(4 ފެބްރުއަރީ 2020 އާ ގުޅޭ)
"ސްޓުޕިޑް... އިޑިއަޓް..." ދާރިއަންގެ އަތުގެ ކޮނޑާ ދިމާލުން އިޝްވާ ތަޅައިގަތެވެ.
ބަލިމީހުންނާ ބެހޭ މަޢުލޫމާތުތަކަކީ ކޮންމެ މީހަކަށް އެނގެން ޖެހޭ އެއްޗެއް ނޫނެވެ. ޚާއްޞަކޮށް ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދަން އަންނަ ބަލިމީހުންނާ ދެމެދު ހިނގާ ހުރިހާ ކަމެއް ޑަކްޓަރާއި އެކަމުގައި ޝާމިލުވާ ބެލެނިވެރިޔަކާނޫން މީހަކާ ޚިއްޞާއެއް ނުކުރެވޭނެއެވެ. އިޝްވާގެ ލޮކަރުގައި ހުރި ފައިލްތަކުން ދާރިއަން ބަލާފައި ވަނީ ހޭޒަލްގެ ފައިލްތަކެވެ. އޭގައި އިޝްވާއާ ހަމައަށް ހޭޒަލް އަންނަން ޖެހުނު ސަބަބުން ފެށިގެން އޭނާއަށް ފަރުވާދޭން ފެށި ދުވަހާއި މިއަދާ ހަމައަށް އެ ދެމެދުގައި ހިނގާފައި ހުރި ހުރިހާ މުއާޞަލާތެއްގެ ހެކި އޮންނާނެއެވެ. ބައެއް ވާހަކަތަކަކީ ހަމައެކަނި އިޝްވާއާ ހޭޒަލް ޚިއްޞާކޮށްފައިވާ ވާހަކަތަކެވެ.
އިޝްވާ މޭޒުމަތީ ހުރި އިންޓަކޮމްއިން ރިސެޕްޝަންގެ އިން ކުއްޖާއަށް ގުޅާލިއެވެ. ގިނައިރެއްނުވެ އޭނާ އައީ އައިސްޕެކެއް ހިފައިގެންނެވެ. ދޮރުމަތިން އޭގައި ހިފީ ދާރިއަންއެވެ. އަދި އޭނާ އެނބުރި ދިއުމުން އިޝްވާގެ އޮފީހުގެ ދޮރުފަތް ދާރިއަން އަނެއްކާ ވެސް ލައްޕާލީއެވެ.
"ކަމް ހިއާ..." ދިގު ސޯފާ ކައިރިއަށް ދާރިއަން އައެވެ. އޭނާ އިށީނުމުން އޭނާގެ ގާތުގައި އިޝްވާ އިށީނެވެ.
"އައި އޭމް ނޮޓް ހެޕީ... އެއީ ސިއްރުވެފައި ހުންނަންޖެހޭ ޑޮކިއުމެންޓުތަކެއް" އިޝްވާގެ އަތުގައި އައިސްޕެކު އަޅައިދެމުން ދިޔަ ދާރިއަންއަށް ބަލަން އިނދެ އިޝްވާ ވާހަކަދެއްކިއެވެ.
"ހޭޒަލް ރޮނިކޮށް އަހަރެން ދުށީ ފުރަތަމަ ފަހަރަށް، އޭނާ އިނީ ހިތުގައި ޖެހުމުގެ އިތުރުން ވަރަށް ލަދުން... އަހަންނަށް އޭނާގެ ޒާތީ ކަންކަން އަންގަން ބޭނުންނުވާކަން އެނގޭ، ޝީ އިޒް ނޮޓް އަ ވީކް ޕާސަން، އެއީ ހޭޒަލްގެ ގޮތެއްނޫން، އެ މޫނުން ފާޅުވި އަސަރުތަކަކީ އަހަންނަށް މުޅިން އާ ކަންކަން... އޭނާއަށް އެހީވާނޭ ގޮތެއް އަހަންނަށް ނޭނގުނު، ލިއަމްއާއެކު އޭނާ ދިރިއުޅުނު އިރު އެމޫނުން ހިނިތުންވުން ފަނޑުނުވޭ، އެކަމަކު މިހާރު އޭނާގެ އެންމެ ބޮޑު ހިތާމައަށް ލިއަމްވެއްޖެ ކަހަލަ، ލިއަމްއާ ގުޅުން ހުރި އެއްވެސް ވާހަކައެއް ހޭޒަލް އަހަރެން ކައިރީ ނުދައްކާނެ، އަހަންނަށް ޔަގީންވަނީ، އޭނާއާ ހެދި ހޭޒަލްއަށް ބޮޑު ބަދަލެއް އަތުވެއްޖެކަން... އެ ބަދަލު އެނގެން އަހަރެން ބޭނުންވީ، އަހަންނަކަށް ނޭނގޭ ހޭޒަލްއާ މެދު އަހަރެންގެ ޢަމަލުތައް ބަހައްޓަންވީ ކިހިނެއްކަމެއް، އޭނާގެ ހިތުގައި ނުޖައްސާ ވާހަކަދައްކާނީ ކިހިނެއްކަމެއް... އަބަދު ވިސްނެނީ އެކަމާ، އެހެންވެ އޭނާއަށް ވީގޮތެއް އެނގުން މިހުންމުވީ... އެ މަޢުލާމާތުތައް އިޝްވާގެ އަތުގައި ހުންނާނެކަން ވެސް އެނގޭތީ" ދާރިއަން ވާހަކަދެއްކިއިރު އޭނާ އެއްފަހަރު ވެސް އިޝްވާއާ ނަޒަރު ސީދާ ނުކުރެއެވެ. ޚުދު އޭނާއަށް ވެސް ކުރެވުނު ކުށް ޤަބޫލުކުރެވޭ ކަހަލައެވެ. އެހެންވިޔަސް ހިތުގެ އެދުމުގެ މައްޗަށް ބާރުނުފޯރުވީ ހުރިހާކަމެއް އޮޅުންފިލުވާން ބޭނުންވެފައި ހުރިވަރުންނެވެ.
