ހިޔާ މަޝްރޫއު

ހިޔާ ފްލެޓް އަތުލައިފިނަމަ އަނބުރާ ދޭނަން: ޕީޕީއެމް

ހުޅުމާލޭ ދެވަނަ ފިިޔަވަހީގައި އަޅާފައިވާ 7000 ފްލެޓު ދިނުމަށް ހަމަޖެހިފައިވާ ފަރާތްތަކުގެ އަތުން ފްލެޓް އަތުލައިފިނަމަ ޕީޕީއެމްގެ ސަރުކާރެއްގައި އެ ފްލެޓް ދިނުމަށް ގޮވާލާ ގަރާރެއް އިދިކޮޅު ކޯލިޝަނުން ފާސްކޮށްފި އެވެ.

ދަރުބާރުގޭގައި އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ކައުންސިލް ބައްދަލްވުމުގައި ހިޔާ މަޝްރޫއުގެ ފްލެޓްތައް ދިނުމަށް މިހާރު ނިންމާފައިވާ ނިންމުމަށް މި ސަރުކާރުން ބަދަލު ގެނެސްފިނަމަ ގެއްލުން ލިބޭ ފަރާތްތަކުގެ ހައްގުގައި މަސައްކަތް ކުރުމަށެވެ. ޕީޕީއެމްގެ ނާއިބް ރައީސް އިބްރާހިމް ޝުޖާއު ހުށައެޅި ގަރާރުގައި ބުނެފައިވަނީ ހުޅުމާލޭ ދެވަނަ ފިިޔަވަހީގައި ރައީސް ޔާމީންގެ ސަރުކާރުން އަޅަން ފެށި 7000 ފްލެޓް ލިބޭނެ ހައްގުވެރިން ކުރީ ސަރުކާރުން ކަނޑައަޅާފައިވާ ކަމަށެވެ.

ނަމަވެސް މި ސަރުކާރުން އެކަންކަން ބަދަލުކޮށް ވަކި ބަޔަކަށް ފްލެޓްތައް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެން ކަމުން އެގޮތުން ފްލެޓު ލިބުނު ކަމުގެ ލިޔުން ދީފައިވާ މީހުންގެ އަތުން ފްލެޓް އަތުލައިފިނަމަ ދެން އުފެދޭ ޕީޕީއެމްގެ ސަރުކާރެއްގައި އެ މީހުންނަށް ފްލެޓްތައް ދިނުމަށް އެއްބަސްވުމަށް ގަރާރެއް ފާސްކުރުމަށް ވަނީ ހުށައަޅާފައެވެ.

ޝުޖާއުގެ އެ ހުށައެޅުމަށް ކައުންސިލުން ވަނީ ތާއީދުކޮށްފައެވެ.

ހުޅުމާލޭ ދެވަނަ ފިިޔަވަހީގައި އަޅާފައިވާ 7000 ފްލެޓްގެ މަސައްކަތް ނިމުމާ ހަމައަށް ގޮސްފައިވާއިރު، 2018ގެ ރިޔާސީ އިންތިހާބުން ރައީސް ޔާމީން ބަލިވެފައިވަނިކޮށް ހައުސިން މިނިސްޓްރީން ވަނީ 7000 ފެލްޓް ދޭނެ މީހުން ކަނޑައަޅާފައެވެ. ކުރީ ސަރުކާރުން އެ ނިންމުން ނިންމި ގޮތާމެދު އޭރުގެ އިދިކޮޅުން ވަނީ ވަރަށް ބޮޑަށް ސުވާލު އުފައްދާފައެވެ.

އިދިކޮޅު ކޯލިޝަނުން މިފަދަ ގަރާރެއް ފާސްކޮށްފައިވާއިރު ދާދިފަހުން އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ 7000 ފްލެޓްގެ ތެރެއިން 5000 ފްލެޓް ދީފައިވަނީ ހައްގު ނޫން މީހުންނަށް ކަމަށް ވިދާޅުވެފައެވެ.

ހުޅުމާލޭ ދެވަނަ ފިިޔަވަހީގައި އަޅާފައިވާ 7000 ފްލެޓު ދިނުމަށް ހަމަޖެހިފައިވާ ފަރާތްތަކުގެ ފޯމްތައް ސްކްރީން ކުރުމުގެ މަސައްކަތް ނިމި އިއުލާން ކުރަން ތައްޔާރުވެފައިވާ ކަމަށާއި ފްލެޓު ހައްގުވާ ފަރާތްތަކަށް މި އަހަރު ތެރޭގައި ހަވާލު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

ރައްޔިތުން މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޯމަ ދުވަހު ވިދާޅުވީ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަބުރުވެރި ދިރިއުޅުމަކަށް ބޭނުންވާ އަމިއްލަ ބޯހިޔާވަހިކަމެއް ނެތުން ކަމަށާއި އެގޮތުން ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ހުށަހެޅި ފޯމުތަކުގެ މައުލޫމާތުތަކަށް ބަލާއިރު، އަތް ފޯރާފަށުގެ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ، 20،000 އަށްވުރެ ގިނަ އާއިލާ ހަމައެކަނި މާލެ ސަރަހައްދުގައި ވެސް އެބަތިބި ކަމަށެވެ.

ރައީސް ވިދާޅުވީ ހިޔާ މަޝްރޫއުގެ 17،189 ފޯމެއް މިހާތަނަށް ސްކްރީން ކޮށްފައިވާ ކަމަށާއި ޝަރުތު ހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް ޖުމްލަ ފަސް ކެޓަގަރީއެއްގެ މަސައްކަތް ނިމި، ފްލެޓް ހައްގުވާ މީހުންގެ ލިސްޓްތައް އިއުލާންކުރުމަށް ތައްޔާރުވެފައިވާ ކަމަށާއި ހިޔާ މަޝްރޫއުގެ 7000 ފްލެޓް މިއަހަރުގެ ތެރޭގައި ހައްގުވެރިންނާ ހަވާލުކުރެވޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.