ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހަށް ތާވަލްކޮށްފި އެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނީ އެމަނިކުފާނުގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ހެނދުނު އޮންނާނެކަން ހައިކޯޓުން އަންގާފައިވާ ކަމަށެވެ. ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވެފައިވާ މަނީ ލޯންޑްރިންގެ މައްސަލަގެ އިސްތިއުނާފް ޝަރީއަތް ހައިކޯޓްގައި ވަނީ ފަށާފައެވެ. އަދި އެ މައްސަލައިގެ ތެރެއިން ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަންކޮށް ދިނުމަށް ހައިކޯޓުގައި އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
ގާނޫނީ ޓީމުން ބުނީ ބުރާސްފަތި ދުވަހަށް ތާވަލްކޮށްފައިވަނީ ކޮން ކަމެއް ކަމެއް އަދި ސާފުނުވާ ކަމަސެވެ.
ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލަން އެދޭ ސަބަބުތައް އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެމަނިކުފާނުގެ ވަކީލުން ވަނީ ވަރަށް ތަފްސީލްކޮށް ވިދާޅުވެދެއްވާފައެވެ. އެގޮތުން އެމަނިކުފާނުގެ ވަކީލް، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ކަފާލާތަކީ ރާއްޖޭގެ ދުސްތޫރުގައި ބިންވަޅު ނަގާފައިވާ އެއްޗެއް ކަމަށެވެ.
އޭގެ ތެރޭގައި ކުށްވެރިވުމުގެ ކުރިން ކަފާލާތުގެ ހައްގާއި ކުށްވެރިވުމަށްފަހު އިސްތިއުނާފީ މަރުހަލާގައި ކަފާލާތަށް އެދުމުގެ ހައްގުގެ މަރުހަލާ ވެސް ހިމެނޭ ކަމަށެވެ. ކުށްވެރިވުމުގެ ކުރިން ކަފާލާތަށް އެދުމަކީ ގާނޫނު އަސާސީގައި ވެސް ވަރަށް ސާފުކޮށް ލިޔެފައިވާ ހައްގެކެވެ. އަދި އެކަން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވެސް ލިޔެފައިވެ އެވެ. ނަމަވެސް ކުށްވެރިވުމަށް ކަފާލާތަށް އެދިވެދާނެ ކަމަށް އެއްވެސް ގާނޫނަކު ލިޔެފައި ނެތެވެ.
ޖަމީލު ވިދާޅުވީ ސީދާ ލިޔެފައި ނެތް ނަމަވެސް ގާނޫނު އަސާސީއަށް ބެލުމުން ކުށްވެރިންނަށް ވެސް ކަފާލާތުގެ ހައްގަކީ އޮތް ހައްގެއްކަން އެނގޭ ކަމަށެވެ. އެގޮތުން އަމިއްލަ މިނިވަން ކަމަކީ ގާނޫނު އަސާސީއިން ލިބިދޭ ހައްގަކަށްވާއިރު ގާނޫނު އަސާސީގައި ބަޔާން ކުރާ އަސާސީ ހައްގެއް ގާނޫނަކު ލިޔެފައި ނެތޭ ކިޔައި ހަނި ނުކުރެވޭނެ ކަމަށެވެ.
އިސްތިއުނާފީ މަރުހަލާގައި ކަފާލާތުގެ ދަށުން ދޫކުރުމަކީ ބޭރުގެ އެހެން ގައުމުތަކުން ވެސް އަމަލު ކުރާ ކަމެއް ކަމަށާއި އެއީ ގިނަ ބަހުސްތަކެއް ކުރެވި ގޮތްތަކެއް ނިމިފައިވާ ކަމެއް ކަމަށް ޖަމީލު ވިދާޅުވި އެވެ. އެގޮތުން އިންޑިއާ ސުޕްރީމް ކޯޓުގެ ދެ ހުކުމަކުން ކަފާލާތް ދީފައިވާކަން ޖަމީލު ފާހަގަ ކުރެއްވި އެވެ. އިންޑިއާގެ ސުޕްރީމް ކޯޓުން ކަފާލާތުގެ ހައްގު ދީފައިވަނީ މުތުލަގުކޮށް ކަމަށާއި އެއީ ކަމުގެ ބޮޑު ކަމާއި އިންސާފަށް ހުރަސް އެޅިދާނެތީ ކަމަށެވެ. އަދި ސައުތު އެފެރިކާގެ ހުކުމެއް ވެސް ހުށަހެޅުއްވި އެވެ.