"ދާރިއަން ތިކުރި ކަމަކުން އަހަރެންގެ މައްޗަށް ހޭޒަލް ކުރާ އިތުބާރު ގެއްލިދާނެކަން ވިސްނާލިނަމަ... ހޭޒަލްއަށް އިތުބާރަކީ ވަރަށް މުހިންމު އެއްޗެއް، ޚާއްޞަކޮށް މިހާރު... ދާރިއަންގެ ބޭނުމަކީ އަހަރެން ލައްވާ ހޭޒަލްއަށް ދޮގުހެދުވުންތަ؟" އިޝްވާ ބުންޏެވެ. އިޝްވާގެ އަތުގައި އައިސް އަޅައިދެމުން ދިޔަ ދާރިއަން މަޑުމަޑުން ދެފަރާތަށް ބޯހޫރުވާލިއެވެ.
"އެހެނެއްނުވާނެ... އަހަރެން އެއްވެސް މީހެއް ކައިރީ ނުބުނާނަން" ދާރިއަން ބުންޏެވެ.
ދާރިއަންގެ އަތުގެ ތެރެއިން އަތް ނަގައި އޭނާގެ އަތުން އައިސްޕެކު ވެސް އިޝްވާ އަތުލައިފިއެވެ. އަދި ތެދުވެ ދާރިއަންއާ ދުރަށް އައެވެ. އެއާއެކު ދާރިއަންގެ ގާތުގައި އިޝްވާ ބުނީ އެތަނުން ދިއުމަށެވެ.
"އަހަރެން ވެސް މިކަމާ ވާހަކަދައްކާލާނެ މީހަކު އިޝްވާ ނޫނީ ނެތޭ" ކޮޅަށް ތެދުވި ގޮތަށް އިޝްވާއަށް ބަލަހައްޓައިގެން ދާރިއަން ހުއްޓެވެ.
"މިވުގުތު އިހަށް ދޭ" އިޝްވާ އާދޭހުގެ ގޮތަކަށް ބުންޏެވެ.
* * * * *
މުހުސިނާ ދައްކަން ބޭނުންވަނީ ކޮންވާހަކައެއްތޯ ވެސް ލިއަމް އަހާނުލިއެވެ. އޭނާ އަދިވެސް އޮތީ ހިމޭންކަން ޚިޔާރުކޮށްގެންނެވެ. އޭނާގެ ސިކުނޑީގައި ހިނގާ އެއްވެސް ކަމެއް މަންމައާ ޚިއްޞާކުރުމުގެ ގަސްދެއް ލިއަމްގެ ނެތެވެ. އޭނާއަށް ކަމުދާ ގޮތެއް މަންމައަށް ކަމުނުދާނެކަން އެނގޭތީއެވެ.
"ހޭޒަލްއާ މަންމަ ބައްދަލުކުރިން" މުހުސިނާ ބުންޏެވެ.
ބާލީހުގެ ދަށަށް ލައްވާލައިގެން އޮތް ކަނާއަތްތިލައާއި މޭ ދަށުގައި އޮތް ވައަތްތިލަ ވަގުތުން ލިއަމްއަށް މުއްކަވާލެވުނެވެ. އޭނާއާ ހޭޒަލް ބައްދަލުނުކޮށް އޭނާގެ މަންމައާ ބައްދަލުކުރުމުގެ ބޭނުމަކީ ކޮބާތޯ އަހަން ލިއަމް ހިތަށް އެރިއެވެ. އެވަގުތު އަނެއްކާ ވެސް މުހުސިނާ ވާހަކަދެއްކިއެވެ.
