ބޮލީވުޑް

"ބޭޑް ބޯއިޒް" ހިންދީ ބަހުން ހަދަނީ

މަޝްހޫރު ހޮލީވުޑް ފްރެންޗައިޒް "ބޭޑް ބޯއީޒް" ހިންދީ ބަހުން އުފެއްދުމަކީ އޭނާ ވަރަށް ކުރިއްސުރެ ދެކެމުން އަންނަ ހުވަފެނެއް ކަމަށް ޑައިރެކްޓަރު ރޯހިތު ޝެޓީ ބުނެފި އެވެ. އަދި މި ފިލްމުތަކުގައި ބައިވެރި ކުރާނެ ތަރިން ވެސް މިހާރުއްސުރެ ރޯހިތު ވަނީ ހޮވާފަ އެވެ.

ރޯހިތު ބުނި ގޮތުގައި "ބޭޑް ބޯއީޒް" އަކީ އޭނާއަށް އެންމެ މަގްބޫލު ފްރެންޗައިޒް އެވެ. ވިލް ސްމިތު އާއި މާޓިން ލޯރެންސްގެ މެދުގައި ފެނިގެންދާ ކެމިސްޓްރީ އަޖައިބެއްހާ މޮޅު ކަމަށް ވެސް ރޯހިތު ބުންޏެވެ. އޭނާ އިތުރަށް ބުނި ގޮތުގައި 2011 ގައި އޭނާ ވަނީ ސޮނީ ޕިކްޗާޒް އެންޓަޓައިންމަންޓްގެ އިސް މީހުންނާ ބައްދަލުކޮށް "ބޭޑް ބޯއީޒް" ރިމޭކް އެއް އުފެއްދުމާ ބެހޭ މަޝްވަރާތައް ކޮށްފަ އެވެ. ނަމަވެސް އޭގެ ފަހުން އޭނާ ވަނީ އަމިއްލައަށް ކޮޕް ފިލްމުތަކެއް އުފައްދާފަ އެވެ.

ރޯހިތު ބުނި ގޮތުގައި "ބޭޑް ބޯއީޒް" ގެ ރިމޭކް އެއްގެ މަސައްކަތް ޔަގީނުން ވެސް އޭނާ ކުރާނެ އެވެ. ނަމަވެސް ފިލްމުގައި އުޅޭނީ ކޮން އެކްޓަރުންނެއް ކަމެއް މިވަގުތު ހާމަކުރަން ރޯހިތު ބޭނުމެއް ނޫނެވެ.

"މިހާރު އަހަރެން އެކްޓަރުންގެ ނަންތައް ބުނެފިއްޔާ އެ ޚަބަރު ވައިރަލް ވާނެ އަހަރެން އެ ތަރިންނާއެކު ފިލްމެއް އުފައްދަނިއްޔޭ ކިޔާފަ. އޭރުން ދެން އަހަރެންނަށް މާ ގިނަ އިތުރު މައްސަލަތައް ދިމާވާނެ. އެހެންވީމަ އަދި ފިލްމުގައި ބައިވެރިވާނީ ކޮން ތަރިންނެއް ކަމެއް ނުބުނާނަން،" ރޯހިތު ބުންޏެވެ.

"ބޭޑް ބޯއީޒް" ފްރެންޗައިޒްގެ ތިން ވަނަ ފިލްމު "ބޭޑް ބޯއީޒް ފޯ ލައިފް" 31 ޖެނުއަރީ އިން ފެށީގެން އިންޑީިޔާގައި ދަނީ ދައްކަމުންނެވެ. މި ސިލްސިލާގެ ފުރަތަމަ ފިލްމު ރިލީޒްކުރީ 1995 ގައެވެ.