ކެބިނެޓް

ދިރިއުޅުމުގެ ހާލަތު ދެނެގަންނަން ފުރަތަމަ ފަހަރަށް މިންގަނޑެއް

ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމުގެ މިންގަނޑެއް ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި ބޭނުން ކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.

އެމަނިކުފާނު މިފަދައިން ނިންމެވީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހު ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ އިން ހުށައަޅާފައިވާ ކަރުދާހަކާ ބެހޭގޮތުން ވާހަކަދައްކަވަމުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ ރާއްޖޭގައި ފަގީރުކަން މިނެކިރަން މިހާރު ބޭނުންކުރާ، އާމްދަނީގެ މައްޗަށް ބިނާކޮށް އެކުލަވާލެވިފައިވާ މިންގަނޑުގެ އިތުރުން ދިރިއުޅުމުގެ ހާލަތު ވަޒަންކުރާނެ މިންގަނޑެއް ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައި ކަމަށެވެ. އަދި ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމުގައި ހުރި ފަރަގުތައް ނައްތާލުމަށް ރާއްޖޭގައި ކުރަމުންދާ މަސައްކަތްތައް ވަޒަންކުރުމުގައި ބޭނުންކުރެވޭ މުހިންމު ޕޮލިސީ ޓޫލްއަކަށް އާ މިންގަނޑު ހެދުމަށް ނިންމާފައިވާ ކަމަށެވެ.

ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމުގެ މިންގަނޑަކީ ތަފާތު އެކި ނަޒަރުން (ސިއްހީ، ތައުލީމީ، ދިރިއުޅުމުގެ ފެންވަރު ފަދަ) ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމަށްޓަކައި ބައިނަލްއަގްވާމީ ފެންވަރެއްގައި ބޭނުންކުރެވެމުންދާ މިންގަނޑެކެވެ. މިއީ މިހާރުވެސް 100 އަށް ވުރެ ގިނަ ގައުމުގައި ބޭނުންކުރަމުންދާ މިންގަޑެކެވެ. އަސާސީ ހިދުމަތްތަކުން މަހްރޫމްވުމަކީ ފަގީރު ކަމަށް މީހުން ހުށަހެޅޭ ކަމެއްގެ ގޮތުގައި ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމުގެ މިންގަނޑުގައި ބެލެވިފައިވެއެވެ.

ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި އަސާސީ ހިދުމަތްތައް ލިބުމުގައި ރައްޔިތުންގެ މެދުގައި ހުރި ފަރަގު ދެނެގަނެ، މި ތަފާތުތައް ކުޑަކުރުމާއެކު ހަމަހަމަކަން ގާއިމްކުރުމަށްޓަކައި އިސްކަންދޭންޖެހޭ ދާއިރާތަކާއި ސަރަހައްދުތައް ފާހަގަކޮށް ހަމަހަމަކަން ފަހިކޮށްދިނުމުގައި ރިއާޔަތްކުރާ އިންޑިކޭޓަރެއްގެ ގޮތުގައި ވެސް ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމުގެ މިންގަނޑު ބޭނުންކުރުމަށް ނިންމާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

މި އިންޑެކްސް އެކުލަވައިލައްވާފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗާ އިން ކުރި ފަންނީ މަސައްކަތް ތަކަށްފަހު ކަމަށްވެސް އެ އޮފީހުން ވަނީ ބުނެފައެވެ.