ހޭޒަލްއަށް އައިސްފައި ހުރި ބަދަލު މުހުސިނާ ފާހަގަކުރިއެވެ. ހޭޒަލްގެ ޚަބަރެއް ލިއަމް ބަލާނުލަންތޯ ވެސް އޭނާއަށް އަހާލެވުނެވެ. ބަންޑުން އޮތް ލިއަމްގެ މޫނުގައިވި އެއްވެސް އަސަރެއް މުހުސިނާއަކަށް ނުފެނެއެވެ. ލިއަމްއަށް ފެނުނު މަންޒަރުތައް މަންމައަށް ކިޔާދީ ހޭޒަލް ކުށްވެރިކުރަން ލިއަމް ބޭނުންވިއެވެ. އެހެންވިޔަސް އަމިއްލަ ކުށުގެ މަތިން ލިއަމްގެ ޟަމީރު އޭނާ ހަނދާންނެތުނަ ނުދެއެވެ. އޭނާގެ އަތުން ހޭޒަލް ބީވެގެން ދިޔައީ ޚުދު ލިއަމްގެ ސަބަބުންކަން އެނގެއެވެ.
"ލިއަމް!... ތި ދެމެދުގައި ޖެހުނީ ކޮންމައްސަލައެއްތަ؟، މަންމައަށް އެނގޭ ލިއަމް އަދިވެސް ހޭޒަލް ބޭނުންކަން، މަންމައަށް އެހީއެއްވެދޭން އެނގޭނީ ވެސް ޖެހުނު މައްސަލައެއް އެނގުނީމަ، މަންމަ ވެސް ބޭނުން ތިދެކުދީން އަލުން ގުޅިގެން އުޅޭން، ލިއަމް... ކީއްވެތަ މަންމަ މިހުރިހާ ވާހަކަދައްކާއިރު އަނގައިން ނުބުނެ ތިއޮންނަނީ، ހޭޒަލް މަންމަ ގާތު ބުނީ ލިއަމްއާ ސުވާލުކުރަން، އޭނާ އެހެންބުނީމަ މަންމައަށް ހީވީ ލިއަމްއޭ ގޯހީ، ކުރެވުނުކަމެއްކުރެވުނީ ލިއަމްއަށޭ... އެކަމަކު... ދަރިފުޅާ ބެހޭ ގޮތުން ހޭޒަލް އެއްވެސް ގޯސްވާހަކައެއް ނުދައްކާ" މުހުސިނާ ބޭނުންވަނީ ލިއަމް އޭނާއާ ވާހަކަދައްކާށެވެ. ހިތާއި ސިކުނޑީގައިވާ ސުވާލުތަކަށް ލިއަމް ޖަވާބުދޭށެވެ. ނަމަވެސް ލިއަމްގެ ހިމޭންކަމުން މުހުސިނާއަށް ވިސްނުނީ ދައްކަމުންދިޔަ ވާހަކަ ހުއްޓާލަންވީ ކަމެވެ. އޭނާ ލިއަމްގެ އެނދުން ތެދުވިއެވެ. އަދި ފަރުވާތެރިކަމާއެކު ދަރިފުޅަށް ބަލާލިއެވެ.
"އެއްވެސް ކުއްޖަކަށް ދެރައެއްލިބުމަށް މަންމަ ނޭދެން، ލިއަމް ކަންތައް ތިކުރާ ގޮތުން ދަރިފުޅާ މެދު މަންމަ މިހުންނަނީ ހިތްހަމަނުޖެހިފަ" މުހުސިނާ ބުންޏެވެ. މަޑުމަޑުން ދެ ފަރާތަށް ބޯހޫރާލާފައި އެ ކޮޓަރިން މުހުސިނާ ނުކުމެގެން ދިޔައީއެވެ.
* * * * *
ދާރިއަންއާއި ހޭޒަލް ފެނުނު ފަހުން ހަފްތާއެއް ފާއިތުވެ ހިނގައްޖެއެވެ. ލިއަމްއަށް އޭގެ ފަހުން ހަމަނޭވާ ލެވޭގޮތެއް ނުވިއެވެ. އޭނާ އެކިގޮތްގޮތަށް ވިސްނައިފިއެވެ. ކޮންމެ ފަހަރަކު ވެސް ޚިޔާލުގެ ކޮޅު ނިމެނީ އެއްގޮތަކަށެވެ. ދާރިއަންއަށް ހޭޒަލް ލިބުމަށް ލިއަމްއަށް ޤަބޫލެއްނުވެވުނެވެ. ލިއަމްއަށް ހޭޒަލް ނުލިބެއްޖެނަމަ އެއްވެސް ފިރިހެނަކަށް ހޭޒަލް ލިބިގެންނުވާނޭ ލިއަމް ނިންމިއެވެ.
