ވިޔަފާރި

މިހާރު އަންނަ ކްރޫޒްލައިނާތަކުގައި ޗައިނާ އެތެރެވެފައިވާ މީހުން ނުތިބޭނެ: މާޔާ

Feb 4, 2020
1

ރާއްޖެއަށް މިހާރު އަންނަ ކްރޫޒްލައިނާތަކުގައި ޗައިނާއަށް އެތެރެ ވެފައިވާ އެއްވެސް މީހަކު ނުހުންނާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ) އިން ބުނެފި އެވެ.

ރާއްޖެއަށް ސުޕަ ޔޮޓް ފަހަރާއި ކުރޫޒްލައިނާތައް ގެންނަ މާޔާ އިން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ މި މަހުގެ ހަތް ވަނަ ދުވަހު ވެސް 2500 މީހުންނާއެކު ބޮޑު ކްރޫޒްލައިނާއެއް މާލެއަށް ބަނދަރު ކުރާނެ ކަމަށާ، މިހާރު އަންނަ ކްރޫޒްލައިނާތަކުގެ ސިއްހީ ގޮތުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ ކަމަށެވެ.

"މިހާރު ކޮރޯނާ ވައިރަސް އުޅޭ އެއްވެސް ގައުމަކަށް، ހާއްސަކޮށް ޗައިނާ އިން އަންނަ އެއްވެސް މީހަކު މީގެ ކްރޫޒްލައިނާއަކު ނުހުންނާނެ. އެ ގައުމަށް ޓްރާންސިޓް ވެފައިވާ މީހަކު ވެސް ނުހުނާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ޗައިނާ އާއި ދުނިޔޭގެ ބައެއް ގައުމުތަކުގައި ނުރައްކާތެރި ވައިރަސް ކޮރޯނާ ފެތުރެމުންދާތީ، ޗައިނާ އިން ރާއްޖެ އަށް މީހުން އެތެރެވުން ސަރުކާރުން ވަނީ މަނާކޮށްފަ އެވެ. ހާއްސަކޮށް ރާއްޖެ އާއި ޗައިނާއާ ދެމެދު ކުރާ ޑައިރެކްޓް ފްލައިޓްތައް ވަނީ ހުއްޓާލާފަ އެވެ. ދުނިޔޭގައި ކްރޯނާ ވައިރަސް މިހާތަނަށް 20,626 މީހަކަށް ޖެހިފައިވާއިރު، މި ބަލީގައި 426 މީހުން ވަނީ މަރުވެފަ އެވެ.