ހަބަރު

ކައުންސިލް އިންތިހާބުގެ މޮނިޓަރުންނާއި އޮބްޒާވަރުންނަށް ހުޅުވާލައިފި

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮބްޒާވް ކުރުމަށާއި މޮނިޓާ ކުރުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކޮށްފައިވާ އިއުލާނެއް ގައި ބުނެފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު މޮނިޓާ ކުރުމަށާއި އޮބްޒާވް ކުރަން ބޭނުންވާ ފަރާތްތައް ފޯމު ހުށަހެޅުމަށް މިއަދުން ފެށިގެން އަންނަ މާޗު މަހުގެ ދެވަނަ ދުވަހާއި ހަމަޔަށް ހުޅުވާލާފައިވާ ކަމަށެވެ.

އީސީ އިން ބުނީ އިންތިހާބު މޮނިޓާ ކުރުމާއި އޮބްޒާވް ކުރަން ބޭނުންވާ ފަރާތަކީ ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒް ކުރަމުންދާ މީހަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި އެއީ 18 އަހަރު ފުރިފައިވާ ދިވެއްސަކަށް ވާން ޖެހޭނެ ކަމަށެވެ.

ސިޔާސީ ޕާޓިތައް ފިޔަވައި މަދަނީ ޖަމާއަތްތަކުން ނުވަތަ އަމިއްލަ ގޮތުން އޮބްޒާވަރަކަށް ވުމަށް ހުށަހަޅާ މީހެއްނަމަ، ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓިއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން އޮވެގެން ނުވެ އެވެ. އަދި މޮނިޓަރަކަށް ވެވޭނީ ބްރޯޑްކޮމްގައި ރަޖިސްޓްރީ ކޮށްފައިވާ ރޭޑިޔޯ އާއި ޓީވީ ސްޓޭޝަނެއްގައި މަސައްކަތް ކުރާ މީހުނަށާއި ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ނޫސް މަޖައްލާއެއްގައި މަސައްކަތް ކުރާ މީހަކަށެވެ.