ދިވެހި ރައްޔިތުންނާއި ރާއްޖޭގައި އުޅޭ ބިދޭސީންނާއި ރާއްޖެ އަންނަ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެއްވެންހުރި ހުރިހައި މަސައްކަތެއް ސަރުކާރުން ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިކް މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ތިން ބިދޭސީއަކަށް ހަމަލާދީ ހިންގާފައިވާ އަމަލާ ގުޅިގެން ބޭއްވެވި ނެޝަނަލް ސެކިއުރިޓީ ކައުންސިލް (އެންއެސްސީ) ގެ ކުއްލި ބައްދަލުކުރެއްވުމަކަށްފަހު ސަރުކާރުން ނެރުއްވި ނޫސްބަޔާނެއްގަ އެވެ.
ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ ސަރަޙައްދުގައި މިފަދަ ފިނޑި އަމަލުތައް ހިންގުމަށް މަސައްކަތްކުރާ، އަދި މި އަމަލުތައް ހިންގާނެކަމުގެ އިންޒާރުދޭ ފަރާތްތަކާ ދެކޮޅަށް، ވަގުތުން ވަގުތަށް ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.
ހުޅުމާލޭގައި ހިންގި އަމަލުގެ ތަހުގީގެއް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ. މި އަމަލު ހިންގުމުގައި ބައިވެރިވެފައިވާކަމަށް ޝައްކުކުރެވޭ ތިން މީހަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައި ކަމަށް ބަޔާނުގައި ވެ އެވެ. އަދި، އެ ހާދިސާގައި އަނިޔާވި ތިން ބިދޭސީންނަށް ބޭނުންވާ ސިއްހީ ފަރުވާ ފޯރުކޮށްދެމުންދާކަމާއި، އެ ތިން މީހުންގެ ހާލު ރަނގަޅުކަމަށްވެސް ބަޔާނުގައި ވެ އެވެ.
"..މިފަދަ ހަމަލާތަކާއި ހަރުކަށި ފިކުރުގެ މިފަދަ އެހެން އަމަލުތަކަކީ ގައުމީ ސަލާމަތަށް ހުރި ވަރަށް "ސީރިއަސް" ނުރައްކަލެއްގެ ގޮތުގައި ސަރުކާރުން ދެކޭކަން ވެސް މި ފުރުސަތުގައި ދަންނަވަން.." ބަޔާނުގައި ވެ އެވެ.
މި ހާދިސާއާ ގުޅިގެން ރައީސް ވަނީ، މިފަދަ އަމަލުތަކާ މެދު ފަރުވާތެރިވެ، ޝައްކުކުރެވޭ އެއްވެސް ކަމެއް ފެނިއްޖެނަމަ ވީ އެންމެ އަވަހަށް އެކަމާބެހޭ މަޢުލޫމާތު ކަމާ ބޭހޭ އިދާރާތަކަށް ހިއްސާ ކުރެއްވުމަށް އާންމުންގެ ކިބައިން އެދިވަޑައިގަންނަވާފަ އެވެ.
"..މިފަދަ ނުރައްކާތެރި އަމަލުތަކާއި، ހަރުކަށި ފިކުރުގެ އެއްވެސް އަމަލަކަށް ދިވެހިރާއްޖެއިން ފުރުސަތު ނުދޭނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އަރުވާފައިވޭ.." ބަޔާނުގައި ވެ އެވެ.
އަދި އެފަދަ ޖަރީމާތަކާ ގުޅިގެން ރަސްމީ އިދާރާތަކުން ހާމަކުރާ މައުލޫމާތަށް މެނުވީ ބަރޯސާ ނުވުމަށް ރައީސް އެދިވަޑައިގަތެވެ.