ހަބަރު

ޝަރީފަށް މީހަކު މަރުގެ އިންޒާރު ދޭތީ ސެކިއުރިޓީއަށް އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފް) އަށް މީހަކު މަރުގެ އިންޒާރު ދިން މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މީހަކު އޭނާއަށް މަރުގެ އިންޒާރު ދެމުން ގެންދާ ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލަ މަޖިލީހުގެ އިދާރާއަށް ހުށަހަޅުއްވާފައިވާ ކަމަށާއި އެ އިދާރާއިން ހަމަޖައްސަން ޖެހޭ ކަންކަން ހަމަޖައްސާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.

ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން ޝަރީފަށް ގުޅައި މަރުގެ އިންޒާރު ދެމުން ގެންދާ ކަމަށް ވިދާޅުވެ ޝަރީފު ވަނީ އޭނާއަށް ގުޅަމުންދާ ފޯނު ނަންބަރާއި އެ ނަންބަރު ރަޖިސްޓްރީ ކޮށްފައިވާ ފަރާތުގެ މައުލޫމާތުތައް ވެސް ޓްވީޓާގައި ހާމަ ކުރައްވައިފަ އެވެ.

މަޖިލީހުގެ އިދާރާއިން ވަނީ ޝަރީފު ހުށަހެޅުއްވި މައްސަލަ ޑިފެންސް މިނިސްޓްރީއަށް ހުށަހަޅާފަ އެވެ. މަޖިލީހުގެ މެންބަރުންގެ ސެކިއުރިޓީ ބަލަހައްޓަނީ ޑިފެންސް މިނިސްޓްރީންނެވެ.

މީގެ ކުރިން ވެސް މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގައި ފަސް މެންބަރަކަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް ޑިފެންސް މިނިސްޓްރީގައި މަޖިލީހުން އެދުމުން، އެ މެންބަރުންނަށް ސެކިއުރިޓީ ހަމަޖައްސައިދީފައިވާ ކަމަށެވެ. އޭރު ސެކިއުރިޓީ ދިނީ ކޮންމެ މެންބަރުންނަށް ކަމެއް ހާމައެއް ނުކުރެ އެވެ.

އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ގިނަ މެންބަރުންތަކަކަށް މަރުގެ އިންޒާރުދީ ބިރު ދައްކައިގެން އެ މެންބަރުންނަށް ސިފައިންގެ ސެކިއުރިޓީ ހަމަޖައްސާދީފައިވެ އެވެ.