އޮފީހަށް އާދެވުމާއެކު ފުރަތަމަ ވެސް ލިއަމް ބެލީ ދާރިއަންއާ ބެހޭ މަޢުލޫމާތު ލިބޭތޯއެވެ. އޭނާގެ ކުށުގެ ރިކޯޑެއް އޮތްތޯއެވެ. އޭނާއަކީ ރައްޓެހިން ގިނަ މީހެކެވެ. އެމީހުންގެ ތެރޭގައި ގިނައީ ކަންކަމުގައި ބުނުމުން ކޮށްދެވޭވަރުގެ ރައްޓެހިންނެވެ. އެހެންވެ ދާރިއަންގެ މަޢުލޫމާތު ލިބުން އުނދަގުލެއް ނުވިއެވެ.
މެންދުރު އޮފީހުން ބޭރަށް ނުކުމެ ކޮފީއަކަށް ލިއަމް އެރިއެވެ. އޭނާއާއެކު އޮފީހުގެ އެކި ދިމާގައި މަސައްކަތް ކުރާ ރައްޓެހިން ތިއްބެވެ. އެތަނުން އެކަކު ދާރިއަންއާ ބެހޭ މަޢުލޫމާތު އޭނާގެ ފޯނުން ލިއަމްއާ ޚިއްޞާކުރިއެވެ. ދާރިއަންގެ ޢާއިލާއާއި އޭނާގެ ވަނަވަރު ފެންނަން އޮތެވެ. އަދި ދާރިއަން މަސައްކަތް ކުރަނީ ޢާއިލާގެ ވިޔަފާރީގެ ތެރޭގައިކަން ވެސް ލިއަމްއަށް އެނގުނެވެ. އެމީހެއްގެ މަޢުލޫމާތު ހޯދަނީ ކީއްކުރަންތޯ އެހުމުން ލިއަމް ހެދީ ދޮގެވެ. އޭނާގެ އަންހެނުން ވަރިވީ ދާރިއަންގެ ސަބަބުންކަން ލިއަމް ބުނެލިއެވެ. އެ ޚަބަރުވީ މޭޒުދޮށުގައި ތިބި ލިއަމްގެ ރައްޓެހިންނަށް ހޫނު ޚަބަރަކަށެވެ. އެ އެންމެންގެ ވިސްނުން ވެސް ހުރީ ދިރިއުޅުމެއްގެ ތެރެއަށް ވަންނަން މަސައްކަތް ކުރާ މީހަކާމެދު ހަރުކަށި ގޮތަކަށް ކަންތައް ކުރަންޖެހޭނެކަމެވެ. އަދި ހިތުން ނުފިލާވަރުގެ ފިލާވަޅެއް ދޭން ޖެހޭނެކަމެވެ.
* * * * *
ފާޚާނާއިން ނިކުތް ދާރިއަންއަށް ލިބުނީ ސިހުމެކެވެ. އެނބުރި ފާޚާނާގެ ތެރެއަށް އޭނާ ދެމިގަތީ ނުހަނު އަވަހަށެވެ. އެވަގުތު ކޮޓަރިތެރެއިން ފާޅުވީ ލުއި ހީނލުމެއްގެ އަޑެވެ. އެހެންނަމަވެސް ދާރިއަންގެ ޠަބީޢަތް ގޯސްވެއްޖެއެވެ. އުނުގައި އޮޅާލައިފަ އޮތް ތުވާލީގައި އޭނާ ބާރަށް ހިފަހައްޓާލިއިރު ހުރެވުނީ ދަތްކުނޑިވިކާލައިގެންނެވެ.
"ރިއާން..." ސާރާ ގޮވާލިއެވެ.
"މިކޮޓަރިއަށް ވަނީ ކޮންބޭނުމަކު" ދާރިއަންގެ އަޑުގައި ހުރީ ހަރުކަށިކަމެވެ. ފާޚާނާގެ ދޮރު އެއްކޮށް ހުރީ ނުލައްޕައެވެ. އެހެންވިޔަސް ދާރިއަން ދޮރާ ނިވާވެލައިގެން ހުރީތީ ސާރާއަށް އޭނާއެއް ނުފެނެއެވެ.
"ސައިނުބޯނަމޭ ބުނީމަ މަންމަ ދިން ޖޫސްތަށި ހިފައިގެން މިއައީ، ރިއާން ލަދުން ފިލަން ތީ އަންހެންކުއްޖެއްތަ" ސާރާއަށް ހުރެވުނީ ހިނިއައިސްފައެވެ. އޭނާއަށް ދާރިއަން ފެންނަންވީއިރަށް ދުވެފައި އެވަނީ ފާޚާނާއަށެވެ. މަޑުމަޑުން އައިސް ފާޚާނާ ދޮރުކައިރީ އޭނާ މަޑުކޮށްލިއެވެ.
