ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ ހިދުމަތް ދެމުން އަންނަ ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑުން (ދިރާގު) އެ ކުންފުނީގެ ބްރޯޑްބޭންޑް ހިދުމަތްތަކުގެ އަގު ހެޔޮކޮށް، އެހިދުމަތްތަކުގެ އެލޮވެންސް އިތުރުކޮށްފިއެވެ.
ދިރާގުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި މެނޭޖަރު މާކެޓިން މުހައްމަދު ފާރިހު ވިދާޅުވީ އެ ކުންފުނިން ގޭގެ އަށް ދެމުން ގެންދާ ބްރޯޑް ބޭންޑް އިންޓަނެޓުގެ އަގަށް ގެނެވުނު ބަދަލާއެކު، ޕެކޭޖުތަކުގެ އަގަށް ބަދަލު ގެނެސް އެލަވަންސް، އިތުރުކޮށްފައިވާނެ ކަމަށެވެ.
"އަގަށް މި ގެނެވުނު ބަދަލާއެކު ޔޫޒާ އެކްސްޕީރިއަންސް ވަރަށް ބޮޑަށް މިހާރު މިވަނީ ބަދަލު ވެގެން ގޮސްފަ. މިހާރު ސްޕީޑާއި އެލަވަންސް ވެސް މިވަނީ ރަނގަޅުވެފަ،" ފާރިހު ވިދާޅުވި އެވެ.
ދިރާގުގެ ޑިރެކްޓަރު މާކެޓިން އަހުމަދު މައުމޫން ވިދާޅުވީ މި ބަދަލަކީ ހަމައެކަނި ހުޅުމާލެއަށް ނޫނީ މާލެއަށް ގެނައި ބަދަލެއް ނޫން ކަމަށާއި، މި ބަދަލު މުޅިރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ބޭނުންކުރާ މީހުންނަށް ވެސް ލިބިގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެން ކަސްޓަމަރުންނަށް ދޭން ބޭނުންވާ ހިދުމަތަކަށް ހެދުން. އެގޮތުން މި ގެނެވޭ އިތުރު ފުރިހަމަ ކަމަކީ ކަސްޓަމަރުން ވަރަށް ބަލައި ގަންނާނެ ބަދަލުތަކެއް،" މައުމޫނު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިގޮތުން މިގެނެސްދޭ އެންމެ ބޮޑު ބަދަލަކީ އިންޓަނެޓުގެ ސްޕީޑް ދެ އެމްބީޕީއެސް އިން ފެށިގެން ދިއުން ކަމަށެވެ.
"މިހާރު ދެ އެމްބީޕީއެސްއިން ފެށިގެން 100 އެމްބީޕީއެސްއާ ހަމައަށް އިންޓަނެޓު ބޭނުން ކުރެވޭނެ. އެ ހިދުމަތް މިހާރު އެކްސްޕީރިއަންސް ކުރެވޭނެ. މީގެ އިތުރުން ޑޭޓާ އެލަވަންސް ވެސް 15 ޖީބީން ފެށިގެން 350 ޖީބީއާ ދެމެދުގައި އެލަވަންސް ރޭންޖްތައް ތަކެއް މިވަނީ ގާއިމް ކުރެވިފައި،" މައުމޫނު ވިދާޅުވި އެވެ.
އެ ކުންފުނީގެ މެނޭޖަރު މާކެޓިން ފާރިހު ވިދާޅުވީ އެ ކުންފުނީގެ ނުވަ ޕެކޭޖެއް ތައާރަފުކޮށްފައިވާއިރު، ނުވަ ޕެކޭޖުގެ އަގަށް ވެސް "ހެޔޮ ބަދަލެއް " ގެނެސްފައިވާނެ ކަމަށެވެ.
"މީގެ ކުރީގައި ހުރި ޕެކޭޖު ޓޫ އެމްބީޕީއެސް އަށް އަޕްގްރޭޑް ކުރިނަމަވެސް ޕެކޭޖުގެ އަގަށް ބަދަލެއް ނާދެ. ކުރީގައި 990ރ. އަށް ލިބުނު ޕެކޭޖުގައި މިހާރު 85 ޖީބީ، ކުރީގައި 5 އެމްގައި ހުރި ޕެކޭޖަށް 110 ޖީބީ، މީގެ އިތުރުން 50 އާއި 100 އެމްބީޕީއެސް ޕެކޭޖުގެ އެލަވަންސް ވެސް މިވަނީ 100 އެމްބީޕީއެސް އަށް އަޕްގްރޭޑް ކުރެވިފައި،" ފާރިހު ވިދާޅުވިއެވެ.