ޖަމީލު ވިދާޅުވީ ކޯޓުތަކުން ގޮތް ނިންމާއިރު ދިމިގްރާތީ މުޖުތަމައުތަކުން އަމަލު ކުރާ އުސޫލުތަކަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށް ގާނޫނު އަސާސީ ލާޒިމް ކުރާ ކަމަށެވެ. އދ.ގެ އައިސީޕީއާރް މުއާހަދާގައި ވެސް ކަފާލާތުގެ ހައްގުގެ ވާހަކަ ލިޔެފައިވާކަން ޖަމީލު ފާހަގަ ކުރެއްވި އެވެ.
ޖަމީލުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޕީޖީގެ ވަކީލް އައިޝަތު މުހައްމަދު ވިދާޅުވީ ކުށްވެރިންނަށް ކަފާލަތަކީ އަސާސީ ހައްގެއް ނޫން ކަމަށެވެ. އަސާސީ ހައްގުތައް ގާނޫނު އަސާސީގައި ލިޔެފައިވާ ކަމަށާއި ކުށްވެރިންނަށް އެ ހައްގު އޮތް ކަމަކަށް ނެތް ކަމަށެވެ. އޭގެ އިތުރުން ވެސް ކަފާލަތް ކުށްވެރިންނަށް ދިނުން ގާނޫނީ ނިޒާމްގެ ތެރޭގައި ވެސް ނެތް ކަމަށެވެ. އަދި، އެއީ އެއްވެސް ގައުމެއްގައި ވެސް އަސާސީ ހައްގުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.
މީގެކުރިން ހައިކޯޓުން ވަނީ ކަފާލާތުގެ ދަށުން ކުރީގެ ރައީިސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް މިނިވަންކޮށްފަ އެވެ. އެކަން ޖަމީލު ފާހަގަ ކުރެއްވި އެވެ. އެ ތިން ބޭފުޅުން މިނިވަންކޮށްފައިވަނީ ހައިކޯޓުގެ ގަވައިދަކަށް ރިއާޔަތްކޮށެވެ. އެ ގަވައިދުގައިވާ ގޮތުން އިސްތިއުނާފީ މަރުހަލާގައި ކަފާލާތަށް އެދެވިދާނެ އެވެ. ނަމަވެސް އެ ގަވައިދަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ކުރީގެ ގަވައިދެކެވެ.
ޖަމީލު ވިދާޅުވީ ހައިކޯޓުން އެގޮތަށް އަމަލު ކޮށްފައި އޮތުމުން އެއީ ގާނޫނީ އުސޫލެއްކަން އެނގިގެންދާ ކަމަށެވެ. އެކަމަށް ރައްދު ދެއްވަމުން ވަކީލް އައިޝަތު ވިދާޅުވީ އެ ތިން މައްސަލަ އާއި ރައީސް ޔާމީންގެ މައްސަލަ ވަރަށް ތަފާތު ކަމަށެވެ. އެ ތިން މައްސަލާގައި އިޖުރާއީ ގިނަ މައްސަލަތަކެއް ދަށުގައި ހުރި ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ މައްސަލާގައި އިޖުރާއީ ބޮޑެތި ގޯސްތަކެއް ހުރިކަމަށް އެ ފަރާތުން ވެސް ފާހަގަ ކޮށްފައިނުވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ މައްސަލައަކީ ޖިނާއީ ބޮޑު ކުށެއްކަން ވެސް ވަކީލް ފާހަގަ ކުރެއްވި އެވެ.
މިިދިޔަ މަހުގެ 28 ވަަ ދުވަހު ބޭއްވި އަޑުއެހުމުގައި އިސްތިއުނާފީ ނުކުތާތަކާ ގުޅޭ ގޮތުން ވާހަކަ ނުދައްކަ އެވެ. އިސްތިއުނާފީ ނުކުތާތަކުގެ ގޮތުގައި 80 އަށްވުރެ ގިނަ ނުކުތާތައް ހުށަހަޅާފައިވެ އެވެ. ފަނޑިޔާރު ވިދާޅުވި ގޮތުގައި އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާނީ ކަފާލާތާ މެދު ގޮތެއް ނިންމުމަށްފަހު އެވެ.
މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ މިފަހުން ހައިކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރު ހުސެއިން މަޒީދެވެ. ދެން ތިއްބެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސެއިން ޝަހީދެވެ.