ބޮލީވުޑް

މޯހިތު ސޫރީގެ "މަލަންގް" ކާމިޔާބުވާނެ ކަމުގެ އުންމީދު ބޮޑު

މޯހިތު ސޫރީ ޑައިރެކްޓްކޮށްފައިވާ "މަލަންގް" ހުކުރު ދުވަހު ރިލިޒްކުރާއިރު ފިލްމު ކާމިޔާބުވާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ޓްރޭޑް އެނަލިސްޓުން ބުނެފި އެވެ. މި ފިލްމާއެކު އިތުރު ދެ ފިލްމެއް ހުކުރު ދުވަހު ރިލީޒް ކުރެ އެވެ. އެއީ ހީނާ ޚާންގެ "ހެކްޑް" އާއި ޑައިރެކްޓަރު ވިދޫ ވިނޯދް ޗޯޕްޅާގެ "ޝިކާރާ" އެވެ. ނަމަވެސް މި ދެ ފިލްމަށް ވުރެ މަލަންގްގެ ވިޔަފާރި ރަނގަޅުވާނެކަމަށް ވަނީ ގަބޫލު ކުރެވިފަ އެވެ.

މަލަންގްގެ ތަރިންނަކީ އަދިތުޔާ ރޯއި ކަޕޫރާއި ދިޝާ ޕަޓްނީ އަދި އަނިލް ކަޕޫރާއި ކުނާލް ކޭމޫ އެވެ. އެ ފިލްމުގެ ބޮކްސް އޮފީސް ވިޔަފާރި ލަފާ ކުރަމުން ޓްރޭޑް އެނަލިސްޓް ގިރިޝް ޖޯހަރް ބުނީ އެ ފިލްމުގެ ޓްރެއިލާ އަށް ވަރަށް ރަނގަޅު ތަރުހީބެއް ބެލުންތެރިން ދީފައިވާ ކަމަށާއި ހިއްޕީ ޒާތުގެ ބޮލީވުޑް ފިލްމަކަށް ވާތީ ޒުވާނުންނަށް ވަރަށް ފިލްމު ކަމުދާނެކަމަށް ފެންނަ ކަމަށެވެ. އަނެއްކޮޅުން ޑައިރެކްޓަރު މޯހިތު ސޫރީ އަކީ ވަރަށް ކާމިޔާބު ރީތި ފިލްމުތަކެއް އުފައްދާފައިވާ މީހަކަށް ވާތީ އާއި އޭނާގެ ފިލްމެއް ރިލީޒް މި ވަނީ ވަރަށް ގިނަ ދުވަސް ތަކަކަށް ފަހު ކަމަށް ވާތީ މޯހިތުގެ ފޭނުން މި ފިލްމަށް ބޮޑު ތަރުހީބެއް ދޭނެ ކަމަށް ބެލެވޭ ކަމަށް ވެސް ގިރިޝް ބުންޏެވެ.

މޯހިތުގެ ފިލްމުތަކުގެ މިއުޒިކް އާދަޔާޚިލާފަށް ރީތި ކަމަށާއި މަލަންގްގެ މިއުޒިކް ވެސް ވަރަށް ގިނަ ބަޔަކަށް ރީތިވުމަކީ ވެސް ފިލްމު ރަނގަޅަށް ހިނގާނެ ކަމަށް ބެލެވޭ ސަބަބެކެވެ. އާއްމުކޮށް ބަލާއިރު ފިލްމަށް ބެލުންތެރިންގެ ތަރުހީބު ފެންނަނީ ވަރަށް ރަނގަޅުކަމަށެވެ.

ޓްރޭޑް އެނަލިސްޓް ލަފާ ކުރަނީ މަލަންގްގެ ފުރަތަމަ ދުވަހުގެ ވިޔަފާރި އުޅޭނީ ހަ ކްރޯޑުގައި ކަމަށެވެ. ފިލްމު ރިލީޒްކުރަން ލިބުނީ 2000 ސްކްރީން ކަމަށް ވާތީ މި ވަރު ލިބުމަކީ ވަރަށް ރަނގަޅު ފެށުމަކަށް ވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ފުރަތަމަ ދުވަހުގެ ވިޔަފާރި ރަނގަޅަސް ފިލްމަށް ބެލުންތެރިން ދޭ ތަރުހީބު ބޮޑަށް ފެންނާނީ ހަފުތާ ބަންދުގަ އެވެ. އެންމެ ކުރިން ފިލްމު ބަލާ މީހުން ފިލްމު މޮޅު ކަމަށް ބުނާނަމަ ފިލްމުގެ ވިޔަފާރި މުޅި ހަފުތާގައި ރަނގަޅުވެގެން ދާނެ އެވެ.

ކުރީ ހަފުތާ ތަކުގައި ރިލީޒްކުރި ބައެއް ފިލްމުތައް އަދިވެސް ސިނަމާތަކުގައި ދައްކަމުން ދިއުމަކީ މަލަންގްގެ ވިޔަފާރިއަށް ކޮންމެވެސް ވަރެއްގެ އަސަރެއް ކުރާނެ ކަމެކެވެ. އެގޮތުން ކަންގަނާ ރަނާވަތުގެ "ޕަންގާ"، ވަރުން ދަވަންގެ "ސްޓްރީޓް ޑާންސާ 3ޑީ"، އަޖޭ ދޭވްގަންގެ "ތާނާޖީ: ދި އަންސަންގް ހީރޯ" އަދިވެސް ބައެއް ސިނަމާތަކުގައި ދައްކަމުން އެބަދެ އެވެ.