ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި ކުންފުނި ތަކުން ހުޅުމާލެ ކްރޫޒްލައިން ޓާމިނަލް ހެދުމުގެ މަޝްރޫ އަށް ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށްވާ ގޮތަށް ބޭރު ފޮށީގައި ހަދާފައިވާ ސަރަހައްދުގައި ކްރޫޒްލައިން ޓާމިނަލްއެއް ހަދައިދޭނެ ބަޔަކު ހޯދަން ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނުކޮށްފައިވަނީ މިމަހު ކުރީކޮޅު އެވެ. އަދި އެ މަސައްކަތް ކޮށްދޭން ޝައުގުވެރިކަން ފާޅު ކުރުމުގެ ފުރުސަތު ދީފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި މި މަޝްރޫ އަށް ގާތްގަނޑަކަށް ދިހަ ވަރަކަށް ކުންފުނިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. މީގެތެރޭގައި ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި ކުންފުނިތައް ވެސް ހިމެނެ އެވެ. މީގެތެރޭގައި އަވަށްޓެރި ގައުމުތަކުގައި މިފަދަ ތަންތަން ހިންގުމުގައި އުޅޭ ކުންފުނިތައް ހިމެނެ އެވެ.
ނަމަވެސް، ރާއްޖެ އަށް މުހިންމު ބޮޑު މި މަޝްރޫއުގެ އިތުރު މައުލޫމާތެއް، އެޗްޑީސީ އިން ދީފައެއް ނުވެ އެވެ. އަވަސް އިން އެ މައުލޫމާތު ހޯދަން އެޗްޑީސީގެ ޕަބްލިކް ރިލޭޝަން އަށް ގުޅުމުން ފުރަތަމަ ބުނީ މައުލޫމާތު ސާފުކޮށްފަ ގުޅާނެ ކަމަށެވެ. ނަމަވެސް ނުގުޅުމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު އަށް އަވަސް އިން ގުޅުމުން ވިދާޅުވީ ކުރިމަތިލީ މީހުންގެ މައުލޫމާތު އެ މަނިކުފާނަށް ވެސް އެހާ ރަނގަޅަށް ނޭނގޭ ކަމަށާ، ޖެހޭނީ ސާފު ކޮށްލަން ކަމަށެވެ. އެ މައުލޫމާތު ހޯދަން މީޑިއާ އަށް ކަނޑައަޅާފައިވާ ޕީއާރު ކުއްޖާ އަށް ގުޅުމަށް އޭނާ އެދުނެވެ. އަދި ފަހުން އަވަސް އިން އެޗްޑީސީގެ ޕީއާރަށް ގުޅުމުން ބުނީ މިހާރު އޮތް ސްޓޭޖުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކާއި އެ ފަރާތްތައް ނިސްބަތްވާ ގައުމުގެ މައުލޫމާތު ވެސް ހާމަ ކުރާ ގޮތަށް ހަމަޖެހިފައި ނެތް ކަމަށެވެ.
ހުޅުމާލޭގައި ކްރޫޒްލައިން ޓާމިނަލެއް އަޅަން، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ކުރީކޮޅު ވެސް މަސައްކަތް ކުރި އެވެ. އަދި ހުޅުމާލެ ތަރައްގީ ކުރުމުގެ މަޝްރޫއުގައި ހިމަނައިގެން ދެވަނަ ފިޔަވައްސަށް ވާގޮތަށް ބޭރު ތޮށި ހިއްކައި އެތަން ތަރައްގީ ކުރި އެވެ. ނަމަވެސް އެ ވެރިކަން ނިމިގެން ދިޔައިރު ވެސް ކްރޫޒްލައިން ޓާމިނަލް އަޅަން ފެށޭ ގޮތެއް ނުވެ އެވެ.
ރާއްޖެއަކީ ކްރޫޒްލައިން ސީޒަންއާ ދިމާކޮށް ގިނަ އަދަދެއްގެ އުޅަނދު އަންނަ ގައުމެވެ. ނަމަވެސް މި އުޅަނދު ފަހަރަށް ރަނގަޅު ފެންވަރުގެ ހިދުމަތް ނުދެވުމުގެ ޝަކުވާ އަބަދު ވެސް ކުރެ އެވެ. މި ސަރުކާރުން ވަނީ މި މައްސަލަ ހައްލު ކޮށްދޭނެ ކަމަށް ކުރިން ބުނެފަ އެވެ. އަދި ޓާމިނަލްއެއް އެޅުމުގެ ނަމުގައި މަސްވެރިންގެ ޕާކު ސަރަހައްދުގައި އަޅާފައި ވަނީ ފާހާނާ ބަރި އެކެވެ.