ވިޔަފާރި

ރާއްޖޭގެ ރިޒާވް އަހަރު ދުވަހުން 39 ޕަސެންޓް މައްޗަށް

އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ރަސްމީ ރިޒާވް އަހަރު ދުވަހުގެ ތެރޭގައި 39 ޕަސެންޓް އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން އާއްމުކޮށްފައިވާ "އިގްތިސާދީ ރިވިއު" ގައިވާ ގޮތުން ޖުލައި މަސް ނިމުނުއިރު، ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 692.5 މިލިއަން ޑޮލަރު ކަމަށާއި މިއީ އަހަރުން، އަހަރަށް ބަލާއިރު، 39 ޕަސެންޓުގެ އިތުރުވުމެކެވެ. މި މުއްދަތުގައި ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި ހުރީ 213.5 މިލިއަން ޑޮލަރެވެ. ބޭނުންކުރެވޭ ރިޒާވް ވެސް މި ވަނީ ހަތަރު ޕަސެންޓް އިތުރުވެފަ އެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު 41 ޕަސެންޓުގެ ކުރިއެރުމެކެވެ.

އަހަރުން އަހަރަށް ބަލާއިރު ރިޒާވް އިތުރުވި ކަމަށް މަރުކަޒީ ބޭންކުން ބުނިނަމަވެސް، މަހުން މަހަށް ބަލާއިރު މި އަދަދު ވަނީ ނުވަ ޕަސެންޓް ދަށަށް ގޮސްފަ އެވެ. މި މުއްދަތުގައި ރާއްޖޭގެ ރިޒާވްގައި ހުރި ފައިސާ ފުދެނީ 4.2 ޕަސެންޓުގެ އިމްޕޯޓަށްވާ ވަރަށެވެ.

ޖޫން މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 712.2 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 49 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މި މުއްދަތުގައި ރާއްޖޭގެ ރަސްމީ ރިޒާވްގެ ތެރެއިން ޔޫޒަބަލް ރިޒާވް (ބޭނުންކުރެވޭ ރިޒާވް) ގެ ގޮތުގައި ހުރީ 234.9 މިލިއަން ޑޮލަރެވެ. މިއީ މަހުން މަހަށް ބަލާއިރު ދެ ޕަސެންޓުގެ ކުރިއެރުމެކެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު 67 ޕަސެންޓް އިތުރު އަދަދެކެވެ.