ކުޅިވަރު

ބާސާ އާއި ރެއާލްވެސް ސްޕެނިޝް ކަޕުން ކަޓައިފި

ކޮޕަ ޑެލްރޭ ނުވަތަ ސްޕެނިޝް ކަޕްގެ ކުއާޓާ ފައިނަލުން އެންމެ ފަހުގެ ރަނަރަފް ބާސެލޯނާ އައި ރެއާލް މެޑްރިޑް ކަޓައިފި އެވެ.

ބާސާ ހިތްދަތިކޮށް ކެޓީ، އެތުލެޓިކް ކުލަބު ބިލްބާއޯ އަތުންނެވެ. މެޗުގެ ފުރިހަމަ ވަގަތު ލަނޑެއް ނުޖެހި އެއްވަރުވާން ދަނިކޮށް ބިލްބާއޯގެ އިނާކީ ވިލިއަމްސް މެޗުގެ އެންމެ ފަހު ވަގުތުގައި ވަނީ ބާސާގެ ގޯލް ފޫއަޅުވާލާފަ އެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ރެއާލް ސޮސިއެދާދު އަތުން ބަލިވީ، 4-3 ންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ސޮސިއެދާދުން ލީޑް ނެގި އެވެ. އެ ޓީމުގެ ލަނޑު 22 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ރެއާލްގެ ލޯން އެއްބަސްވުމުގެ ދަށުން ސޮސިއެދާދަށް ކުޅެމުންދާ ނޯވޭގެ މިޑްފީލްޑާ މާޓިން އޮޑެގާޑް އެވެ.

ސޮސިއެދާދުގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ، އެލެގްޒެންޑާ އައިސަކް އެވެ. އޭނާ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ 54 ވަނަ މިނެޓްގަ އެވެ. ބިލްބާއޯގެ ތިން ވަނަ ލަނޑު އޭނާ ކާމިޔާބު ކުރީ އޭގެ ދެ މިނެޓް ފަހުންނެވެ. މެޗުގެ 59 ވަނަ މިނެޓްގައި ބްރަހިމް ޑިއަޒް ތަނަވަސްކޮށްދިން ފުރުސަތަކުން މާސެލޯ ވަނީ ރެއާލްގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

އެހެންނަމަަވެސް 69 ވަނަ މިނެޓްގައި މިކެލް މެރީނޯ، ސޮސިއެދާދުގެ ހަތަރު ވަނަ ލަނޑު ކާމިޔަބު ކުރުމުން ރެއާލްއަށް އިތުރަށް އުނދަގޫ ވެގެންދިޔަ އެވެ. މެޗުގެ 81 ވަނަ މިނެޓްގައި ރޮޑިރީގޯ ހޮއިސް ވަނީ ރެއާލްގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު މެޗުގެ 93 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ނަޗޯ ފެންންޑޭޒް އެވެ.

މެޗުގެ 95 ވަނަ މިނެޓްގައި ސޮސިއެދާދުގެ އަންޑޯނީ ގޮރޯސަބެލް އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.