ދިރާގު

ދިރާގުޕޭއިން އެލައިޑްގެ ޕޮލިސީތަކަށް ފައިސާ ދެއްކޭނެ

ދިރާގުގެ ޑިޖިޓަލް ވޮލެޓް، ދިރާގު ޕޭ މެދުވެރިކޮށް އެލައިޑްގެ އިންޝުއަރެންސް ޕޮލިސީތަކައް ފައިސާ ދެއްކޭން ގޮތް ހަމަޖައްސައިފި އެވެ.

މި ހިދުމަތް ތައާރަފު ކުރުމުގެ ގޮތުން ދެ ކުންފުނިން ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. ދިރާގުން ބުނީ ދިރާގު ޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް މިހާރު އެލައިޑްގެ އެޕްލިކޭޝަން، އެލައިޑް ވެބްސައިޓް އަދި www.travelers.mv އިން އެލައިޑްގެ ހުރިހާ އިންޝުއަރެންސް ޕޮލިސީ ތަކަށް ފައިސާ ދެއްކޭނެ ކަމަށެވެ.

މީގެ އިތުރުން އެލައިޑްގެ ކަސްޓަމާ ސާވިސް ސެންޓަރުތަކުން ވެސް "ކިއުއާރު ކޯޑް" ޖެހުމަށްފަހު ނޫނީ އެލައިޑްގެ މާޗެންޓް އައިޑީ ޖެހުމަށްފަހު ދިރާގު ޕޭގެ އެޕްލިކޭޝަން މެދުވެރި ކޮށް، ލައިފް އިންޝުއަރެންސް ފިޔަވާ އެހެން ހުރިހާ ޕޮލިސީތަކަށް ފައިސާދެއްކޭނެ ކަމަށެވެ.

ދިރާގު ޕޭ އަކީ ކޭޝްލެސް ނުވަތަ ޖީބުގައި ފައިސާ އަދި ޕްލާސްޓިކް ކާޑް ނުގެންގުޅެ ވިޔަފާރީގެ އެކި މުއާމަލާތް ހިންގޭ ޑިޖިޓަލް ވޮލެޓެކެވެ.

ރާއްޖޭގައި ނިއާ ފީލްޑް ކޮމިއުނިކޭޝަން (އެންއެފްސީ) ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ މޯބައިލް ފޯނަކުން ވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާ ދެއްކޭނެގޮތާއި ފައިސާ ޖަމާ ކުރުމާއި ފައިސާ ނެގޭނެ ގޮތަށް ތައާރަފްކުރި މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކާމާއި ރައްކާތެރި ކަމާއެކީ ބާޒާރު ކުރުމާއި ފައިސާގެ މުއާމަލާތް ހިންގޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުޕޭގެ މި ހިދުމަތް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުން 270 މާޗެންޓުން ފޯރުކޮށްދެ އެވެ. އަދި މާޗެންޓުން ބޭނުން ކޮށްގެން ދިރާގުޕޭ ގެ ކަސްޓަމަރުން ކުރާ ވިޔަފާރި ތަކަށް 10 ޕަސެންޓް އާއި 50 ޕަސެންޓާއި ދެމެދުގެ ޑިސްކައުންޓު ދެ އެވެ.