ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮރޯނާ ވައިރަސް

ރާއްޖޭގެ ފިޔަވަޅުތައް ވަރަށް ރަނގަޅު: ރައީސް

ރާއްޖެއަށް ކޮރޯނާ ވައިރަސް އައުމުގެ ފުރުސަތު ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަރަށް ރަނގަޅަށް އަޅަމުން ގެންދާ ކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ކޮރޯނާ ވައިރަސްއާ ގުޅިގެން މިނިސްޓްރީތަކުން އަޅަމުންދާ ފިޔަވަޅުތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކޮރޯނާ ވައިރަސްގެ ނުރައްކާތެރި ހަބަރު ސަރުކާރަށް ލިބުމާއެކު ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި އެކަމުގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުގެ ވަޒީރުންނާއި، އެ ވުޒާރާތަކުގެ ވެރިންނާއި މުވައްޒަފުންނާއި، ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނާއި މުވައްޒަފުންގެ އެއްބާރުލުމާއި އެހީތެރިކަން ސަރުކާރަށް ލިބެމުންދާ ކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން، ފަތުރުވެރިކަމުގެ ދާއިރާގެ އިސްބޭފުޅުންނާއި، ރިޒޯޓުތަކާއި ގެސްޓްހައުސްތަކުންނާއި، ކަމާގުޅޭ އަމިއްލަ އެހެން އިދާރާތަކުން މިކަމަށް ދެއްވާ ސަމާލުކަމާއި އަހަންމިއްޔަތުވެސް ރައީސް ފާހަގަކުރެއްވިއެވެ.

މި ދުވަސްވަރަކީ ވަރަށް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ ދުވަސްވަރެއް ކަމަށްވުމާއެކު، އެންމެ ހާއްސަ އިސްކަމެއް ދެއްވަނީ، ރާއްޖެއަށް ކޮރޯނާ ވައިރަސް، ބޭރުން އައުމުގެ ފުރުސަތު ކުޑަކުރުމަށް ކަަމަށް ރައީސް ވިދާޅުވިއެވެ. އަދި މިގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ވަރަށް ރަނގަޅަށް އަޅަމުންދާ ކަމަށް ވިދާޅުވެ، ރާއްޖޭގެ ރައްޔިތުންގެ މެދުގައި، މި ބަލީގެ ނުރައްކާތެރިކަމާއި، ބަލީގެ ހޭލުންތެރިކަން އިތުރުކުރުމަށް ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ. އަދި މިބަލި މުޅި ދުނިޔެއިން ކޮންޓްރޯލް ކުރެވެންދެން، ރާއްޖޭގައި އެޅެންހުރި ފިޔަވަޅުތައް، ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާ އެކީގައި އަޅުއްވަމުން ގެންދަވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮރޯނާ ވައިރަސް، ރާއްޖެއާ އަވަށްޓެރި ބައެއް ހިސާބުތަކުގައި ފެތުރެމުންދިޔުމާއެކު، މިހާރުން މިހާރަށް އެޅެންހުރި އިތުރު ފިޔަވަޅުތަކާ ގުޅޭގޮތުންވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޝްވަރާކޮށް، އެޅެންހުރި ފިޔަވަޅުތައް، ކަމާބެހޭ ހުރިހާ ފަރާތްތައް ގުޅިގެން އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.