"ލަދަކީ ހަމައެކަނި އަންހެނުންގެ ހުންނަންޖެހޭ ސިފައެއްނޫން... އަހަރެންނަށް ވަރަށް ލަސްވޭ، ސާރާ ކޮޓަރިން ނުކުންނަންވީނު" ދާރިއަންގެ ވާހަކަދެއްކުމުގައި އެއްވެސް ގާތްކަމެއް ނެތްކަން ސާރާއަށް އެނގުނެވެ. އިރުކޮޅަކު ފާޚާނާގެ ދޮރާ ދިމާއަށް ބަލަން ހުރެފައި އޭނާ ދަނީ ކަމުގައި ބުންޏެވެ.
ކޮޓަރީގެ ދޮރު ލެއްޕުނު އަޑު އިވެންދެން ހުރެފައި ދާރިއަން ފާޚާނާއިން ބޯދިއްކޮށްލިއެވެ. ސާރާ ފެންނަން ނެތުމުން ހަލުވިކޮށް ނުކުތެވެ. އަވަސްއަވަހަށް ކޮޓަރީގެ ދޮރު ތަޅުލައިފިއެވެ. ސާރާ އަތަށް ދީފައި ޖޫސްތަށި ފޮނުވުމުން އެ ބޯހިތް ދާރިއަން ކެނޑުނެވެ. އެހެންވެ ރީތިވެގެން ކޮޓަރިން ނުކުތީ އެ ޖޫސްތަށި ހިފައިގެންނެވެ. ބަދިގެ ފަރާތަށް ވަދެ އޭނާ ޖޫސްތަށި ސިންކަށް އޮއްސާލީއެވެ. އަދި ޖިންސުގެ ޖީބުން ފޯނު ނަގައި އޭނާ އިޝްވާއަށް ގުޅިއެވެ. ވާހަކަދައްކަމުން ގެއިން ނުކުންނަން އައެވެ. އިބާގެ ކޮޓަރިން ސާރާ ގޮވައިގެން އޭނާ ނުކުންނާތީ ފެނުނެވެ. ވަގުތުން ފިޔަވަޅު އަވަސްކޮށްލައި ނުފެންނަކަމަށް ހަދަމުން ދާރިއަން މައިދޮރުން މަގުމައްޗަށް ނުކުތީއެވެ.
ހަވީރު ސައިބޯން އިޝްވާ ގޮވައިގެން ދާރިއަން އެރީ ކުލިނިކުގެ ކައިރީ ހުންނަ ރެސްޓޯރެންޓަކަށެވެ. ދާރިއަންގެ މައިގަނޑު މަޢުލޫއަކަށްވީ ހޭޒަލްއެވެ. އޭނާއަށް ހުރިހާކަމެއް އެނގުމުން އިޝްވާއަށް ވެސް ޚިޔާލު ބަދަލުކުރުމުގައި ކުރީން ގެންގުޅުނު ދުރުކަމެއް ނެތެވެ.
"ޒެލްގެ ހުންނަ ކަހަލަ ސްޕެޝަލް ގޮތެއް އިޝްގެ ވެސް މިހާރު ހުރޭ" އިޝްވާއަށް ބަލަން އިނދެފައި ދާރިއަން ބުންޏެވެ. އުފާވެލާފައި އިޝްވާ އަޅައިގެން ހުރި ޝޯލު ރީތިކޮށްލިއެވެ. އަދި އޭނާއަށް ދަސްކޮށްދިނީ ހޭޒަލްކަން ބުނެލިއެވެ. އެ ދެމެދުގައި ހިމޭންކަމުގެ ވަގުތުކޮޅެއް ދިޔައެވެ. ލަސްލަހުން ކޮފީތަށިން ކޯވަރަކަށްފަހު ކޯވަރެއް ދާރިއަން ބޮމުންދިޔައެވެ. އިޝްވާ ގޮވާލީ ދާރިއަން ބަހެއްނުވި މާބޮޑަށް ހިމޭންވީމައެވެ.
"ޕްރޮޕޯސްކުރަން މިވިސްނަނީ" ދާރިއަން ބުންޏެވެ.
"ވަޓް... ހޭޒަލް ރެޑީއެއްނޫން..." އިޝްވާއަށް ލިބުނު ހައިރާންކަމުގައި ދެ ލޯ ބޮޑުކޮށްލެވުނެވެ.
