ވިޔަފާރި

މަމެން އިންޓަ ސްކޫލް ބައިކް ޗެމްޕިއަންޝިޕް އަންނަ މަހު

Feb 5, 2020

ދިރާގުން ސްޕޮންސާކޮށްގެން ބައިކް މޯލްޑިވްސްއާ ގުޅިގެން ބާއްވާ އިންޓަ ސްކޫލް ބައިކް ޗެމްޕިއަންޝިޕް އަންނަ މަހު ބާއްވަން ތައްޔާރު ވެއްޖެ އެވެ.

"މަމެން އިންޓަ ސްކޫލް ބައިކް ޗެމްޕިއަންޝިޕް" ގެ ނަމުގައި ސްކޫލްތަކުގެ ދަރިވަމުންނަށް ހާއްސަކޮށް ބާއްވާ މި މުބާރާތް އިންތިޒާމު ކުރަނީ ބައިކް މޯލްޑިވްސް އިންނެވެ. މިދިޔަ އަހަރުން ވެސް މި މުބާރާތް ބޭއްވިއިރު 600 ދަރިވަރުން ބައިވެރިވެފައިވެ އެވެ. މި އަހަރުގެ އިވެންޓުގެ ސްޕޮންސާއަކީ ދިރާގުގެ "މަމެން" މޮބައިލް އެޕްލިކޭޝަން އެވެ. މި އެޕްލިކޭޝަންއަކީ އެ ކުންފުނީގެ ހިދުމަތްތައް ފަސޭހަކަމާއެކު ބޭނުން ކުރެވޭ އެޕެކެވެ.

ބައިކް އިވެންޓުގެ މައުލޫމާތު ދިނުމަށް ދިރާގުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ އެސިސްޓެންޑް މެނޭޖަރު ބްރޭންޑް ނައިޔާ ޝަރީފު ވިދާޅުވީ މި އަހަރުގެ އިވެންޓު އޮންނާނީ އަންނަ މަހުގެ 14 ވަނަ ދުވަހު ކަމަށެވެ.

"އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ އިވެންޓު ކުރި އަށް ދާނީ އެއް ދުވަހުގެ އިވެންޓެއްގެ ގޮތުގައި،" ނައިޔާ ވިދާޅުވި އެވެ.

މި އިވެންޓު އިންތިޒާމު ކުރާ ބައިކް މޯލްޑިވްސްގެ ޗެއާޕާސަން ޒުލެއިހާ ހަސަން ދީދީ ވިދާޅުވީ މި މުބާރާތަށް އާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.

"މިދިޔަ އަހަރު ލިބުނު ތަރުހީބަށް ބަލާފައި، ރަށްރަށުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެ،" ޒުލެއިހާ ވިދާޅުވި އެވެ.

މި އަހަރުގެ މުބާރާތުގައި ވެސް ތިން އުމުރުފުރާ އަކަށް ބަހާލައިގެންނެވެ. މި އަހަރުވެސް 14 އަހަރުން ދަށުގެ އުމުރުފުރާ އާއި 16 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ ކުދިންނަށް ބައިވެރިވެވޭނެ އެވެ. މީގެ އިތުރުން 12 އަހަރުން ދަށުގެ އުމުރުފުރާ އަށް ހާއްސަކޮށް "ފަން ރައިޑް" ގެ ނަމުގައި ބައިސްކަލް ރޭހެއް އޮންނާނެ އެވެ. މުބާރާތުގައި ތަފާތު 25 ރޭހެއް ބާއްވާނެ އެވެ.