ވިޔަފާރި

މާލެ އައި ކްރޫޒްލައިނާއެއް ޓޫރިސްޓުން ނުފޭނިގެން ފުރައިފި

Feb 23, 2020
5

މާލެ އިއްޔެ އައި ކްރޫޒްލައި ނާއަކުން ޓޫސްޓުން ނުފޭބިގެން ފުރާފައިވާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ) އިން ބުނެފި އެވެ.

ރާއްޖެ އަށް ސުޕަ ޔޮޓް ފަހަރާއި ސެލެބްރިޓީން ގެންނަ މާޔާގެ އޮފިޝަލަކު ވިދާޅުވީ އިއްޔެ ބަނދަރު ކުރި މާކޯ ޕޯލޯ ކްރޫޒްލައިނާ އިން މީހުން ނުފޭބުން އަނބުރާ ގޮސްފައިވާ ކަމަށެވެ.

"ވަރަށް ދެރަކެއް މިއީ. ބަނދަރުން ޖާގައެއް ނުލިބުނު ޓޫރިސްޓުން ފައިބާކަށް. އަނެއް ކަމަކީ ކަނޑު ގަދަވުން. ރާއްޖޭގައި ކްރޫޒްލައިނާ ޓާމިނަލެއް ނެތީމަ ވާ ގޮތް މިއީ،" އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އެ ކްރޫޒްލައިނާ އިން ވެސް 900 މީހުން މާލެ ފައިބަން ނިންމާފަ އޮތް ކަމަށެވެ.

"އެއް ނަމްބަރު ފާލަން ކައިރި ނޫން ތަނެއް ނެތް މާލެ އަކު. ފައިބާ މީހުން މަޑުކޮށްލެވޭނެ އެއްގޮތެއް ވެސް ނެތް. އެ މީހުން ފާހާނާ ކޮށްލެވޭނެ ވަސީލަ ތަކެއް މި ތަނަކުން ނުލިބޭ. މިހެން މި ހިދުމަތް ދޭނީ ކިހިނެއް؟" އޮފިޝަލް ވިދާޅުވި އެވެ.

ކްރޫޒްލައިނާ އިން އަންނަ މީހުން މަޑުކޮށްލަން މަސްވެރިންގެ ޕާކް ސަރަހައްދުގައި ތަނެއް ހަދާފައިވެ އެވެ. ނަމަވެސް އެތަނަކީ އެފަދަ މީހުން މަޑު ކުރަން އެކަށީގެންވާ ތަނެއް ނޫނެވެ.

މާލެގެ ބަނދަރުގައި އިއްޔެ ތިން ކްރޫޒްލައިނާއެއް އޮތެވެ. ނަމަވެސް މާކޯ ޕޯލޯ ކްރޫޒްޝިޕް ފުރުމުން މިހާރު ބަނދަރުގައި އޮތީ ނައުޓިކާ އާއި ކޮސްޓާ ވިކްޓޯރިއާ އެވެ. މި ކްރޫޒްލައިނާ ތަކުން ވެސް ގާތްގަނޑަކަށް 3،000 މީހުން މާލެ އަށް ފައިބާނެ ކަމަށް ބެލެވެ އެވެ.

ކްރޫަޒްލައިނާ ތަކުން އަންނަ މީހުން ރާއްޖޭގެ ޓޫރިޒަމްގެ ބޮޑު ބައެއް ހިއްސާ ކުރެ އެވެ. މި ފަދަ އުޅަނދު ތަކުން އަންނަ މީހުންގެ ރިސޯޓުތަކަށާއި ގެސްޓް ހައުސްތަކުގައި މަޑު ކުރުމުގެ އިތުރުން މާލެއިން ވިޔަފާރިވެސް ކުރެ އެވެ.