"އިޝްއަށް ހީވޭތަ ހޭޒަލްއަށް ދުވަހަކުވެސް މޫވްއޮން ކުރެވިދާނެހެން، އަހަންނަށް ހިޔެއްނުވޭ... އޭނާ ދުވަހަކުވެސް ހަނދާނެއްނުނެތޭނެ... އެތައް އަހަރުތަކަކަށްފަހު ވެސް ލިއަމް ފެނި އޭނާގެ ނަންއިވިއްޖެނަމަ ހޭޒަލްއަށް އެ ހަނދާންތައް އާވާނެ، އެ ހިތްދަތިކަން އިޙްސާސްކުރެވޭނެ، އެކަމަކު އަހަރުތަކަކަށްފަހު އޭނާއަށް އެ އިޙްސާސްތައް މީހުންނަށް ފޮރުވާނީ ކިހިނެއްކަން އޮންނާނީ އެނގިފަ، އެއީ އެ ދެމީހުންގެ ވެސް އަލަތު ކައިވެނި، އަހަންނަށް އެނގޭ... ވަރަށް ރަނގަޅަށް އެނގޭ... ހޭޒަލް ވާ ލޯބި ލިއަމްދެކެ، އޭނާ ނަފުރަތު ކުރިޔަސް އެކުރަނީ އެ ލޯތްބަކަށްނޫން، ލިއަމްގެ ހުރި އުނިސިފައަށް، ލިއަމްއަށް ލޯބިދޭން އެނގޭތީ ހޭޒަލްގެ މޫނުން އުފާވެރިކަން ފެނުނީ... ހޭޒަލްގެ ފަރާތުން އެ އުފާވެރިކަން އަހަރެން ދުށީން..." ދާރިއަން ވާހަކަދެއްކީ ވިސްނުންތެރިކަމާއެކުއެވެ.
"ހޭޒަލް ލޯތްބެއްނުވޭ، އޭނާ އަލުން ކައިވެންޏެއްކުރާކަށް ކުޑަކޮށް ވެސް ނުވިސްނާ... ދެން ކިހިނެއް... ދާރިއަން މަޖުބޫރުކޮށްފިނަމަ ތި ދެމެދުގައި އޮތް ގުޅުން ކެނޑުމުގެ ސަބަބަށް ވެދާނެ" އިޝްވާ ބުނެލިއެވެ.
"މަޖުބޫރެއްނުކުރާނަން، ދުވަހަކުވެސް ނުކުރާނަން... އެކަމަކު އަހަންނަށް ހޭޒަލްއަށް އިތުބާރު ހޯދާ ދެވިދާނެ، އޭނާ ބޭނުންވާ ފަދަ ދާއިމީ ބައިވެރިޔަކަށް ވެވިދާނެ... އެ ގޮތުގައި ސާބިތުވެވިއްޖެނަމަ ހޭޒަލްގެ ހިތުގައި އަހަންނަށް ޓަކައި ﷲ ލޯބިލައްވާނެކަން ޔަގީން، އަހަރެންނަށް ނޭނގުމުގައި ވެސް އޭނާގެ މައްޗަށް އަނިޔާވެރިއެއްނުވާނަން، މިއަދާ ހަމައަށް ވެސް އަހަރެން ކެތްތެރިވަމުން މިއަންނަނީ، ހޭޒަލް ނުރުހިދާނެ އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ، އަހަރެން އޭނާއަށް ވަޢުދެއްވެއްޖެނަމަ މަރުވެގެންދާނީ ވެސް ﷲ އިރާދަކުރެއްވިއްޔާ އެ ވަޢުދުގެ މަތީ ދެމިހުރެ... އިޝް!... އަހަރެން މިވާ ލޯބި އެއްވެސް މީހަކަށް ބުނާކަށް ނޭނގޭނެ، ޚުދު ހޭޒަލްއަށް ވެސް އަހަރެން އޭނާދެކެ ވާލޯތްބެއް އަންދާޒާއެއްނުކުރެވޭނެ، އަހަރެން މިއުޅެނީ ރައްޓެހިވެގެން ވަގުތުތަކެއް ބޭކާރުކުރާނޭ ބައިވެރިއެއް ހޯދާކަށްނޫން، އަހަރެން ބޭނުންވަނީ ކައިވެނިކުރަން... ހޭޒަލްއަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދޭން، އަދި އެ ދިރިއުޅުމުން އަހަންނަށް ހިތްހަމަޖެހުން ލިބުން" ދާރިއަންގެ ވާހަކައަށް ގެއްލިފައި އިޝްވާ އިނެވެ. އޭނާ މޫނު ހަދާލައި ތުން އޫކޮށްލިއެވެ.
"ކިހިނެއްވީ... ގޯސްކޮށްތަ މިބުނެވުނީ" ދާރިއަން ހައިރާންވިއެވެ. އިޝްވާ މޫނުގައި ދެއަތް އަޅައި ދެފަރާތަށް ބޯހޫރާލިއެވެ.
"ކީއްވެތަ އަހަރެންގެ ބްރޯއަށް ދާރިއަންވާންވީ" މޫނުގައި ދެއަތް އަޅައިގެން އިނދެ އިޝްވާ ބުންޏެވެ.
"އަހަންނަކަށް ނުވިސްނުނު..." އިޝްވާ ކިޔާއެއްޗެއް ދާރިއަންއަށް ދޭހައެއްނުވިއެވެ. އެހިނދު އިޝްވާ މޫނުން ދެއަތް ނަގައިފިއެވެ. އަދިވެސް އިނީ ތުންކޮޅު އޫކޮށްލައިގެންނެވެ.
