ވިޔަފާރިތަކަށް ހާއްސަ އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) ހިދުމަތް ތަކެއް ސަރުކާރުން ވަރަށް އަވަހަށް ތައާރަފު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ޑްރީމްސް މޮބައިލްގެ އާ ފިހާރަ "ޑްރީމްސް އެލްޓީއީ" ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ މީގެ ކުރިން އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ގެ ރޮނގުން އެހެން ސަރުކާރަކުން ނުކޮށްދޭހާ ގިނަ ކަންތައް ކުރަން ރާވާފައިވާ ކަމަށެވެ.
"އަޅުގަނޑު ނުދަންނަވަން އެހެން ސަރުކާރުތަކުން މި ދާއިރާއިން ކަމެއް ނުކޮށްދޭ ވާހަކަ އެއް. ނަމަވެސް އެހެން ސަރުކާރަކުން މިކަމަށް އެކަށީގެންވާ މަސައްކަތެއް ޕޮލިސީ ލެވަލްގައި ގެނެސްފައެއް ނެތް. އައިޓީ އިންޑަސްޓްރީގައި މަސައްކަތްކުރާ ޒުވާނުންނަށް ހުރި ހުރަސްތަށް ނައްތާލައި އައިޓީ އިންޑަސްޓްރީ އޭގެ އަސްލު ގްރޯތާ ހަމައަށް ގެނައުމަށް ރައީސް ވަނީ ވަރަށް މުހިންމު މަސައްކަތްތަކެއްގެ ތެރެ އަށް ވަދެވަޑައިގެންފައި،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އައިޓީ ދާއިރާ ތަރައްގީ ކުރުމަށް ރައީސް އަބްދުﷲ ޔާމީން އާއި އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ، ނައިބް ރައީސް އަހުމަދު އަދީބު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ.
"މި ރޮނގުން އެޅިގެންދާ މުހިންމު ފިޔަވަޅުތައް ވަރަށް އަވަހަށް ތިލަ ކުރެވިގެންދާނެ،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ސަރުކާރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ހާއްސަކޮށްގެން ހިންގާ ޕްރޮގްރާމްތަކުގެ މަންފާ ފެނިގެންދާ ކަމަށެވެ.
"ރާއްޖޭގެ ފާއިތުވެގެން ދިޔަ ދުވަސްތަކުގައި އެސްއެމްއީ ސެކްޓާއަށް ނުދެއްވާ ސަމާލުކަން މިވަނީ ދެއްވަން ފައްޓާފަ. މީގެ ނަތީޖާ ވެސް ދަނީ ފެންނަމުން،" ސައީދު ވިދާޅުވި އެވެ.