ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ކައުންސިލް އިންތިހާބަށް 545 ވޯޓްފޮށި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި 545 ވޯޓް ފޮށި ބެހެއްޓޭނެ ކަމަށް މިހާތަނަށް ބެލެވިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ ވަނީ ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ.

އަކްރަމް ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން ކައުންސިލް އިންތިހާބަށް 545 ވޯޓް ފޮށި ބެހެއްޓޭނެ ކަމަށެވެ. އެގޮތުން މާލޭގައި 173 ވޯޓްފޮށި، އަތޮޅުތެރޭގައި 322 ވޯޓްފޮށި އަދި ސިނާއީ މަސައްކަތްކުރާ ރަށްތަކާއި، ރިސޯޓް އަދި ޖަލުތަކުގައި 42 ވޯޓް ފޮށި ބެހެއްޓޭނެ ކަމަށެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގެ ގައުމުތަކުގައި އަށް ވޯޓް ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ބަހައްޓާނެ ސީދާ ޖުމްލަ ވޯޓް ފޮށީގެ އަދަދު ރީ-ރަޖިސްޓްރޭޝަންއަށްފަހު އިއުލާނުކުރާނެ." އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ މީގެ ކުރީ އިންތިހާބުތަކުގައި ވޯޓްފޮށި ނުބަހައްޓާ ބައެއް ސަރަހައްދުތަކުގައި މިފަހަރު ވޯޓް ފޮށިތައް ބެހެއްޓުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ގަލޮޅު ދަނޑާއި، ހެންވޭރު ދަނޑުފަދަ ތަންތަނުގައި ވޯޓް ފޮށި ބެހެއްޓުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ ވަނީ މޮނިޓަރުންނާއި، އޮބްޒާވަރުންނަށް ވާން އެދޭ ފަރާތްތަކަށްވެސް ފުރުސަތު ހުޅުވާލާފައެވެ.