ހަބަރު

މުއިއްޒުގެ މައްސަލައެއް ބަލަން މާލެ ސިޓީ ކައުންސިލުން ފުލުހަށް ހުށަހަޅަނީ

Feb 4, 2020
7

ކުރީ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ "ހިޔާ" ފްލެޓުތައް ދޫކުރި ގޮތާ ގުޅިގެން އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރުމަށް މާލެ ސިޓީ ކައުންސިލުން ފުލުހަށް މައްސަލައެއް ހުށަހަޅަން ނިންމައިފި އެވެ.

ފުރަތަމަ ފަހަރަށް އާންމުކޮށް ހުޅުވާލައިގެން މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި އެ ކައުންސިލުން ވަނީ ހިޔާ މަޝްރޫއާ ގުޅޭ ބައެއް ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ. އެގޮތުން ހިޔާ މަޝްރޫއުގެ 7000 ފްލެޓު ދޫކޮށްފައި ވަނީ އޭގެ ހައްގުވެރިންނަށްތޯ ކަށަވަރު ކުރުމަށާއި އެ ފްލެޓުތަކުގެ ހައްގުވެރި ފަރާތްތަކަށް ލިބިދެވޭނޭ ގޮތެއް ހޯދުމަށް ސަރުކާރުން މިހާތަނަށްކޮށްފައި ހުރި މަސަައްކަތްތަކަކީ ކޮބައިކަން ބަލަން އެ ކައުންސިލުން ނިންމި އެވެ.

އޭގެ އިތުރުން ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު އާއި ކުރީ ސަރުކާރުގައި އެ މަސައްކަތުގައި އިސްކޮޅު އުޅުއްވި ބޭފުޅުން ހިޔާ ފްލެޓުތައް ދޫކުރުމުގެ މަސައްކަތް ކޮށްފައި ހުރި ގޮތާމެދު ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންނަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމައިފަ އެވެ.

މާލެ ސިޓީ ކައުންސިލް ބައްދަލުވުމުގައި އިތުރަށް ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ހުޅުމާލޭ ބިމުގެ މައްޗަށް މާލެ ސިޓީ ކައުންސިލްގެ އިހްތިސާސް ހިންގޭނެތޯ ގާނޫނީ ރައުޔެއް ހޯދުމާއި މާލޭގައި ޕާކިން ޒޯންތައް ހެދޭނެ ސަރަހައްދުތައް ކަނޑައެޅުމަށްޓަކައި ކުރަން ޖެހޭ ދިރާސާތައް 30 ދުވަހުގެ ތެރޭގައި ނިންމައި އަމަލީ މަސައްކަތް ފެށުން ހިމެނެ އެވެ.

މުއިއްޒުގެ މައްސަލައެއް ބަލަން މާލެ ސިޓީ ކައުންސިލުން ނިންމާފައިވާއިރު އޭނާ ވަނީ މާލެ ސިޓި ކައުންސިލްގެ މޭޔަރު ކަމަށް ވާދަ ކުރައްވަން ނިންމަވާފައި ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ އިއުލާނުކޮށްފައެވެ.