަޅު އަޅާލައި ގަމީހުގެ ގޮށްތައް ނައްޓަން ފެށިއެވެ. ފަޓުލޫނު ޖީބުން ނެގި ޓައީ ހުރި ދިމާ ތަޅުން މައްޗަށް ވައްޓާލިއެވެ. ބެލްޓު ނައްޓާލައި ގަމީހުގެ ބެގީއަށް ދަމާލިއެވެ. ގަމީހުގެ ގޮށްތަށް ލިއަމް ނެއްޓި ނަމަވެސް އެ ގަމީސް ހަށިގަނޑާ ވަތްކެއްނުކުރެއެވެ. އެ ހުރި ގޮތަށް އައިސް އެނދުމައްޗަށް ބަންޑުން އޭނާ ވެއްޓިގަތީއެވެ.
ރޭގަނޑު ކާގަޑި ޖެހުނު އިރު ވެސް ލިއަމްގެ ޚަބަރެއް ނުވުމުން މުހުސިނާ ކަންބޮޑުވިއެވެ. ލިއަމްގެ ފޯނަށް ގުޅުމުން ފޯނެއް ނުނަގައެވެ. ގެއަށް އައިކަމެއް ވެސް ނޭނގެއެވެ. ކާމޭޒުމައްޗަށް ތަށިތައް ނެގުމަށްފަހު މުހުސިނާ އައީ ލިއަމްގެ ކޮޓަރި ބަލާށެވެ. އޭނާ އެ ކޮޓަރީގައި ޓަކި ދިނުމުން ވެސް ޚަބަރެއްނުވީމަ ދޮރު ހުޅުވާލިއެވެ. އެނދުމަތީ އޮފީސް ހެދުމާއެކު ލިއަމް އޮތެވެ. ބަންޑުން މޫނު ފޮރުވާލައިގެންނެވެ. މުހުސިނާ ވަދެގެން އައިސް އެނދުކައިރީ މަޑުކޮށްލާ ލިއަމްއަށް ގޮވާލިއެވެ. އަނގައިން ނުބުނުމުން ލިއަމްގެ ކޮނޑުގައި ކޮއްޓާލިއެވެ. އެހިނދު ހޫންއެއް ލިއަމް ލައްވާލިއެވެ.
"ކޮންއިރަކު އައީ؟... ހެދުން ބަދަލުކޮށްގެން އާދޭ ކާން" މުހުސިނާ ބުންޏެވެ.
"ނުކާނަން" ލިއަމް ބުންޏެވެ.
"ކައިގެންތަ ތިއައީ، މާ ބޮޑަށް ވަރުބަލީތަ؟" ދަރިފުޅަށް ބަލަން ހުރެ މުހުސިނާ އަހާލިއެވެ. ލިއަމް އެއްވެސް ޖަވާބެއް ނުދިނެވެ. އިރުކޮޅަކު ލިއަމްއަށް ބަލަން ހުރެފައި އެނދުގެ އަރިމަތީ މުހުސިނާ އިށީނެވެ. ލިއަމްގެ ކޮނޑުގައި ފިރުމާލައި ދަރިފުޅުގެ ނަމުން ގޮވާލިއެވެ. ވާހަކައެއް ދައްކާލަން ބޭނުންވާކަން މުހުސިނާ ހާމަކުރިއެވެ.
* * * * *
މަޝްވަރާއެއްގައި ހުރެފައި ޑަކްޓަރ އަނީލްގެ ކޮޓަރިން އިޝްވާ ނިކުތީ ދުވެފައެވެ. ކުލިނިކުގެ ރިސެޕްޝަނުގައި އިން ކުއްޖާގެ ފޯނުކޯލެއް ލިބުނީމައެވެ. ހިތްއަވަސްވެފައި ހުރިއިރު އިޝްވާ ހުރީ އިންތިހާއަށް ކަންބޮޑުވެ ހާސްވެފައެވެ. އިޝްވާގެ އޮފީހުގެ ދޮރުގައި ހިފާލިއިރު ހުރީ ތަޅުލާފައެވެ. މަޑުކުރުމެއްނެތި އޭނާ ދޮރުގައި ތަޅައިގަތެވެ.
"ދާރިއަން... ހުޅުވާ... ހަމަމިހާރު ހުޅުވާ..." އިޝްވާގެ އަޑު މުޅިތަނުގައި ގުގުމާލިއެވެ. އެތަނަށް ޑަކްޓަރ އަނީލްއަށް އާދެވުނުއިރު އޭނާގެ މޫނުން ވެސް ފާޅުވަނީ ހައިރާންކަމާއި ހާސްކަމެވެ. ކިހިނެއްވެގެންތޯ މިއުޅެނީ އޭނާއަށް ވަގުތުން ސުވާލުކޮށްލެވުނެވެ.
"މައި ސްޓުޕިޑް ބްރަދާރ..." ދެފަރާތަށް ބޯހޫރާލަމުން އިޝްވާއަށް ބުނެވުނެވެ.
"ވެއާޒް ދި ސްޕެއާ ކީ" ޑަކްޓަރ އަނީލް ވަގުތުން އަހާލިއެވެ.