"އަހަރެން ވެސް ބޭނުންވަނީ ލޯބިވާން...ނޫން!... އަހަރެން ލޯބިވުމަށްވުރެ އަހަރެންދެކެ ތިހާ ލޯބިވާނެ މީހަކު ލިބެން..." އިޝްވާ ބުނެލިއެވެ. ދާރިއަން ހިނިތުންވެލިއެވެ. އެ ހިނިތުންވުން ލުއި ހީނލުމަކަށް ބަދަލުވީ އިޝްވާގެ ކުޑަކުއްޖެއްފަދަ އަސަރުތައް ފެނިއެވެ.
"އެހާ ކެތްތެރިކަން އެބަހުރި... އެހެންވެއްޖެއްޔާ އިންޝާﷲ ލިބޭނެ، އިޝް ބޭނުންވާ ކަހަލަ އިޝްދެކެ އިންތިހާއަށް ލޯބިވާނެ ބައިވެރިޔަކު ލިބޭނެ، އަހަރެން ދުޢާކުރާނަން" ހެވިފައި އިނދެ ދާރިއަން ބުނެލިއެވެ.
"ދާރިއަން... އަހަރެން ބޭނުން ދާރިއަންއަށް ހޭޒަލް ލިބެން، ތި ދެމީހުންނަށް އެކަކުއަނެކަކު ހާސިލުވާން، އުފާވެރި ޢާއިލާއެއްގެ ގޮތުގައި... ދެމަފިރިންގެ ގޮތުގައި ތި ދެމީހުން ދުށުމަށް... ހޭޒަލްގެ ރިއެކްޝަން ހުންނާނޭ ގޮތެއް ބުނާކަށް އަހަންނަކަށް ނޭނގެ، އޭނާ ދާރިއަންއާމެދު ގޯސްކޮށް ނުދެކޭ، ތީ އޭނާ ޤަދަރުކުރާ ގާތް މީހެއްގެ ގޮތުގައި ދެކޭ އެކުވެރިއެއް، އެކަމަކު އޭނާގެ ޒާތީ ކަންކަން ދާރިއަންއާ ޚިއްޞާކުރަން ޖެހިލުންވޭ، ދާރިއަން ހީކުރާހާ ފަސޭހައެއްކަމެއްނޫން ހޭޒަލްގެ ޓްރަސްޓް ހޯދުމަކީ" އިޝްވާ ފެންނަނީ ސީރިއަސް ވެފައި އިންތަނެވެ.
"އެނގޭ ތިކަން، އެހެންވިޔަސް އުނދަގޫކަމާއެކު ފަސޭހަކަން ވާކަން ހަނދާންނައްތާލައިގެން ނުވާނެ" ދާރިއަން ބުންޏެވެ. އިޝްވާއަށް ހިނިތުންވެލުނެވެ. ހޭޒަލްގެ ހިތް ފަތަހަކުރެވުނިއްޔާ ކުރެވޭނީ ދާރިއަންއަށޭ އޭނާގެ ހިތާއި ޟަމީރު އެއްބަސްވިއެވެ. ﷲގެ މަގުގައި ސާބިތުވާ މީހާއަށް އޮންނަ ޔަގީންކަމަކީ ކޮންމެކޮންމެ މީހަކަށް ވިސްނޭނެ ކަންކަމެއްނޫނެވެ. އަދި އެ ސާބިތުކަމުގައި އެމީހަކު މާޔޫސްނުވާނެކަން ޔަގީނެވެ.
ކާރު ޕާކުކޮށްފައި އޮތް ހިސާބަށް އިޝްވާއާއެކު ދާރިއަން އައެވެ. ކާރު ފެނި ދާރިއަންގެ ފިޔަވަޅު މަޑުޖެހުނެވެ. އިޝްވާއަށް ވެސް ދާރިއަންގެ ކާރު ފެނުނެވެ. ކާރުގެ ކުރިއަށް އޮތީ ކަޅުތެޔޮ ޖަހާފައެވެ. ވިންޑްސްކްރީން އެއްކޮށް އޮތީ ކަޅުވެފައެވެ.
"ކޮންތާކުން އެޅިފައެއީ" ވަށައިގެން ނަޒަރު ހިންގާލަމުން އިޝްވާ ބުންޏެވެ.
"ކައިރިގަ ހުރި އެއްވެސް ކާރެއްގަނެތް، މީ ގަސްދުގަކުރިކަމެއް" ދާރިއަން ހިތްހަމަނުޖެހުނެވެ. އޭނާ ވެސް ވަށައިގެން ނަޒަރު ހިންގާލީ އެކަމެއް ކުރި ބަޔަކު ފެނޭތޯއެވެ.
"ދެން ކިހިނެއް ހަދާނީ" އިޝްވާ އަހާލިއެވެ.
