ބޮލީވުޑް

"ދޫމް 4"ގައި ނުބައިބައި ކުޅޭނީ އަކްޝޭ ކުމާރު

ޔާޝްރާޖް ފިލްމްސްގެ އެންމެ ކާމިޔާބު ފްރެންޗައިސް "ދޫމް"ގެ ހަތަރު ވަނަ ފިލްމުގައި ނުބައިބައި ކުޅޭނީ އަކްޝޭ ކުމާރު ކަމަށް ބޮލީވުޑް ފިލްމު އިންޑަސްޓްރީގައި ވަރަށް ގަދަޔަށް ވާހަކަ ދެކެވެމުން އެބަ ދެއެވެ. ނަމަވެސް ޔާޝްރާޖް ފިލްމްސް އިން މި ވާހަކަ އަދި ޔަގީން ކޮށްދީފައެއް ނުވެ އެވެ.

މީގެ ކުރިން ވަރަށް ގިނަ އެކްޓަރުންނާ މި ފިލްމާ ގުޅުވައި ވާޙަކަ ދެކެވިފައި ވެއެވެ. ޝާހްރުކް ޚާން، ސަލްމާން ޚާން ފަދަ ވަރަށް ގިނަ ސީނިއާ އެކްޓަރުން މި ފިލްމު ކުޅެން އުޅޭ ކަމުގެ ވާހަކަތައް މީގެ ކުރިން ދެކެވުނު ނަމަވެސް އެ ހުރިހާ ވާޙަކަތަކަކީ ވެސް އެއްވެސް ހަގީގަތެއް ނެތް ވާހަކަ ތަކަކަށް ވަނީ ވެފަ އެވެ. ނަމަވެސް އަކްޝޭގެ ވާޙަކަ ހަގީގަތަކަށް ވުމާ ވަރަށް ގާތް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

އަކްޝޭ އަށް "ދޫމް 4" ލިބުމުގެ ފުރުސަތު ބޮޑުވެފައިވަނީ އަކްޝޭ އަކީ މިހާރު ބޮލީވުޑްގައި މަސައްކަތްކުރާ އެންމެ ކާމިޔާބު އެކްޓަރަށް ވެފައި ތަޅާފޮޅާ މަންޒަރުތަކަށް އޭނާ މޮޅުކަމުންނެވެ. "ދޫމް" ސީރީޒްގެ ފިލްމުތަކަކީ ވަރަށް ވަރުގަދަ އެކްޝަން މަންޒަރުތައް ފެންނަ ފިލްމުތަކަށް ވާތީ މިފަހަރުގެ ފިލްމު ކުރީ ފިލްމުތަކަށް ވުރެ ވެސް އެ ރޮނގުން އެތައް ދަރަޖައެއް ކުރީގައި އުޅޭނެ ކަމަށް ބެލެވެ އެވެ. އެހެންކަމުން އަކްޝޭ ކަހަލަ އެކްޓަރަކަށް ނޫނީ "ދޫމް"ކަހަލަ ފިލްމެއްގެ ލީޑް ރޯލު ނުކުޅެވޭނެކަމަށް ގަބޫލުކުރަން ޖެހެ އެވެ.

އަކްޝޭ އާއެކު "ދޫމް 4"ގައި މި ސިލްސިލާގެ ކުރީގެ ފިލްމުތަކުގައި ބައިވެރިވި އަބީޝެކް ބައްޗަން އާއި އުދޭ ޗޯޕްޅާ ބައިވެރިވާނެ ކަމަށް ބެލެވެ އެވެ.

"ދޫމް"ގެ ފިލްމުތަކުގައި ލީޑް ރޯލު ކުޅޭ އެކްޓަރު ކުޅެނީ ނުބައި ބައެވެ. އެގޮތުން ފުރަތަމަ ބައިގައި ޖޯން އެބްރަހަމް، ދެ ވަނަ ބައިގައި ރިތިކް ރޯޝަން އަދި ތިން ވަނަ ބައިގައި އާމިރު ޚާން ވެސް ކުޅެފައިވަނީ ނުބައި ބައެވެ.

އަކްޝޭ "ދޫމް 4" އަށް ސޮއި ކުރާ ވާހަކަ މިދިޔަ އަހަރުގެ ސެޕްޓެމްބަރު ތެރޭގައި ވެސް އިންޑިޔާގެ ނޫހަކުން ރިޕޯޓްކުރި އެވެ. ނަމަވެސް އެ ފަހަރު ޔާޝްރާޖް ފިލްމްސް އިން ބަޔާނެއް ނެރި އެ ޚަބަރު ވަނީ ދޮގުކޮށްފަ އެވެ.