ހަބަރު

ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިިފި

ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ ބޭއްވި ރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް އަހުމަދު އަކްރަމް ވިދާޅުވީ މިރެއިން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

ކައުންސިލް އިންތިހާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަަނަ ދުވަހުއެވެ. މިއީ ދެ އިންތިހާބެއް އެއް ދުވަހެއްގައި ބާއްވާ ފުރަަތަމަ ފަހަރެވެ.

އަކްރަމް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާނެ ކަމަށެވެ.

ކައުންސިލް އިންތިހާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި 6000 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް ބެލެވޭ ކަމަށް އަކްރަމް ވިދާޅުވިއެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އިންތިހާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާނެ އިންތިހާބެވެ.

މިފަހަރުގެ އިންތިހާބުގައި 2،69562 މީހުންނަށް ވޯޓްލުމުގެ ހައްގު ލިބޭނެއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ވޯޓާސް ލިސްޓް އާންމުކޮށްފައެވެ. އަދި ޝަކުވާ ހުށައަޅަން ހުޅުވާލި ފުރުސަތުގައި 373 ޝަކުވާއެއް ވަނީ ލިބިފައެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި މި ހުރިހާ ޝަކުވާތަކަށް ހައްލު ގެނައުމަށްފަހު އަލުން ވޯޓާސް ލިސްޓް އާންމުކުރާނެ. އަދި ރީރަޖިސްޓްރީއަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ 13 ފެބްރުއަރީގައި." އަކްރަމް ވިދާޅުވިއެވެ.

2020 ވަނަ އަހަރުގެ ކައުންސިލް އިންތިޚާބު

  • ރަށު ކައުންސިލްތަކުން އިންތިޚާބުކުރާ އަންހެން ކައުންސިލަރުންގެ އަދަދު 372
  • ރަށު ކައުންސިލްތަކުން އިންތިޚާބުކުރާ ކައުންސިލަރުންގެ އަދަދު 372 (އަންހެން، ފިރިހެން)
  • ރަށު ކައުންސިލްތަކުން ރައީސުންގެ އަދަދު 179
  • ރަށު ކައުންސިލްތަކުގެ ޖުމްލަ އަދަދު 923
  • ސިޓީތަކުން އިންތިޚާބުކުރާ އަންހެން ކައުންސިލަރުންގެ އަދަދު 14
  • ސިޓީ ކައުންސިލަރުންގެ އަދަދު 28 (އަންހެން، ފިރިހެން)
  • ސިޓީ ކައުންސިލްގެ މޭޔަރުންގެ އަދަދު 4
  • ސިޓީތަކުގައި ޖުމްލަ ތިބޭނެ އަދަދު 46