"ހިނގާލާފަ ދާނީ، އިޝް ކުލިނިކަށް ލާފަ އަހަރެން ދާނީ މިސްކިތައް" ދާރިއަން ބުނެލިއެވެ.
"ދެން ކާރުއޯ" އިޝްވާ އިޝާރާތްކޮށްލިއެވެ.
"ތިކަމާ ރައްޓެއްސަކަށް އެބަގުޅަން... ހިނގާ ދަމާ" ޖީބަށް ދެއަތްތިލަ ކޮށްޕާލުމާއެކު ދާރިއަން ހިނގައިގަނެއްޖެއެވެ. އޭނާ އިޝްވާ ގާތު ވާހަކަނުދެއްކި ނަމަވެސް ކާރަށް ވެފައި އޮތް ގޮތާމެދު ވިސްނިއެވެ. ދުވަހަކުވެސް އޭނާ ދުއްވާ ކާރަށް މީހަކު ގެއްލުމެއް ދީފައެއްނުވެއެވެ. އޭނާއަކީ މީހުންނަށް އުނދަގޫވާ ގޮތްގޮތަށް ކާރު ޕާކުކޮށް އުޅޭ މީހެއްނޫނެވެ. މަގުމަތީގެ ޤަވަޢިދުތަކާ ޚިލާފުވެފައެއް ނެތެވެ. އެހެންވިޔަސް މީހަކު އޭނާއަށް ޖެއްސުމެއްކުރަނީބާއޭ ދާރިއަންގެ ހިތަށް އެރިއެވެ.
* * * * *
އިޝްވާ ގާތު ދެއްކި ވާހަކައަށް ޢަމަލުކުރާނޭ ރަނގަޅު ވަގުތަކަށް ދާރިއަން ބަލަމުން ދިޔައެވެ. އެހެންނަމަވެސް އޭނާއަށް މިހާރު ވިސްނަން ޖެހޭ އިތުރު ކަމެއް ކުރިމަތިވެއްޖެއެވެ. ކޮންމެވެސް މީހަކު އޭނާއަށް ފާރަލަނީހެން ހީވަނީއެވެ. ޚާއްޞަކޮށް ހޭޒަލްއާ ބައްދަލުކުރަން އެގެއަށް ހިނގައްޖެނަމައެވެ. މީހުންގެ އަނބިން ކައިރިއަށް ވަންނަ މީހެކޭ ކިޔާ ދާރިއަންގެ ކާރުގައި ލިޔެފައި ހުރެއެވެ. ކާރު އެ އޮތްގޮތަށް އޮއްވާ ގެއާ ހަމައަށް ގެނައުމުން ޢާއިލާގެ މީހަކަށް ފެނިދާނެއެވެ. އެހެންވެ ގެއަށް އަންނަނީ ގަރާޖަކުން ކާރު ދޮވެ ސާފުކޮށްގެންނެވެ. އެކަމާ ހެދި ކާރަށް ކުރަންޖެހޭ ޚަރަދު ބޮޑުވެއްޖެއެވެ.
އެކަމެއް ކުރާ ބަޔަކު ދާރިއަންގެ ކެތްތެރިކަން އިމްތިހާނުކުރަން އުޅޭ ކަހަލައެވެ. އޭނާ ކާރުގައި ކެމެރާ ހަރުކުރިއެވެ. އެވަރުން ވެސް ކޮންބައެއްކަމެއް ނޭނގުނެވެ. ދެ ޒުވާނަކު ކަޅުތެޔޮ އެއްޗެއް ކާރަށް ޖަހާތަން ފެނުނެއްކަމަކު އެމީހުންގެ މޫނު ހުރީ ހެލްމެޓަކުން ނިވާކޮށްފައެވެ. އެކަން ވަކިކޮޅެއްގައި ނުޖެއްސިގެން އުޅެނިކޮށް ދާރިއަންއަށް އަންނަންފެށީ އިންޒާރުގެ ކޯލުތަކެވެ. އޭނާގެ ނަންބަރު ލިބުނު ގޮތެއް ވެސް ދާރިއަންއަށް ވިސްނައިގަންނަން ނޭނގުނެވެ. އެހެންވިޔަސް ކިހިނެއްކަން މިވަނީ ރެއަކާލީ އެ ފޯނުކޯލުތައް އަންނަން ފެށުމުންނެވެ. ހޭޒަލްއާ ދުރުގައި ހުރުމަށް ބުނާތީއެވެ. ދާރިއަންގެ ޚިޔާލަށް ފުރަތަމަ ވެސް ވެރިވީ ލިއަމްއެވެ. އޭނާއާއި ހޭޒަލްއާ ދެމެދު އޮތް ގާތްކަން ކޮންމެވެސް ގޮތަކުން ލިއަމްއަށް އެނގިއްޖެކަން ދާރިއަންއަށް ވިސްނުނެވެ.
(ނުނިމޭ)