ހަބަރު

ކެމިކަލް މެނޭޖްކުރުން ހަރުދަނާކުރުމުގެ މަޝްރޫއުގައި ސޮއިކޮށްފި

ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް) ގެ މާލީ އެހީތެރިކަމާއެކު ކެމިކަލް މެނޭޖްކުރުން ހަރުދަނާކުރުމުގެ މަޝްރޫއުގައި އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިން މިއަދު ސޮއިކޮށްފި އެވެ.

މި މަޝްރޫއުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ. އަދި ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ އދ. އިން ރާއްޖެއަށް ކަނޑައަޅާފައިވާ ރެސިޑެންޓް ކޯޑިނޭޓަރު އަކީކޯ ފުޖީ އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން މާހައުލުގައި ގިނަ ދުވަހު ހަރުލާފަ ހުންނަ އިންސާނުންގެ ސިއްހަތަށާއި ތިމާވެއްޓަށް ގެއްލުންހުރި ކެމިކަލް ރައްކާތެރި ގޮތުގައި ނައްތާލެވޭނެ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި 1989 ކުރިން އުފައްދާފައިވާ ރާއްޖޭގައި ހުރިކަމަށް ފާހަގަކުރެވޭ 24 ޓަނުގެ ޕީސީބީ (ޕްލީކޮލޮރިނޭޓެޑް ބައިފީނައިލްސް) އެކުލެވޭ ކަރަންޓު ހިދުމަތްދޭ ޓްރާންސްފޯމަރުތަކުގައި ހުރި ތެލާއި ޕީސީބީ ބޭނުންކޮށްފައި ހުރި ޓްރާންސްފޯމަރުތައް ރައްކާތެރި ގޮތުގައި ނައްތާލުމަށް ރާވާފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.ޕީސީބީ އުފެއްދުން 1970 އަހަރުން ފެށިގެން މުޅި ދުނިޔެއިން ވަނީ ހުއްޓާލާފަ އެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ނުރައްކާތެރި ކެމިކަލްތައް ލޭބަލްކޮށް، ގުދަންކުރުމާއި، އެއްތަނުން އަނެއްތަނަށް އުފުލުމަށް ހަރުދަނާ ނިޒާމުތައް އެކުލަވާލައި، ކެމިކަލްތައް ރައްކާތެރި ގޮތުގައި ބޭނުންކޮށް މެނޭޖްކޮށް، ކެމިކަލްތައް ރާއްޖެއަށް އެތެރެކުރުން ރެގިއުލޭއްޓްކުރުމަށް ގާނޫނީ އޮނިގަނޑެއް އެކުލަވާލާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ހުސެއިން ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވާ ތަފާތު އެކި ގޮންޖެހުންތަކުގެ ތެރެއިން ރަނގަޅު ގޮތުގައި ކެމިކަލް މެނޭޖްކުރުމަކީ މިއަދު ނުހަނު ސަމާލުކަން ދޭން ޖެހިފައިވާ ކަމެއްކަމަށާއި އެހެންކަމުން ނުރައްކާތެރި ކެމިކަލްތައް އަދި ކުނި ރައްކާތެރި ގޮތުގައި ނައްތާލުމަށް ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށެވެ.

ހުސައިން ރަޝީދު ވިދާޅުވީ ރައްކާތެރި ގޮތުގައި ކެމިކަލްތައް ބޭނުންކުރުމާއި ކެމިކަލްތަކުގެ މެނޭޖްމަންޓް ހަރުދަނާ ކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށާއި، އަދި ވަރަށް ބޮޑު އަހުމިއްޔަތު ކަމެއް ދީގެން ކުރާކަމެއް ކަމަށެވެ. އެގޮތުން ކެމިކަލްތައް މޭންޖްކުރުމަށް ޕޮލިސީ، ޕްލޭން އަދި ސްޓްރެޖީތައް އެކުލަވާލުމުށް ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ ނުރައްކާތެރި ކެމިކަލްތަކުން އިންސާނުންނާއި ތިމާވެށި ރައްކާކުރުމަށް ވަރަށް ބޮޑަށް އިސްކަންދޭކަމަށެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ސަބަބުން ރައްކާތެރި ގޮތުގައި ކެމިކަލްތަކާއި ނުރައްކާތެރި ކުނި މެނޭޖްކުރުމަށް ބޮޑު ކުރިއެރުމެއް ލިބޭނެ އެވެ.