"ހުރިހާ އެއްޗެއް އޮފީސް ތެރޭ ބަހައްޓާފަ މިދިޔައީ، މިތަނަކީ އެއްވެސް މީހަކު ވަންނަތަނެއްނޫނެއްނު" އިޝްވާ ހާސްވެފައި ހުރިވަރު އަނީލް ދެނެގަތެވެ.
"އައި ހޭވް މައިން..." އަނީލް ހަލުވިކޮށް ދިޔައީ އޭނާގެ އަތުގައި އޮންނަ ތަޅުދަނޑިފަތި ބަލައެވެ.
އިޝްވާގެ މަސައްކަތްތައް ކުރިއަށް ގެންދާ ކޮޓަރީގެ ދޮރު ހުޅުވާ ފުރަތަމަ ވެސް ވަނީ ޚުދު އިޝްވާއެވެ. އޭނާއަށް ދާރިއަންގެ ނަމުން ހަޅޭލަވައިގަނެވުނެވެ. ލޮކަރުގެ ވަތްގަނޑު ދަމާލިގޮތަށް ހުއްޓެވެ. އޭގެ މަތީގައި އެއްފައިލު އޮތްއިރު ދާރިއަންގެ އަތުގައި އަނެއްފައިލު އޮތެވެ. އިޝްވާ އައިގޮތަށް ދާރިއަންގެ އަތުން ފައިލު ދަމައިގަތެވެ. ހިތްހަމަނުޖެހިފައި ހުރިވަރުން އޭނާއަށް ދާރިއަންގެ ކަންފަތްމަތީ ޖެހުނެވެ. ނަމަވެސް ދާރިއަންގެ ހަރަކާތްތައް ހުއްޓި މީހާގަނޑުވެފައި ހުރި ކަހަލައެވެ.
"ޝީ ކްރައީޑް... އޭނާއާ ހެދި..." ދާރިއަންގެ ދުލުން ލަފުޒުތައް ނުކުތީ ވައި އަޑުން ކަހަލަ ގޮތަކަށެވެ. އޭނާ ދަތްކުނޑިވިކާލި ކަމުގެ އަސަރު މޫނުން ފާޅުވެލިއެވެ. އިޝްވާއަށް އަނެއްކާ ވެސް ދާރިއަންގެ މޫނުގައި ޖެހުނީއެވެ. އިޝްވާގެ އަތަށް ހަދާލި ގޮތުން އެ އަތަށް ވެސް ތަދުވެއްޖެކަން ޔަގީނެވެ.
"އިޝްވާ..." އަނީލް ގޮވާލިއެވެ.
"އޭނާ އެހުރީ މޮޔަވެފައި..." އިޝްވާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ހަޅޭލަވަން އިޝްވާ ބޭނުންވިއެވެ. އެހެންނަމަވެސް އޭނާ ނިތްކުރީގައި ކަނާއަތުން ހިފަހައްޓާލިއެވެ. ފުންނޭވާތަކެއް ލާންފެށީ ނަފްސު ހަމައަކަށް އަޅުވާށެވެ. އޭރު ވެސް ދާރިއަން ހުރި ފިޔަވަޅު މަތިން ގުޑައިނުލިއެވެ.
"އިޓްސް އަ ފެމެލީ މެޓާ" ރިސެޕްޝަންގަ އިންކުއްޖާއަށް އިޝްވާގެ އަޑުއިވި ފުލުހުންނަށް ގުޅަންވީތޯ އަހާލާއިރަށް ޑަކްޓަރ އަނީލް ޖަވާބު ދިނެވެ. އަދި އޭނާ އެ ކުއްޖާ ފޮނުވާލައި އިޝްވާގެ އޮފީހުން ނުކުމެ ދޮރު ލައްޕާލިއެވެ. ދާރިއަންއަކީ އިޝްވާގެ ކާކުކަން ޑަކްޓަރ އަނީލްއަށް ވެސް އެނގެއެވެ.
"އަހަރެން ދެން ކިހިނެއް ހަދާނީ... ދާރިއަންއަށް އެނގޭތަ ތިކުރެވުނީ ކިހާވަރެއްގެ ކަމެއްކަން" ނަފްސު ހަމައަކަށް އެޅުމުން އިޝްވާ ވާހަކަދެއްކީ މަޑުމައިތިރިކަމާއެކުއެވެ. އަދި އޭނާ ލޮކަރުގެ ތެރެއަށް ފައިލުތައް ލިއެވެ. މަޑުމަޑުން ވަތްގަނޑު އެތެރެއަށް ވައްދާލިއެވެ.
"ޔޯ ހޭންޑް... އައިސް ހުންނާނީ ކޮންތާކު" އިޝްވާގެ އަތަށް ބަލަން ހުރެފައި ދާރިއަން ބުނެލިއެވެ.
"ސްޓުޕިޑް... އިޑިއަޓް..." ދާރިއަންގެ އަތުގެ ކޮނޑާ ދިމާލުން އިޝްވާ ތަޅައިގަތެވެ.
(ނުނިމޭ)