ބޮލީވުޑް

"އާޝިގީ" ލިބުނީ މަހޭޝް ބަޓްގެ ބޯހަރުކަމުން: ރާހޫލް ރޯއީ

"އާޝިގީ" ރިލީޒްކުރިތާ 30 އަހަރު ފުރުން އެ ފިލްމުގައި ބައިވެރިވި ފަރާތްތަކުން މިހާރު ދަނީ ފާހަގަ ކުރަމުންނެވެ. އެގޮތުން ފިލްމުގައި ލީޑް ރޯލު ކުޅުނު ރާހޫލް ރޯއީ އާއި އަންނޫ އަގަރްވާލް އަދި ދީޕަކް ތިޖޯރީ ވަނީ ސޮނީ ޓީވީގެ މަޝްހޫރު ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ"ގައި ބައިވެރިވި ފިލްމާ ބެހޭ ވަރަށް ގިނަ ވާހަކަތައް ބެލުންތެރިންނާ ހިއްސާ ކޮށްފަ އެވެ.

ބްލޮކްބަސްޓާއަކަށް ވީ މި ފިލްމުގެ ހަނދާންތައް އާކުރަމުން ރާހޫލް ރޯއީ ބުނި ގޮތުގައި އޭނާއަށް އެ ފިލްމު ލިބުނީ ފިލްމުގެ ޑައިރެކްޓަރު މަހޭޝް ބަޓްގެ ބޯހަރު ކަމުންނެވެ.

"އަހަރެން ފުރަތަމަ މަހޭޝް ބަޓް އާ ބައްދަލުކުރިއިރު އިސްތަށިގަނޑުވެސް ހުންނަނީ ވަރަށް އެހެން ފާޑަކަށް. އަދި ހެދުން ވެސް އަޅަނީ ވަރަށް ހުތުރުކޮށް. އެހެންވެ އަހަރެން ލައްވާ ފިލްމު ކުޅުވަން ސޮއިކުރަން އުޅެން ފެށީމަ ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ ޑައިރެކްޓަރުން އެކަމާ ދެކޮޅު ހަދައި ބަތަލުގެ ބައި އަހަރެން ލައްވާ ކުޅުވައިފިނަމަ ފިލްމު ފޭލްވާނެ ކަމަށް ބުނެ މަހޭޝް ބަޓް އަށް ވަރަށް އިންޒާރު ވެސް ކުރި. އަދި އަހަރެންގެ ކިބައިގައި ހީރޯއެއްގެ ސިފަ ނެތް ކަމަށް ވެސް ގިނަ ބަޔަކު ބުނި. ނަމަވެސް އެކަކު ދެއްކި އެއް ވާހަކަ އެއްވެސް މަހޭޝް ބަޓް އަޑު ނާހާ އަހަރެން ލައްވާ ފިލްމު ކުޅެން ސޮއި ކުރުވީ،" ރާހޫލް ބުންޏެވެ.

ރާހޫލް އާއި ފިލްމުގެ އެހެން ތަރިން އެއްތަން ވެފައި މިވަނީ ވަރަށް ގިނަ ޒަމާންތަކަކަށް ފަހު އެވެ. ފިލްމުގެ ބަތަލާ އަންނޫ އަގަރްވާލް އަށް ވެސް ފާއިތުވީ 30 އަހަރު ތެރޭ ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ. "އާޝިގީ" ރިލީޒްކުރިތާ ނުވަ އަހަރު ފަހުން 1999 ވަނަ އަހަރު އަންނޫގެ ކާރު އެކްސިޑެންޓްވެ އޭނާ ކޯމާއަށް ގޮސްފައި ވެސް މަހެއްހާ ދުވަހު އޮތެވެ. އެކަމުގެ ސަބަބުން އޭނާގެ ސިފަ އަށް ވެސް ވަރަށް ބޮޑު ބަދަލެއް މިހާރު ވަނީ އައިސްފަ އެވެ.