އިދިކޮޅު ފަރާތްތައް

ކޯލިޝަނެއް ނުހަދާން ޕްރޮގްރެސިވް ކޯލިޝަނުން ނިންމައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެއްވެސް ސިޔާސީ ޕާޓީއަކާއެކު ކޯލިޝަނެއް ނުހަދާ ކުރިއަށްދިއުމަށް ޕްރޮގްރެސިވް ކޯލިޝަނުން ނިންމައިފި އެވެ.

އިދިކޮޅު ކޯލިޝަނުން މިގޮތަށް ނިންމީ ރޭ ދަރުބާރުގޭގައި އެ ޕާޓީން ބޭއްވި ކައުންސިލް ބައްދަލްވުމުގައެވެ.

ދެ ޕާޓީގެ 47 މެންބަރުން ބައިވެރިވި މި ބައްދަލްވުމުގައި ވަނީ އެއްވެސް ސިޔާސީ ޕާޓީއަކާއެކު ޕްރޮގްރެސިވް ކޯލިޝަނުން އިއްތިހާދުވާނަމަ އެ ސިޔާސީ ޕާޓީއެއްގައި ހުންނަންޖެހޭ ޝަރުތުތަކެއް ހުށައަޅާފައެވެ. އެގޮތުން ޕްރޮގްރެސިވް ކޯލިޝަނާއެކު އިއްތިހާދުވާ ސިޔާސީ ޕާޓީއަކީ ރައީސް ޔާމީން މިނިވަން ކުރުމަށް ފާޅުގައި މަސައްކަތްކުރާ ޕާޓީއަކަށްވުމާއި، ރައީސް ޔާމީންގެ ސިޔާސީ ފިކުރާއި، ތަރައްގީގެ ސިޔާސަތު އަދި ދީނީ ސިޔާސަތުތަކަށް ތާއީދު ކުރާ ޕާޓީއަކަށް ވާންޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ސަރުކާރު ހިންގުމުގައި ބައިވެރިވާ ޕާޓީއަކަށް ނުވުމާއި، ލާދީނީ ސިޔާސަތުތަކަށް ތާއީދު ކުރާ ބަޔަކަށް ވެގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މި ހުށައެޅުމަށް ބަހުސް ކުރައްވަމުން ޕީޕީއެމްގެ ނާއިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ ކައުންސިލް އިންތިހާބުގައި އެއްވެސް ޕާޓީއަކާއެކު އެ ކޯލިޝަނުން އިއްތިހާދު ނުވުމަށް ހުށައަޅުއްވާފައެވެ. ޕީޕީއެމްގެ ނާއިބް ރައީސް ގައްސާން މައުމޫން ތާއީދު ކުރެއްވި އެ އިސްލާހާއެކު ހުށައެޅުން ފާސްކޮށްފައިވަނީ 47 މެންބަރުންގެ ވޯޓާއެކުގައެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އެއްވެސް ސިޔާސީ ޕާޓީއަކާއެކު ކޯލިޝަނެއް ނުހަދަން ޕްރޮގްރެސިވް ކޯލިޝަނުން ނިންމާފައިވާއިރު މިދިޔަ އަހަރު ބޭއްވި މަޖިލީސް އިންތިހާބުގައި އެ ކޯލިޝަނުން ވަނީ ސަރުކާރުގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއެކު ގުޅިގެން މަސައްކަތް ކޮށްފައެވެ. ނަމަވެސް އެ އިންތިހާބުގައިވެސް ދެ ޕާޓީއަށް ކުރިިމަތިލާން ޖެހިފައިވަނީ ބޮޑު ނާކާމިޔާބަކާއެވެ.

ކައުންސިލް އިންތިހާބުގައި ހުރިހާ ގޮނޑިތަކަށް ވާދަކުރަން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ނިންމާފައެވެ. އިދިކޮޅުގެ ހުރިހާ ކެންޑިޑޭޓުން ނިކުންނާނީ ޕީޕީއެމްގެ ޓިކެޓްގައެވެ.