ބާސެލޯނާ

އަބިޑާލްގެ ވާހަކަތަކަށް މެސީގެ ރައްދު ދީފި

ބާސެލޯނާގެ ސްޕޯޓިން ޑައިރެކްޓާ އެރިކް އަބިޑާލް ދާދިފަހުން ދިން އިންޓަވިއުއެއްގައި ޓީމުގެ ޕާފޯމަންސާމެދު ކުޅުންތެރިންނަށް ފާޑު ކިއުމުން ކެޕްޓަން ލިއޮނަލް މެސީ އެ ވާހަކަތަކަށް ރައްދު ދީފި އެވެ.

ކަޓަލާން ޑެއިލީ ސްޕޯޓްސް ނޫހަށް ދިން އިންޓަވިއުގައި ބާސާގެ ކުރީގެ ޑިފެންޑަރު އަބިޑާލް ވަނީ، ކުރީގެ ކޯޗް އެރުނަސްޓޯ ވަލްވެރުޑޭ ހުރިއިރު ޓީމުގެ ކުޅުމާމެދެ ފާޑު ކިޔައި އެކަމުގެ ޒިންމާ ކުޅުންތެރިން ވެސް ނަގަން ޖެހޭ ކަމަށް ބުނެ ވާހަކަ ދައްކާފަ އެވެ. އަބިޑާލް ބުނީ ނަތީޖާއަށް ވުރެ އޭނާ ބެލީ ޓީމުގެ ކުޅުމަށް ކަމަށާއި ކުޅުން ރަނގަޅު ނޫން ކަމަށެވެ.

"ކުޅުންތެރިން ތިބެނީ ހިތްހަމަޖެހިފައެއް ނޫން، އަދި ކުޅުންތެރިން ބުރަކޮށް މަސައްކަތެއް ވެސް ނުކުރޭ، އަދި އެތެރޭގައި އޮންނަން ޖެހޭ ކޮމިޔުނިކޭޝަން ވެސް ރަނގަޅެއް ނޫން،" ކުރީގެ ކޯޗް ވަލްވެރުޑޭ ހުރިއިރު ކަންކަން ހިނގާ ކަމަށް ބުނެ އަބިޑާލް ވާހަކަ ދެއްކި އެވެ. "ކޯޗާއި ޓީމުގެ ޑްރެންސިން ރޫމާ އަބަދުވެސް ރަނގަޅު ގުޅުންތަކެއް އޮންނަން ޖެހޭ، ކުރީގެ ކުޅުންތެރިޔެއްގެ ހައިސިއްޔަތުން އަހަންނަށް ވެސް ފާހާގަ ކުރެވޭ ކަންތައްތަކެއް ހުރި، އަހަރެން އެވާހަކަތައް ކުލަބާ ހަމައަށް ގެނެސް ދިނިން އަދި އަހަރެމެން ނަގަންޖެހޭނެ ޑެސިޝަނެއް ނެގެން ޖެހޭނެ."

އަބިޑާލްގެ ވާހަކަތަަކަށް ރައްދު ދެމުން މެސީ ބުނީ ކުޅުންތެރިންގެ ވާހަކަ ދައްކާއިރު އެއީ ކޮންކުޅުންތެރިންނެއްކަން ހާމަކުރަން ޖެހޭ ކަމަށެވެ. މެސީ ބުނީ ޓީމުގެ ކުޅުން ދަށް ނަމަ އެކަމާ އެންމެ ފުރަތަމަ ޒިންމާ ނަގާބަޔަކީ ކުޅުންތެރިން ކަމަށާއި ކުލަބުގެ މަތީފަޑީގައި ތިބެގެން ނިންމާ ނިންމުންތަކާ މެދު އެފަރާތްތަކުން ނަގަންޖެހޭ ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ.