އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު، ކުލަބު ގްރީން ސްޓްރީޓްސްގެ މިޑްފީލްޑާ މުހައްމަދު އާރިފް (ބަކާ) ގައުމީ ސްކޮޑަށް ނަގައިފި އެވެ.
އެހެންނަމަވެސް، އެ ޓީމުގެ ފޯވަޑް މުހައްމަދު އުމޭރުއަށް ގައުމީ ސްކޮޑުން ފުރުސަތެއް ނުދެ އެވެ. ކޮންމެ ކުލަބަކުންވެސް ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ލިސްޓް އެފްއޭއެމުން ވަނީ ކުލަބުތަކަށް ފޮނުވާފަ އެވެ. އުމޭރުއަށް އެންމެ ފަހުން ގައުމީ ސްކޮޑުން ފުރުސަތު ދީފައި ވަނީ 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރު ވުމަށް ނެގި ސޮކޮޑުންނެވެ. އެހެންނަމަވެސް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލު ސްކޮޑުން އޭނާ ބާކީ ކުރީ އެވެ.
ގައުމީ ޓީމުގެ އާ ކޯޗް، ހޮލެންޑްގެ މާޓިން ކޫޕްމަންގެ ސްކޮޑުން އުމޭރުއަށް ފުރުސަތު ލިބިފައި ނުވިނަމަވެސް، އޭނާ ވަނީ ލީގްގެ ތިން ވަނަ ބުރުގައި ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. ގަދަ ހަތަރެއްގެ ތެރެއަށް ގްރީން ގެންގޮސް ދިނުމަށް އެންމެ މުހިންމު ދައުރެއް އަދާ ކުރީވެސް އޭނާ އެވެ.
ބަކާ އަށް މީގެ ކުރިން، ގައުމީ ޓީމުން ފުރުސަތު ދީފައި ވަނީ ނޮވެމްބަރު، ތިނެއް 2018 ގައި މެލޭޝިއާ އާ ދެކޮޅަށް ރާއްޖެ ކުޅުނު އެކުވެރިކަމުގެ މެޗުގަ އެވެ.
ގްރީން ސްޓްރީޓުން ގައުމީ ޓީމަށް ދެން ނަގާފައި ވަނީ، ކުރިންވެސް ގައުމީ ސްކޮޑުގައި ހިމެނުނު، ޒުވާން ފޯވަޑް އަބްދުﷲ ޔާމީން (ޔާން) އާއި ޑިފެންޑަރު މުހައްމަދު ސާއިފް އެވެ.
ގައުމީ ޓީމުން ފުރުސަތު ލިބުނު ފާހަގަ ކުރެވޭ އަނެއް ކުޅުންތެރިޔަކީ ޓީސީގެ ތަޖުރިބާކާރު މިޑްފީލްޑާ އަހްމަދު ރިލްވާން (ބެން) އެވެ. ވޯލްޑް ކަޕް ކޮލިފިކޭޝަންގައި މިދިޔަ އަހަރު ގުއާމް އާއި ޗައިނާ އާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑުގައިވެސް ބެން ހިމެނިކަން އޭނާ އަށް އެންގި އެވެ. އެހެންނަމަވެސް އޭނާ އަށް އޭރު ގައުމީ ޓީމާއެކު ނުދެވުނީ އާއިލީ ކަމެއްގައި ރާއްޖެއިން ބޭރަށް ދާން ޖެހުމުން ކަމަށް ބެން އޭރު އަވަސް ބުނެފައި ވެއެވެ.
ކޫޕްމަން، ރާއްޖޭގެ ކޯޗް ކަމާ ހަވާލުވި ދުވަހު ބުނެފައި ވަނީ ކުޅުންތެރިން ގައުމީ ޓީމަށް ނަގާނީ ކޯޗް ނޫން ކަމަށާއި، އެ ކުޅުންތެރިން ގައުމީ ޓީމަށް ނަގާނީ އެ ކުޅުންތެރިން އަމިއްލައަށް ކުރާ މަސައްކަތުން ކަމަށެވެ. އެދުވަހު އޭނާ ބުނެފައި ވަނީ މޮޅަށް ކުޅޭނަމަ ކޮންމެ އުމުރެއްގެ ކުޅުންތެރިޔެއްވިޔަސް އެ ކުޅުންތެރިޔަކު ގައުމީ ޓީމަށް ނަގާނެ ކަމަށެވެ.