ބޮލީވުޑް

"ބޫތު ޕާޓް ވަން: ބިރުން ފިތްކަނޑައިގެން ދާނެ

ވިކީ ކޯޝަލް އާއި ބޫމީ ޕެޑްނޭކަރްގެ "ބޫތު ޕާޓް ވަން: ދަ ހޯންޓަޑް ޝިޕް"ގެ ފޮޓޯ ތަކަކަށް ފަހު ފިލްމުގެ ޓީޒާއެއް ފިލްމު އުފެއްދި ފަރާތުން މީގެ ދުވަސްކޮޅެއް ކުރިން އާއްމު ކުރި އެވެ. މި ޓީޒާއިން ފެންނަނީ ފަޅުވެ ނާމާންވެފައިވާ އަނދިރި އާގުބޯޓެއްގެ ތެރެއަށް ޓޯޗަކުން އަލި ކުރަމުން ވިކީ ކޯޝަލް ވަންނަ ތަނެވެ.

އަނދިރިގަނޑުން ލާފައި ވިކީ އެތެރެއަށް ވަންނައިރު ފާރުގައި ލެއިން ކުރަހާފައި ހުރެ އެވެ. އެ ފާރުގައި އޭނާގެ މޫނު ލެއިން ކުރަހާފައި ހުރި ތަން ވެސް ވިކީ އަށް ފެނެ އެވެ. އަދި ހަމަ އެވަގުތު ކޮންމެވެސް މީހަކު ވިކީ ގައިގައި ހިފައި ދަމައިގަނެ އެވެ.

މި ޓީޒާ ބަލާފައި ގިނަ ބަޔަކު ބިރުން ފިތްކަނޑައިގެންދާވަރު ވެފައި ވަނިކޮށް ފިލްމުގެ ޓްރެއިލާ އެއްވެސް މިހާރު ވަނީ އިންޓަނެޓުގައި ރިލީޒްކޮށްފަ އެވެ. މި ޓްރެއިލާގެ ބިރުވެރިކަމުން އެ ބަލާ މީހުން ހުރި ތަނަށް ގަނޑުވާ ވަރު ވެއެވެ.
ޓްރެއިލާ އިން ފެންނަ ގޮތުގައި ވިކީ ކޯޝަލް އަކީ ސީ-ބާޑް ކިޔާ އާގުބޯޓެއްގެ އޮފިސާ-އިން-ޗާޖެވެ. ބޯޓު އޮންނަނީ ޖޫހޫ ކައިރީގައި ބާއްވާފަ އެވެ. ވިކީ އެ ބޯޓަށް އެރުމަށްފަހު ތަފާތު ބިރުވެރި ހާދިސާތައް އޭނާއަށް ކުރިމަތިވެ އެވެ. ފިލްމުގައި މުހިއްމު ރޯލެއް އަޝޫތޯޝް ރާނާ ވެސް ކުޅެ އެވެ. އަޝޫތޯސް ވިކީ ކައިރީގައި ބުނަނީ އެ ބޯޓުގައި ރޫހާނީ އެއްޗެއް އުޅޭ ކަމަށެވެ.

އެތާގައި ނެތް މީހުން ވެސް އެހިސާބުން ވިކީ އަށް ފެންނަން ފަށަ އެވެ. ވިކީ އަށް ފަހުން އެނގޭ ގޮތުގައި އެ މީހުން ފެންނަނީ އޭނާއަށް އެކަންޏެވެ.

ޓްރެއިލާ ފެނިފައި އެންމެން ވަރަށް ބިރުން އުޅޭއިރު ގިނަ ބަޔަކު ބުނެފައިވަނީ ޓްރެއިލާ މިހާ ބިރުވެރިއިރު ފިލްމު އަދި ވަރަށް ބިރުވެރިވާނެ ކަން ޔަގީން ކަމަށެވެ.

ބާބޫ ޕްރަތާޕް ސިންގް ޑައިރެކްޓްކުރާ މި ފިލްމަކީ ދަރްމާ ޕްރޮޑަކްޝަނުން އުފައްދާ ބިރުވެރި ފިލްމު ފްރެންޗައިސްގެ ފުރަތަމަ ފިލްމެވެ. މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ މިމަހުގެ 21 ވަނަ ދުވަހު އެވެ.