ބާސެލޯނާ

ފުލުފުލުގައި އަނިޔާވެ ޑެމްބެލޭއަށް ސީޒަން ނިމިއްޖެ

ބާސެލޯނާގެ ފޯވަޑް އުސްމާން ޑެމްބެލޭއަށް އަނެއްކާވެސް އަނިޔަވެ، ސީޒަންގެ ބަކީބައިގައި އޭނާއަށް ނުކުޅެވޭނެކަން ގާތްގަނޑަކަށް ކަށަވަރު ވެއްޖެ އެވެ.

ސަތޭކަ މިލިއަން ޔޫރޯއަށް ވުރެ ބޮޑު އަދަދެއް ހޭދަ ކުރުމަށްފަހު ބާސާއިން ގަތް ޑެމްބެލޭއަށް، ކުލަބުން ބޭނުންވި ވަރާ ގާތަށްވެސް ކުލަބަށް ހިދުމަތް ކޮށް ނުދެވުނެވެ. އޭނާ ބާސެލޯނާގައި ހޭދަކުރާ ދެ އަހަރާއިގެ މުއްދަތުގައި އެ ކުލަބުގެ 63 މެޗުގައި އޭނާ ހުންނަން ޖެހުނީ އަނިޔާގެ ސަބަބުން ދަނޑުން ބޭރުގަ އެވެ. ސީޒަންގެ ބާކީބައިގައި ނުކުޅެވޭއިރު އެ އަދަދު އެއަށްވުރެ މަތި ވުމަކީ އެކަށީގެންވާ ކަމެކެވެ.

ބާސެލޯނާ ދޫކޮށް، ނޭމާ 2017 ވަނަ އަހަރު ޕީއެސްޖީއަށް ބަދަލުވުމުން އެ މަގާމު ފޫބެއްދުމަށް އެ ކުލަބުން ގެނައި ޑެމްބެލޭއަށް ޑޯޓަމުންޑްގައި އަނިޔާގެ ޓްރެކް ރެކޯޑެއް ފާޙަގަ ކުރެވިފައި ނުވެ އެވެ.

އޭނާއަށް ބާސާގައި ކުޅެވުނީ 74 މެޗެވެ. ނަވާރަ ލަނޑު ޖެހިއރު އިތުރު 17 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ.