ހިޔާ މަޝްރޫއު

ހިޔާ ފްލެޓް ލިބޭ މީހުންގެ އާ ލިސްޓެއް!؟

ހުޅުމާލޭ ދެވަނަ ފިިޔަވަހީގައި އަޅާފައިވާ 7000 ފްލެޓަށް ހުށަހަޅާފައިވާ ފޯމުތައް ކޮމިޓީއިން ދިރާސާކުރުމަށްފަހު، ފްލެޓް ހައްގުވާ ފަރާތްތައް ކަނޑައަޅައި ލިސްޓުތައް އާންމު ކުރެވޭއިރު، ކޮންމެ މީހަކަށްވެސް ލިބިފައިވާ ޕޮއިންޓާއި، ޕޮއިންޓް ލިބިފައިވާ ގޮތް ސާފުކޮށް ހާމަކުރެވިގެންދާނެ ކަމަށް ފްލެޓް ކޮމެޓީން ބުނެފި އެވެ.

ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން "ހިޔާ" މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު ހާމަކޮށް މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިހާތަނަށް މި ކޮމިޓީން އެންމެ ދިގު މުއްދަތެއް ހޭދަކުރަންޖެހިފައިވަނީ "ހިޔާ" މަޝްރޫއާ ގުޅުންހުރި ލިޔެކިތުންތައް ހޯދައި، ހަމަކޮށް، އެ ލިޔެކިޔުންތައް ތަރުތީބު ކުރުމުގެ މަސައްކަތަށް ކަމަށެވެ. އަދި މިހާރު އެ މަސައްކަތް ނިމި، "ހިޔާ" މަޝްރޫއުއަށް ހުށަހަޅާފައިވާ ފޯމުތައް އިވެލުއޭޓްކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.

"ހިޔާ" މަޝްރޫއަށް ހުށަހަޅާފައިވާ ފޯމުތައް އިވެލުއޭޓްކުރުމުގެ މަސައްކަތް ކުރުމުގައި، ފްލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތަކަށް ޕޮއިންޓް ދިނުމުގައި ކޮމިޓީން އަމަލުކުރަން ނިންމާފައިވަނީ، އެކި ކެޓަގަރީތަކަށް ޕޮއިންޓް ދިނުމަށް ކުރިންވެސް ހައުސިން މިނިސްޓްރީން އާންމުކުރި އުސޫލުތަކާއި މިންގަނޑުތައް ކަމަށާ "ހިޔާ" މަޝްރޫއު ގެ ފޯމުތަކަށް ޕޮއިންޓް ދިނުމުގައި އަމަލުކޮށްފައިވަނީ ޕޮއިންޓް ދިނުމަށް އެ މިނިސްޓްރީން އާންމުކޮށްފައިވާ އުސޫލުތަކާ މިންގަނޑުތަކާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތުގެ ތެރޭގައި، ބައެއް ފޯމުތަކަށް ޕޮއިންޓް ދީފައިވަނީ ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ނޫންކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން، "ހިޔާ" މަޝްރޫއުގެ ގިނަ ކެޓަގަރީތަކުގައި ދިރިއުޅުމުގެ ހާލަތު، މިބަޔަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާއިރު، މިބަޔަށް ޕޮއިންޓް ދިނުމުގައި ބަލާފައިވަނީ ކޮން ކަންތައްތަކަށް ކަމެއް ނުވަތަ ގެންގުޅެފައިވަނީ ކޮން މިންގަނޑެއް ކަމެއް އެނގެން ނެތް ކަމަށާ އެހެންކަމުން އެ ބަޔަށް ޕޮއިންޓް ދިނުމުގައި ބަލާނެ ކަންތައްތައް ހިމެނޭ މިންގަނޑެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ. އަދި، ދިރިއުޅުމުގެ ހާލަތު އެންމެ ފުރިހަމައަށް ވަޒަންކުރެވޭނީ ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ގޭގެއަށް ޒިޔާރަތްކޮށް، އެ ހާލަތު ބެލުމަށް ފަހުގައިކަމަށް ކޮމިޓީން ނިންމާފައިވާތީ އެ މަސައްކަތްވެސް ފެށިފައިވާ ކަމަށެވެ.

"ހިޔާ" މަޝްރޫއަށް ހުށަހަޅާފައިވާ ހުރިހާ ފޯމެއްވެސް ކޮމިޓީއިން ދިރާސާކުރުމަށް ނިންމާފައިވާއިރު، ކޮމިޓީއިން ފޯމުތައް ބަލާ ވަކި ޕްރޮސެސްއެއް އޮންނަކަން ފާހަގަކުރައްވާ މިނިސްޓްރީން ކަނޑައަޅުއްވާފައިވާ ޝަރުތުތައް ފުރިހަމަވޭތޯއާއި، ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަތޯ ބަލައި، އެ މިނިސްޓްރީއިން ކަނޑައަޅާފައިވާ ޕޮއިންޓް ދިނުމުގެ މިންގަނޑާ އެއްގޮތަށް ކޮންމެ ފޯމަކަށްވެސް ދިރިއުޅުމުގެ ހާލަތުގެ ބައި ފިޔަވައި ޕޮއިންޓް ދެވޭނެ ކަމަށެވެ. އަދި ދެ ފަހަރެއްގެ މަތިން މި ޕްރޮސެސް ކުރިއަށް ގެންގޮސް ކޮންމެ ފޯމެއް ދެ ފަހަރަށް ސްކްރީން ކުރެވޭނެ ކަމަށް ވަނީ ބުނެފަ އެވެ.

"ހުށަހަޅާފައިވާ ފޯމްތައް މި ކޮމިޓީއިން އެސެސްކުރަމުންދަނީ، އަދި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވަނީ އޭރުގެ ހައުސިން މިނިސްޓްރީން ކޮންމެ ކެޓަގަރީއަކަށްވެސް އެންމެ ފަހުން ގެޒެޓްކޮށްފައިވާ ޝަރުތުތަކާއި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލުތައް އަސްލަކަށް ބަލައިގެން. މިގޮތުން ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއިން ކޮންމެ ކެޓަގަރީއެއް އެސެސްކުރުމަށް ބޭނުންކުރާ ފޯމު 2019 ޑިސެންބަރު 1 ވަނަ ދުވަހު އާންމުކޮށްފައިވާނެ."

މީގެ އިތުރުން ސްކްރީނިން ޕްރޮސެސްގެ ތެރޭގައި ޕޮއިންޓް ދެވޭއިރު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކަށް ބަލާ ޕޮއިންޓް ދޭންޖެހޭ ގޮތަށް ހަމަޖެހިފައިވާއިރު، "ހިޔާ" މަޝްރޫއަށް ހުށަހަޅާފައިވާ ބައެއް ފޯމުތަކާއެކު ހުށަހަޅަންޖެހޭ ގިނަ ލިޔެކިޔުން މަދު ކަމަށްވެސް ވަނީ ބުނެފަ އެވެ.

"އެގޮތުން އުފަންދުވަހުގެ ސެޓްފިކެޓާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަން އަންގައިދޭ ލިޔުންފަދަ މުހިއްމު ލިޔުންތައް މަދުކަމަށް ފާހަގަވެފައިވޭ. ނަމަވެސް ފޯމުތަކާ މި ކޮމިޓީއިން ހަވާލުވިއިރު، ފޯމުތައް ބަހައްޓާފައިވާ ގޮތުންނާއި، ކޮމިޓީ އޮފީހަށް ފޯމުތައް ގެނައުމުގެ ތެރޭގައި އެކި ލިޔުންތައް ގެއްލިފައިވެދާނެކަމަށް ބަލައި، ކޮމިޓީއިން މިފަދަ ފޯމުތައް ބާތިލްކުރުމުގެ ބަދަލުގައި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ މެދުވެރިކޮށް މި މައުލޫމާތު ވެރިފައިކުރުމުގެ ޕްރޮސެސްއެއް ކުރިއަށްގެންދެވެނޭ."

ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމުގެ މަސައްކަތުގެ ތެރެއިން، އެންމެ ފުރަތަމަ ކުރެވޭ ކަމަކީ، އެ ކެޓަގަރީއަކުން ސްކްރީނިން ޕްރޮސެސްއިން، ޝަރުތު ހަމަވާކަމަށް ކަނޑައެޅޭ ފަރާތްތަކަށް ގުޅައި، އެ ފަރާތްތަކުން މިހާރު ދިރިއުޅޭ އެޑްރެސް ވެރިފައިކުރުމުގެ މަސައްކަތް ކަމަށާ އަދި ފޯމު ހުށަހަޅާފައިވާ ބައެއް ފަރާތްތަކުން ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅެމުންދާތީ، މި ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމުގެ މަސައްކަތް، އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް ކުރެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

"އެކިއެކި ކެޓަގަރީތަކަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ 'ދިރިއުޅުމުގެ ހާލަތު' ބެލުމަށްފަހު، ލިބޭ މައުލޫމާތު ސިސްޓަމަށް އެންޓާކުރުމުގެ މަސައްކަތް ކުރެވޭނެ. އަދި ފޯމަށް ދެވޭ ޕޮއިންޓާއި، ދިރިއުޅުމުގެ ހާލަތުގެ ބަޔަށް ދެވޭ ޕޮއިންޓް އެއްކޮށް މި ދެބަޔަށް ލިބޭ ޕޮއިންޓްގެ މައްޗަށް ބިނާކޮށް، ފްލެޓް ހައްގުވާ ފަރާތްތަކުގެ ލިސްޓް އެކުލަވާލެވި، އާންމުކުރުމުގެ މަސައްކަތް ކުރެވޭނެ."

ފްލެޓް ކޮމެޓީން ބުނީ ހުށަހަޅާފައިވާ ފޯމުތައް ކޮމިޓީއިން ދިރާސާކުރުމަށްފަހު، ފްލެޓް ހައްގުވާ ފަރާތްތައް ކަނޑައަޅައި، ލިސްޓުތައް އާންމުކުރެވޭއިރު، ކޮންމެ ފަރާތަކަށްވެސް އެފަރާތަށް ލިބިފައިވާ ޕޮއިންޓާއި، ޕޮއިންޓް ލިބިފައިވާ ގޮތް ސާފުކޮށް ހާމަކުރެވިގެންދާނެ ކަމަށެވެ. އަދި ޝަރުތު ހަމަނުވާ ފަރާތްތައްވެސް ޝަރުތު ހަމަނުވާކަމަށް ކަނޑައެޅިފައިވާ ސަބަބު ސާފުކޮށް ބަޔާންކުރެވޭނެ ކަމަށާ މިގޮތަށް އާންމުކުރާ ލިސްޓުތަކާ ގުޅޭގޮތުން އެއްވެސް ފަރާތަކުން ޝަކުވާއެއް ހުށަހަޅަން ބޭނުންނަމަ އެ ފުރުސަތުވެސް ދޭނެ ކަމަށް ވަނީ ބުނެފައެވެ.

ފްލެޓް ކޮމެޓީން މިފަދަ ނިންމުމެއް ނިންމާފައިވާއިރު ކުރީ ސަރުކާރުން ވަނީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭނެ 7000 ވުރެ ގިނަ މީހުން ކަނޑައަޅާފައެވެ. އަދި އެ މީހުންނަށް ވަނީ އެކަމުގެ ލިޔުން ހަވާލުވެސް ކޮށްފަ އެވެ.