ޕީޕީއެމްްގެ ޕްރައިމަރީ

ޖޯޝުގައި ނުޖެހި ޕްރައިމަރީ ނިންމާލުމަކީ ކާމިޔާބެއް: ޣައްސާން

ޖޯޝުގައި ނުޖެހި ޕީޕީއެމްގެ ޕްރައިމަރީ ނިންމާލެވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ޣައްސާން މިހެން ވިދާޅުވީ އަންނަ އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ވާދަ ކުރާ ކެންޑިޑޭޓުންގެ ތެރޭ ބޭއްވި ޕްރައިމަރީގައި ވޯޓު ފޮއްޓެއް އަންދާލުމަކީ މައްސަލައެއް ނޫން ކަމަށާއި ޖޯޝުގައި ކުރި ކަމެއް ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.

ޣައްސާން ކުރެއްވި ޓުވީޓް

ޕީޕީއެމްގެ ޕްރައިމަރީ ރޭގެ ވަގުތެއްގައި ނިންމާލައި، ނަތީޖާ އިއުލާން ކޮށްފައިވާއިރު ޕްރައިމަރީގެ ބައިވެރިންނަށް ޝުކުރު އަދާ ކުރުމުގެ ގޮތުން ޣައްސާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖޯޝުގައި ނުޖެހި އެ އިންތިހާބު ނިންމާލެވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ޕީޕީއެމްގެ ޕްރައިމަރީ އިއްޔެ 1000 އަށް ވުރެ ގިނަ ކެންޑިޑޭޓުން 51 ރަށެއްގައި ކުރިޔަށް ދިޔަ އެވެ. އަދި ކައުންސިލް އިންްތިހާބުގެ ކެމްޕެއިންގެ މަސައްކަތް މިހާރު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އަންނަ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.