ކުޅިވަރު

ޑާކާގައި މަޒިޔާއިން އަބަހާނީއާ އެއްވަރުކޮށްފި

އޭއެފްސީ ކަޕްގެ ކޮލިފިކޭޝަންގެ ޕްރިލިމިނަރީ ބުރުގެ ޕްލޭއޮފް ފުރަތަމަ ލެގް މެޗުގައި ބަންގުލަދޭޝްގައި، އެގައުމުގެ ޑާކާ އަބަހާނީ ލިމިޓެޑްގެ މައްޗަށް މާޒިޔާއިން 2-2 ން މެޗު އެއްވަރު ކޮށްފި އެވެ.

ފުރަތަމަ ލީޑް ނަގާ، ކުރި ހޯދީ މާޒިޔާއިންނެވެ. މެޗުގެ 42 ވަނަ މިނެޓްގައި މާޒިޔާއަށް ލީޑް ނަގައިދިނީ، އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) އެވެ. ލީޑްގައި އޮވެ ފުރަތަމަ ހާފު ނިންމާލުމަށް މާޒިޔާއިން އުންމީދުކޮށްގެން ތިބަސް ފުރަތަމަ ހާފު ނިމުގެ ކުރިން އަބަހާނީގެ ބްރެޒިލްގެ ޑިފެންޑަރު މަލިސަން އަލްވޭސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލަނޑު ޖަހައި އަބަހނީން ނަތީޖާ ހަމަހަމަ ކުރި އެވެ.

ދެ ވަނަ ފަހަރަށްވެސް ލީޑް ނެގީ މާޒިޔާއިންނެވެ. މެޗުގެ 65 ވަނަ މިނެޓްގައި މާޒިޔާގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ކޯނޯލިއަސް ސްޓްވާޓް (ކޯނޭ) އެވެ. އަބަހާނީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ 80 ވަނަ މިނެޓްގައި ނައިޖީރިއާގެ ފޯވަޑް ސަންޑޭ ޗިޒޯބާ އެވެ.

މާޒިޔާއިން ވަނީ 2017 ވަނަ އަހަރު އޭއެފްސީ ކަޕްގައި ދެ ލެގްގައިވެސް އަބަހާނީ ބަލި ކޮށްފަ އެވެ. އޭރަށްވުރެ މިހާރު އަބަހާނީ ޓީމުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ އެވެ. މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ޒޯން ސެމީ ފައިނަލާ ހަމައަށް އެ ޓީމު ދަތުރު ކުރި އެވެ.

ދެ ވަނަ ލެގް މެޗު އޮންނާނީ މާލޭގަ އެވެ. އެ މެޗު ކުޅޭނީ އަންނަ ބުދަ ދުވަހު އެވެ. ދެ ލެގް މެޗުން މޮޅުވާ ޓީމެއް ވާދަ ކުރަން ޖެހޭނީ ޕްލޭއޮފް ބުރުގައި ބޫޓާންގެ ޕަރޯ އެފްސީ ނުވަތަ އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށެވެ. އެ ދެ ޓީމު ކުޅުނު ފުރަތަމަ ލެގް މެޗުގައި ބޫޓާންގައި ބެންގަލޫރު ވަނީ 1-0 ން ޕަރޯ އެފްސީ ބަލި ކޮށްފަ އެވެ. ބެންގަލޫރުގެ ލަނޑު ކާމިޔާބު ކުރީ އިންޑިއާގެ ތޮންކޯސިއަމް ހޯކިޕް އެވެ.