ބޮލީވުޑް

އަނިލް ކަޕޫރު ފުރަތަމަ "މަލަންގް" ކުޅެން ބޭނުމެއް ނުވި

އެކްޓަރު އަނިލް ކަޕޫރަކީ ފުލުސް ރޯލުތައް ކުޅުމުގައި ވަރަށް މަޝްހޫރު ތަރިއެކެވެ. "ރާމް ލަކަން" އާއި "ރޭސް" ފަދަ ފިލްމުތަކުގައި ވެސް އަނިލް ވަނީ ވަރަށް މޮޅަށް ކޮޕް ރޯލުތައް ކުޅެފަ އެވެ. އަންނަ ހުކުރު ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާ "މަލަންގް" ގައި ވެސް އަނިލް ފެންނާނީ ފުލުހުންގެ ޔުނިފޯމްގަ އެވެ.

މިހާރު ހުރިހާ އެކްޓަރުން ކަހަލަ ގޮތަކަށް ފުލުސް އޮފިސަރުންގެ ރޯލު ކުޅެ އެވެ. އެހެންވީމަ "މަލަންގް" ގެ ރޯލު ވަކިން ޚާއްސަވީ ކީއްވެތޯ ނޫސްވެރިއަކު އަނިލް އާ ސުވާލުކުރި އެވެ.

އަނިލް ބުނީ "މަލަންގް" ފުރަތަމަ ހުށަހެޅުމުން އޭނާ އެ ފިލްމު ކުޅެން އެއްބަހެއް ނުވެ އެވެ. ގިނަ ފިލްމުތަކެއްގައި ފުލުހެއްގެ ރޯލު ކުޅެފައި ވާތީ އަނެއްކާވެސް އާ ފިލްމެއްގައި އެ ފަދަ ރޯލެއް ކުޅެން ބޭނުން ނުވެގެންނެވެ.

"އޭރުން މީހުން ބުނާނެ އަނެއްކާ ފުލުހެއްގެ ރޯލު ކުޅެނީހޭ. އެހެންވެ އެ ފިލްމު ނުކުޅެން ވެގެން އުޅުނީ. ދެން އަނެއްކާ ކުއްލިއަކަށް ހިތަށް އަރައިފި ފުލުހެއްގެ ރޯލަކީ ކިތަންމެ ގިނަ ފިލްމުތަކެއް ވެސް ކުޅެވިދާނެ ރޯލެކޭ،" އަނިލް ބުންޏެވެ.

މިސާލަކަށް އަނިލް ނެގީ ހޮލީވުޑް އެކްޓަރު ކްލިންޓް އީސްޓްވުޑް އެވެ. "ޑާޓީ ހެރީ" ނޫނަސް ގިނަ ފިލްމުތަކެއްގައި ކްލިންޓް ފުލުހެއްގެ ރޯލު އަދާ ކޮށްފައި ވެއެވެ.

"މަލަންގް"ގައި އޭނާ އަދާކުރާ ރޯލަކީ ވަރަށް އަނދިރި ފަރާތެއް އޮތް ކެރެކްޓާއެކެވެ. މިހާތަނަށް އޭނާއެއް އެފަދަ ކެރެކްޓާއެއް ނުކުޅޭ ކަމަށް ވެސް އަނިލް ބުންޏެވެ.

"ފިލްމަކީ ކޮމާޝަލް ފިލްމަކަށް ވާތީ ބެލުންތެރިން ޝައުގުވެރިވާ ފަދަ ގޮތަކަށް އަހަރެންގެ ކެރެކްޓާ ހުށަހަޅައި ދެވޭތޯ ވަރަށް މަސައްކަތް ކުރިން،" އަނިލް ބުންޏެވެ.

މި ފިލްމުގައި އަނިލްގެ ސިފަ ވެސް ވަރަށް ތަފާތު ވާނެ އެވެ. އޭނާގެ ބޮލުގައި ހުރި ނުރަތައް މި ފިލްމުގައި ހުންނަނީ ކަޅު ނުކޮށެވެ. އަދި ރަތް އައިނަކާއި ޓެޓޫއެއް އޭނާގެ ސިފަ ފުރިހަމަ ކުރުމަށް ބޭނުން ކޮށްފައި ވެއެވެ. އަނިލް ބުނީ ރަތް އައިނާއި ޓެޓޫއަކީ ފިލްމުގެ ޑައިރެކްޓަރު މޯހިތު ސޫރީގެ ޚިޔާލެއް ކަމަށެވެ.

އުމުރުން 63 އަހަރު ވެފައިވާ އަނިލް މި ފިލްމުގައި ކުޅެނީ ފަންސާހުގެ އަހަރުތައް ގުނަމުންދާ މީހެއްގެ ރޯލެވެ. އެހެންވެ ގުދުރަތީ ގޮތުން އޭނާގެ ބޮލުގައި ޖަހާފައިވާ ނުރަތައް ފިލްމުގައި ބެހެއްޓީމަ އެ ކެރެކްޓާއާ މާ ގުޅޭ ކަމަށް ފެނިގެން އަނިލް ވަނީ ބޯ ކަޅުނުކޮށް ހުރި ގޮތަށް ބަހައްޓާފަ އެވެ.

"މަލަންގް"ގެ ބަތަލަކީ އަދިތުޔާ ރޯއި ކަޕޫރެވެ. ބަތަލާ އަކީ ދިޝާ ޕަޓްނީ އެވެ. އަދި ކުނާލް ކޭމޫ ވެސް ފިލްމުގައި ވަރަށް މުހިއްމު ބަޔެއް ކުޅެ އެވެ.